18 އަހަރު ކުރިން ނަގާފައިވާ ދަރަނިތައްވެސް މިދަނީ ދައްކަމުން: ރައީސް

18 އަހަރު ކުރިން ނަގާފައިވާ ދަރަނިތައްވެސް މިދަނީ ދައްކަމުން: ރައީސް

މީގެ 18 އަހަރު ކުރިން ރާއްޖެއިން ނެގި ދަރަނިތައް އަދިވެސް ދައްކަމުން ގެންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ދ.މީދޫ ކައުންސިލް ވެރިކަންކުރާ ޕީއެންސީއަށް ކާމިޔާބުވުން ފާހަގަކުރުމުގެ ގޮތުން މިރޭ އެރަށުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ޑރ.މުއިއްޒު ވަނީ ރާއްޖޭގެ ދަރަނީގެ މުހިންމު މައުލޫމާތުތަކެއް ހިއްސާކުރައްވާފައެވެ. އެގޮތުން ރައީސް ދެއްވި ޕްރެޒެންޓޭޝަނުގައި ވަނީ އަދުގެ ސަރުކާރުން މިހާތަނަށް އަދާކުރި ދަރަންޏާބެހޭ މައުލޫމާތު ތަފްސީލީ ގޮތެއްގައި ހިއްސާކުރައްވާފައެވެ.

ރައީސް ޑރ.މުއިއްޒުގެ ވާހަކަފުޅުން އެންމެބޮޑަށް ފާހަގަވެގެން ގޮސްފައިވަނީ ދަރަނި އަދާކުރުމުގައި މީގެ ކުރިން އެހާބޮޑު އަހަމިއްޔަތުކަމެއް ދެއްވާފައި ނުވާކަމެވެ. އެގޮތުން ކުރީގެ ރައީސް މައުމޫނު ދިވަސްވަރު ނެގި ދަރަނިތައް އަދިވެސް ދައްކަމުންދާކަމަށް ރައީސް ދެއްވި ޕްރެޒެންޓޭޝަނުން ހާމަވިއެވެ. ކުރީގެ ރައީސް މައުމޫންގެ ވެރިކަން ނިމިގެންގޮސްފައިވަނީ 2008 ވަނަ އަހަރެވެ. އޭގެ ފަހުން މިއަދާ ހަމަޔަށް 18 އަހަރު ފުރުނުއިރު، އެދުވަސްވަރު ނަގާފައިވާ ދަރަނިތައް އަދިވެސް އަދާކޮށް ނުނިމޭކަން ރައީސް ހާމަކުރެއްވި މައުލޫމާތުތަކުން އެނގެެއެވެ.

އަދުގެ ސަރުކާރުން އަދާކުރި ދަރަނީގެ ވާހަކަތައް ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، މި ސަރުކާރުން މިހާތަނަށް އާއިރު، 2008 ވަނަ އަހަރުގެ ކުރިން ނަގާފައިވާ ދަރަނިތަކުން އެކަނިވެސް 38.1 މިލިއަން ޑޮލަރު އަނބުރާ ދައްކާފައިވާކަމަށެވެ.
ރައީސް މައުމޫނުގެ ވެރިކަމުގައި ނަގާފައިވާ ލޯނުތަކުގެ އިތުރުން ކުރީގެ ރައީސް ނަޝީދު އަދި ރައީސް ވަހީދުގެ ވެރިކަމުގައި ނެގި ލޯނުތަކަށް މި ސަރުކާރުން 62.5 މިލިއަން ޑޮލަރު ދައްކާފައިވާކަމަށް ރައީސް ވިދާޅުވިއެވެ. އަދި ރައީސް ޔާމީނުގފެ ވެރިކަމުގައި ނަގާފައިވާ ލޯނުތަކަށް 198.7 މިލިއަން ޑޮލަރު އަދި ރައީސް ސޯލިހުގެ ސަރުކާރުގައި ނެގި ލޯނުތަކަށް 891.2 މިލިއަން ޑޮލަރު އަނބުރާ ދެއްކުނުކަން ރައީސް ފާހަގަކުރެއްވިއެވެ.

ކުރީގެ ސަރުކާރުތަކުން ނެގި ދަރަންޏަށް ބަލައިރު، ރައީސް މައުމޫނުގެ ވެރިކަމުގައި ނަގާފައިވާ ދަރަނީގެ ތެރެއިން އަދި މިހާތަނަށް ދައްކަންޖެހޭ 106.3 މިލިއަން ޑޮލަރު އެބައޮތެވެ. ރައީސް ނަޝީދު އަދި ރައީސް ވަހީދުގެ ވެރިކަމުގައި ނަގާފައިވާ ލޯނުތަކަށް 150.4 ދައްކަން ޖެހޭއިރު، ރައީސް ޔާމީނު ވެރިކަމުގައި ނަގާފައިވާ ލޯނުތަކަށް ދައްކަންޖެހޭ އަދަދު އުޅެނީ 710.4 މިލިއަން ޑޮލަރުގައެވެ. ދަރަނި އެންމެ ބޮޑަށް ދައްކަން ޖެހެނީ ރައީސް ސޯލިހް ވެރިކަމުގައި ނެގި ލޯނުތަކަށެވެ. އެގޮތުން އެ ލޯނުތަކަށް އަދިވެސް ނުދައްކާ 1.1 ބިލިއަން ޑޮލަރު އެބައޮތެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *