މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއާގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށް، ކުރީގެ މިނިސްޓާ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވޯކްސް އާދަމް ޝަރީފް އުމަރުގެ އަނބިކަނބަލުން ޒީނާޒު އަދުނާން އައްޔަންކުރައްވައިފިއެވެ.
ޒީނާޒު ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށް އައްޔަންކުރުމާއެކު، ޖުމުލަ 12 ސްޓޭޓް މިނިސްޓަރުން އެ މިނިސްޓްރީގައި ތިއްބަވާނެއެވެ.
ތައުލީމީ ދާއިރާގައި ހިދުމަތް ކުރެއްވި ޒީނާޒް މީގެ ކުރިން ކުޑަކުދިންގެ ހިޔާގެ ސީއީއޯގެ މަގާމު ވަނީ އަދާކުރައްވައިފައެވެ.
އޭގެ އިތުރުނ ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމު ވެސް އަދާކުރެއްވިއެވެ. އެ މަގާމުން އޭނާ ވަކިވީ އެ ޕާޓީއަށް މެންބަރުން އިތުރުކުރުމަށް ހުށަހެޅި ފޯމުތަކެއްގެ ތެރޭގައި ސޮއި ފޯޖުކޮށްގެން ހަދާފައިވާ "ވަގު ފޯމުތަކެއް" ހުރި މައްސަލައެއް ފެންމަތިވެފައިވަނިކޮށެވެ.





