ހައްޖު ކޯރޭޝަންގެ އެމްޑީ ކަމުގައި ހުންނެވި ޝަކީލު، އިލެކްޝަން ކޮމިޝަނުގެ މެންބަރު ކަމަށް

ހައްޖު ކޯރޭޝަންގެ އެމްޑީ ކަމުގައި ހުންނެވި ޝަކީލު، އިލެކްޝަން ކޮމިޝަނުގެ މެންބަރު ކަމަށް

ހައްޖު ކޯޕަރޭޝަންގައި މިހާރުގެ މެނޭޖިން ޑިރެކްޓާ މުހައްމަދު ޝަކީލް، އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ހުސްވެފައިވާ މެންބަރުކަމުގެ މަގާމަށް އައްޔަންނަން ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފިއެވެ.

އެ މަގާމަށް ކުރިމަތިލުމަށް އާންމުކޮށް ހުޅުވާލުމުން ކުރިމަތިލި ބޭފުޅުންގެ ތެރެއިން އިލެކްޝަންސް ކޮމިޝަންގެ މެންބަރަކުކަމަށް ކުރިމަތިލި ބޭފުޅުންގެ ތެރެއިން އެ ކޮމިޝަނަށް ދަފްތަރު ނަންބަރު ރސ. 13449، މުހައްމަދު ޝަކީލް އައްޔަން ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ދެއްވުމަށް އެދި ވަޑައިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް ފޮނުއްވި ސިޓީފުޅު މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އިއްވެވުމުން އެ މައްސަލަ އިތުރަށް ދިރާާ ކުރުމަށް ވަނީ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވައިފައެވެ.

ޝަކީލުގެ ނަންފުޅާއެކު އީސީގެ މެންބަރުކަމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ޝަރުތުހަމަވާ ހުރިހާ ބޭފުޅުންގެ ނަންތައް ވެސް ވަނީ މަޖިލީހަށް ފޮނުއްވާފައެވެ.

އީސީގެ މެންބަރުކަމަށް އައްޔަން ކުރެއްވުމަށް މަޖިލީހަށް ނަން ފޮނުއްވި ޝަކީލް މީގެ ކުރިން ވެސް ވަނީ އީސީގެ މެންބަރު ކަމުގެ މަގާމު އަދާކުރައްވާފައެވެ. އެގޮތުން، 2014 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތިނަކުން ފެށީގެން  ނުވައެއް މެއި 2018 އާ ހަމައަށް މެންބަރުކަން ކުރައްވާފައިވާއިރު  2013 ސެޕްޓެމްބަރުން ފެށިގެން ތިނެއް ޑިސެމްބަރު 2014އާ ހަމައަށް އެ ކޮމިޝަންގެ ޑިރެކްޓާ ޖެނެރަލް ކަމުގެ މަގާމުވެސް އަދާކުރައްވާފައިވެއެވެ.

އީސީގެ މެންބަރުކަމުގެ މަގާމު ހުސްވީ މީގެ ކުރިން އެ ކޮމިޝަންގެ ރައީސްކަމުގެ މަގާމުގައި ހުންނެވި، މުހައްމަދު ޒާހިދު، އެ ކޮމިޝަންގެ ރައީސް ކަމުގެ މަގާމުންނާއި މެންބަރުކަމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

އީސީއަކީ ފަސް މެންބަރުންގެ މައްޗަށް އެކުލެވޭ ކޮމިޝަނެކެވެ. އެ ކޮމިޝަނުގައި މިވަގުތު ތިއްބެވީ ނައިބު ރައީސް އަބްދުއްރަޙްމާން ސަލާހު ރަޝީދާއި މެންބަރުން ކަމަށްވާ ހަސަން ޒަކަރިއްޔާ އާއި އަބްދުލްހަސީބް އިސްމާއީލް އާއި ރިފްއަތު އަބްދުﷲއެވެ. މިވަގުތު އެކޮމިޝަނުގެ ރައީސްގެ މަގާމު އޮތީ ހުސްކޮށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *