އެމްޑީޕީގެ ޗެއަރޕާސަން ހޮވުމުގެ ވޯޓުލުން މާދަމާ: ވޯޓުލާ ވަގުތު ބައިގަޑިއިރަށް އިތުރުކޮށްފި

އެމްޑީޕީގެ ޗެއަރޕާސަން ހޮވުމުގެ ވޯޓުލުން މާދަމާ: ވޯޓުލާ ވަގުތު ބައިގަޑިއިރަށް އިތުރުކޮށްފި

މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ މޯލްޑިވްސް ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ޗެއަރޕާސަން އިންތިޚާބުގެ ވޯޓުލާ ވަގުތު އިތުރުކުރުމަށް އެ ޕާޓީގެ އިންތިޚާބާބެހޭ ކޮމިޓީން ނިންމައިފިއެވެ.

މި އިންތިޚާބުގެ ވޯޓުލުން ކުރިއަށްދާނީ މާދަމާ (ހުކުރު ދުވަހު) މެންދުރުފަހު 14:30 އިން ފެށިގެން ރޭގަނޑު 20:30 އާ ހަމައަށެވެ. މީގެކުރިން އެ ޕާޓީން އިއުލާންކޮށްފައިވަނީ ވޯޓުލުން ނިންމާލާނީ ރޭގަނޑު 20:00 ގައި ކަމަށެވެ. ނަމަވެސް ވޯޓުލުމުގެ ފުރުޞަތު އިތުރުކުރުމުގެ ގޮތުން މިހާރު ވަނީ ބައިގަޑިއިރު އިތުރުކޮށްފައެވެ.

އެމްޑީޕީގެ ޗެއަރޕާސަންގެ މަޤާމަށް ބޭފުޅަކު އިންތިޚާބު މިކުރަނީ އެ މަޤާމުގައި ހުންނެވި ފައްޔާޒް އިސްމާޢީލް އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. މިވަގުތު ޕާޓީ ހިންގެވުމާ ވަގުތީ ގޮތުން ހަވާލުވެ ހުންނެވީ ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާއެވެ.
މި އިންތިޚާބުގައި ތިން ބޭފުޅަކު ވާދަކުރައްވައެވެ.

އެއީ:

ކުރީގެ ރައީސް މުޙައްމަދު ނަޝީދު
ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަޙްމަދު ނަސީމް
އިބްރާހިމް މުޙައްމަދު

އިންތިޚާބުގެ މުހިންމު ތަފްޞީލުތައް:

މި އިންތިޚާބުގައި ޖުމްލަ 241 ވޯޓު ފޮށި ބަހައްޓާނެއެވެ. އޭގެ ތެރެއިން 240 ފޮށި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބަހައްޓާއިރު، ބޭރު ޤައުމުތަކުގެ ތެރެއިން ވޯޓު ފޮށި ބަހައްޓަނީ ހަމައެކަނި ސްރީލަންކާގައެވެ.

މިފަހަރުގެ އިންތިޚާބުގެ ޚާއްޞަ ކަމަކީ، ރަށްރަށުގެ ހަރުގެތަކުގައި ވޯޓުފޮށި ބެހެއްޓުމުގެ ބަދަލުގައި ހުރިހާ ތަނެއްގައިވެސް ވޯޓުލުން ސްކޫލްތަކަށް ބަދަލުކުރުމެވެ. އެގޮތުން މާލޭގެ 10 ސްކޫލެއްގައި ވޯޓުލުން ކުރިއަށްދާނެއެވެ. އޭގެ ތެރޭގައި ހުރަވީ، ދަރުމަވަންތަ، މަޖީދިއްޔާ، އަމީނިއްޔާ، ކަލާފާނު، އިސްކަންދަރު، މާފަންނު މަދުރަސާ، ގަލޮޅު ސްކޫލް، މުހިއްޔިއްދީން އަދި ކާމިލްދީދީ ސްކޫލް ހިމެނެއެވެ.

އިލެކްޝަންސް ކޮމިޝަންގެ ދަފުތަރުގައިވާ ގޮތުން އެމްޑީޕީއަކީ ރާއްޖޭގެ ދެވަނައަށް އެންމެ ބޮޑު ސިޔާސީ ޕާޓީއެވެ. އެ ކޮމިޝަންގެ ރެކޯޑްތަކުން އެ ޕާޓީގައި 43,784 މެންބަރުން ތިބިކަމަށް ދެއްކި ނަމަވެސް، ޕާޓީގެ ދާއިމީ ވޯޓާސް ލިސްޓުގައިވާ ގޮތުން މާދަމާގެ އިންތިޚާބުގައި 48,912 މީހުންނަށް ވޯޓުލުމުގެ ޙައްޤު ލިބިގެންވެއެވެ.

 

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *