ދުނިޔޭގެ އެންމެ ބޮޑު އެއް އޮންލައިން ޕޭމަންޓް ޕްލެޓްފޯމް ކަމަށްވާ ޕޭޕަލްގެ ހިދުމަތް އުރީދޫ މެދުވެރިކޮށް ރަސްމީކޮށް ރާއްޖެއަށް ތައާރަފްކޮށްފިއެވެ.
ބާސެލޯ ނަސަންދުރާގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މި ހިދުމަތް ރަސްމީކޮށް ތައާރަފްކޮށްދެއްވާފައެވެ. ރަސްމިއްޔާތުގައި ޕޭޕަލްގެ ރީޖަނަލް ވައިސް ޕްރެޒިޑެންޓް އެންޑް ޖެނެރަލް މެނޭޖަރު އާމިރް ވަލިއާނީ ވެސް ބައިވެރިވެވަޑައިގަތެވެ.
ރާއްޖެއަށް ޕޭޕަލްގެ ވިތުޑްރޯވަލް ހިދުމަތް ހޯދުމަށް ސަރުކާރުން ރަސްމީ މަސައްކަތް ފެށީ 2014 ވަނަ އަހަރުއެވެ. ނަމަވެސް އެންޓި-މަނީ ލޯންޑްރިން ކޮމްޕްލަޔަންސްގެ ބައެއް މިންގަނޑުތައް ހަމަ ނުވުމުގެ ސަބަބުން ހިދުމަތް ގެނައުން ލަސްވިއެވެ. އުރީދޫން ބޭނުންވާ ހުރިހާ ބަދަލުތަކެއް ގެނެސް ނިންމީ މި އަހަރުގެ ކުރީކޮޅެވެ. އަދި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ން ވެސް ވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އުރީދޫއަށް އިންވާޑް ރެމިޓެންސް ލައިސަންސް ހަވާލުކޮށްފައެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު، މީގެކުރިން ވިދާޅުވެފައިވަނީ ދުނިޔޭގެ އެކި ސަރަހައްދުތަކުން ފައިސާ ފޮނުވާ އަދި ފައިސާ ލިބިގަތުމަށް ބޭނުންކުރާ މަޝްހޫރު ޕޭމަންޓް ސިސްޓަމް "ޕޭޕަލް" ހިދުމަތް ލިބުމުން ކޮންޓެންޓް ކްރިއޭޓަރުންނާއި ފްރީލާންސްކޮށް މަސައްކަތް ކުރާ މީހުންނަށް ފައިދާ ކުރާނެ ކަމަށެވެ.
ޕޭޕަލްއަކީ ދުނިޔޭގެ އެންމެ ބޮޑަށް މަސައްކަތްކުރާ އޮންލައިން ޕޭމަންޓް ސިސްޓަމެވެ. ޕޭޕަލް އާއި އެހެން އޮންލައިން ޕޭމަންޓް ސިސްޓަމްތައް ރާއްޖޭގައި ބޭނުންކުރެވޭނެ ގޮތް ހެދުމަކީ ރައީސް ޑރ. މުއިއްޒުގެ ރިޔާސީ ވައުދެކެވެ.





