ރާއްޖެއަށް ތައާރަފްކުރި ޕޭޕަލްގެ ހިދުމަތް އިތުރު ފީޗާތަކާއެކު ފުޅާކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި، ނަމަވެސް ފުރަތަމަ އަމާޒަކަށް ހެއްދެވީ ދިވެހީންނަށް ސީދާ ޑޮލަރު ލިބޭ ގޮތް މަގުފަހިކުރުން ކަމަށް، އުރީދޫ މޯލްޑިވްސްގެ ހެޑް އޮފް ފިންޓެކް އެންޑް ޕާޓްނަރޝިޕް އަހްމަދު ނޫމާ ވިދާޅުވެއްޖެއެވެ.
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ޓްރާންސްޕޯޓް އެންޑް ޓްރޭޑާއި އުރީދޫ ގުޅިގެން ޕޭޕަލްއާ ގުޅޭ މައުލޫމާތު ދިނުމަށް ބޭއްވި ސެޝަންގައި ނޫމާ ވިދާޅުވީ، ގޭގައި ތިބެ ކުޑަ ވަގުތުކޮޅެއްގެ ތެރޭ ބައިނަލްއަގްވާމީ ޕްލެޓްފޯމްތަކުގައި ދިވެހި އުފެއްދުންތައް ވިއްކައި، ލިބޭ ޑޮލަރު ސީދާ އަތަށް ލިބޭ ދޮރު ހުޅުވާލި ކަމަށެވެ. ކްރިޕްޓޯ ކަރަންސީ ހިދުމަތްތަކާއި އިތުރު މާޗަންޓް ހިދުމަތްތައް ވެސް ކުރިއަށް އޮތް ތަނުގައި ލިބެމުންދާނެ ކަމަށް ނޫމާ ވިދާޅުވިއެވެ.
ޕޭޕަލްގެ ހިދުމަތާއެކު އެމްފައިސާ މެދުވެރިކޮށް ލިބޭ ޑޮލަރު ބީއެމްއެލް އަދި އެމްއައިބީ ގެ ޑޮލަރު އެކައުންޓްތަކަށް ތިން މިނެޓަށްވުރެ ކުޑަ ވަގުތުތެރޭ ފޮނުވޭނެ ކަމަށް، އުރީދޫ ސީސީއޯ ހުސެއިން ނިޔާޒް ވިދާޅުވިއެވެ. މި ހިދުމަތުން އެންމެ ބޮޑު ފައިދާ ކުރާނީ ގެސްޓްހައުސް ވިޔަފާރިތަކަށް ކަމަށާއި، ޕޭޕަލްގެ އެކައުންޓުތައް ގެންގުޅޭ، އެޔަށް އަހުލުވެރި ފަތުރުވެރިންނަށް ރާއްޖޭގައި ފަސޭހައިން ފައިސާ ދެއްކޭ ގޮތް ވާނެ ކަމަށް ވެސް ނިޔާޒް ވިދާޅުވިއެވެ.





