މޮޅުވާ ބޭފުޅަކާއެކު އެއް ގިއަރު ކުރިއަށް ޖައްސައިގެން އެކުގައި މަސައްކަތް ކުރާނަން: ސޯލިހު

މޮޅުވާ ބޭފުޅަކާއެކު އެއް ގިއަރު ކުރިއަށް ޖައްސައިގެން އެކުގައި މަސައްކަތް ކުރާނަން: ސޯލިހު

އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް މިއަދު ބާއްވާ އިންތިހާބުގައި ވޯޓުލެއްވުމަށްފަހު، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ އިންތިހާބުގެ ނަތީޖާ ކޮންމެ ގޮތަކަށް ނިކުތް ނަމަވެސް، ޕާޓީގެ އައު ލީޑާޝިޕާއެކު އެމަނިކުފާނު ސާބިތުވެ ހުންނަވާނެ ކަމަށެވެ.

މާލޭގައި ހުންނަ ވޯޓުލާ މަރުކަޒެއްގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، އެމްޑީޕީގެ އެންމެ އިސް އަމާޒަކީ މިހާރުގެ ސަރުކާރު ޖަވާބުދާރީ ކުރުވުން ކަމަށެވެ. އަދި ރައްޔިތުން މި ސަރުކާރަށް ނޫނެކޭ ބުނެފައިވާކަން ފާހަގަކުރައްވައި، އެ އަޑުތަކާއެކު ޕާޓީގެ މަސައްކަތްތައް "އެއް ގިއަރު ކުރިއަށް ޖައްސައިގެން" ކުރިއަށްގެންދަވާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.

"ކޮންމެ ގޮތަކަށް މި ނިމުނަސް، ހަމަގައިމުވެސް އަޅުގަނޑު ކުރިއަށްދާނީ އެމްޑީޕީއާ އެކީގައި. ކޮންމެ ލީޑާޝިޕަކާއެކީގައިވެސް މި ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ކުރަންޖެހޭ ހުރިހާ ކަމެއްގައި އަޅުގަނޑު ހުންނާނަން،" ސޯލިހު ވިދާޅުވިއެވެ.

މި އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންނާ ބެހޭގޮތުން ވާހަކަދައްކަވަމުން ސޯލިހު ވިދާޅުވީ، މީކާއީލް ނަސީމް ހޮވިވަޑައިގެންފިނަމަ އެއީ ޕާޓީގެ ހިންގުން އައު ޖީލެއްގެ އަތްމައްޗަށް ފުރޮޅިގެންދިއުން ކަމަށެވެ. އަދި ރައީސް ނަޝީދު ކާމިޔާބު ކުރައްވައިފިނަމަ، އެ ފެނިގެންދާނީ ވެރިކަމުގެ ތަޖުރިބާއާއެކު ޕާޓީ ކުރިއަށްދާ މަންޒަރު ކަމަށާއި، މި ދެ ގޮތުން ކުރެ ކޮންމެ ގޮތަކީވެސް ޕާޓީއަށް ފައިދާހުރި ގޮތެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުން ލިބުނު ބަލިވުން 2028 ގައި ތަކުރާރުވުމަށް އެއްވެސް ބޭފުޅަކު ބޭނުންފުޅު ނުވާނެ ކަމަށާއި، އައު ލީޑާޝިޕާއެކު އެފަދަ ކަމެއް ތަކުރާރު ނުވާނެ ކަމުގެ އުންމީދު ބޮޑު ކަމަށްވެސް ސޯލިހު ވިދާޅުވިއެވެ.

އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގެ ވޯޓުލުން މިއަދު މެންދުރު 14:30 އިން ފެށިގެން މިރޭ 20:30 އާ ހަމައަށް ކުރިއަށްދާނެއެވެ. މި އިންތިހާބަކީ އެމްޑީޕީގެ ކުރިމަގު ބައްޓަންކުރުމުގައި މުހިންމު ދައުރެއް އަދާކުރާނެ އިންތިހާބެކެވެ.

 

 

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *