ޏ. ފުވައްމުލައް ދޫނޑިގަމް/ އާސްމާންގޭ އަބްދުﷲ ޝުހާދަށް ތޫނު އެއްޗަކުން ހަމާލާދީ މަރާލި މައްސައާ ގުޅިގެން ދަށު ކޯޓުން މަރަށް ހުކުމް ކުރި އެރަށު ކަރަންކާއާގޭ/ ހަސަން ފަރީދަށް ދޭން ބޭނުންވަނީ މަރުގެ އަދަބު ކަމަށް ޝުހާރުގެ ވާރިސުން ކަމަށްވާ އޭނާގެ ބައްޕަ އާއި މަންމަ ސުޕްރީމް ކޯޓުގައި މިއަދު ބުނެފިއެވެ.
ޝުހާދުގެ ވާރިސުން ކަމަށްވާ އޭނާގެ އުފަން ބައްޕަ ޏ. ފޯއްމުލަކު ދޫޑިގަމް ރުހާމުގެ މުހައްމަދު ހުސެއިން އާއި އުފަން މަންމަ ފޯއްމުލަކު ދޫޑިގަމް އާސްމާންގެ ހަދީޖާ މުހައްމަދު، ސުޕްރީމް ކޯޓުގައި މިއަދު އޮތް މި މައްސަލައިގެ އަޑުއެހުމާ އޮންލައިންކޮށް ގުޅުނީ ފޯއްމުލަކު ކޯޓުންނެވެ.
މިއަދުގެ އަޑުއެހުމުގައި މީހަކު މަރާ މީހަކަށް އޮންނަ އަދަބާއި، އެ އަދަބު ދިނުމުގައި މަރުވި މީހާގެ ވާރިސުންނަށް ލިބިގެންވާ ބާރު، މި މައްސަލަ ބެލުމަށް އެލުލަވާލާފައިވާ ސުޕްރީމް ކޯޓުގެ ބެންޗުގެ ރިޔާސަތުގައި އިންނެވި އުއްތަމަ ފަނޑިޔާރު އަބްދުލްގަނީ މުހައްމަދު ވާރިސުންނަށް އޮޅުން ފިލުއްވައި ދެއްވިއެވެ.
އުއްތަމަ ފަނޑިޔާރު ވިދާޅުވީ، ގަސްތުގައި މީހަކު މެރުމަކީ އިސްލާމްދިނުގައި ބޮޑުވެގެންވާ ފާފައެއް ކަމަށާއި އެކަމަށް ކަނޑައެޅިފައިވަނީ ވެސް ބޮޑުވެގެންވާ އަދަބެއް ކަމަށެވެ.
ނަމަވެސް އެ އަދަބު ދިނުމުގެ ބާރާއި އިހްތިޔާރު އިސްލާމީ ޝަރީއަތުގައި ދީފައި އޮތީ ވާރިސުންނަށް ކަމަށްވެސް ވިދާޅުވިއެވެ. އެ އަދަބުގެ އަސްލަކީ ގިސާސް ކަމަށާއި އޭގެ މާނައަކީ މަރައިލިކަން ސާބިތުވާ މީހެއްގެ ކިބައިން މަރަށް މަރުހިފުން ކަމަށްވެސް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.
ދެވަނައަށް އޮންނަ އަދަބަކީ މަރުގެ ދިޔަ ދިނުން ކަމަށާއި އެއީ ފައިސާއިން ދެވޭ ބަދަލެއް ކަމަށާއި ވާރިސުންނަށް ތިން ވަނައަށް އޮންނަ ފުރުސަތަކީ މަރައިިލި މީހާއަށް މާފުު ކުރުން ކަމަށްވެސް ވިދާޅުވިއެވެ.
އެއަށްފަހު އުއްތަމަ ފަޑިޔާރު ވިދާޅުވީ އެކަންކަން އިސްލާމީ ޝަރީއަތުގައި އޮތްނަ ގޮތް ވާރިސުންނަށް ސާފުކޮށްދެއްވީ ކަމަށެވެ. އަދި އެކަން ސާފުވެއްޖެތޯ ވާރިސުން ކުރެން ސުވާލު ކުރެއްވުމަށްފަހު، އެކަން ސާފުވެއްޖެ ކަމަަށް ވާރިސުން ބުންޏެވެ.
ދެން އުއްތަމަ ފަނޑިޔާރު ޝުހާދުގެ ބައްޕައާ ސުވާލު ކުރެއްވީ، ދަރިފުޅު އަބްދުﷲ ޝުހާދު ގަސްތުގައި މަރައިލީ ފަރީދުކަން އިސްލާމީ ޝަރީއަތާއި ރާއްޖޭގެ ގާނޫނުތަކުގައި ކަނޑައެޅިފައިވާ ގޮތުގެމަތިން ސާބިތު ވެއްްޖެނަމަ، ޝުހާދުގެ ވާރުތަވެރިޔާގެ ހައިސިއްްޔަތުން ފަރީދުގެ ކިބައިން ގިސާސް ހިފަން ބޭނުންތޯއެވެ.
މަރަށް މަރުހިފާނީ ދައުލަތުގެ ކަމާބެހޭ އިދާރާއިން ކަމަށްވެސް އުއްތަމަފަނޑިޔާރު އޮޅުން ފިލުއްވައިދެއްވިއެވެ. އެއަށްފަހު ޝުހާދުގެ ބައްޕަ އާއި މައްމައާ ވަކިވަކިން އުއްތަމަ ފަނޑިޔާރު ސުވާލު ކުރެއްވުމުން އެ ދެ މީހުންވެސް ބުނީ ބޭނުން ވަނީ މަރަށް މަރު ހިފުމަށް ކަމަށެވެ.
މި ސުވާލުތައް ޝުހާދުގެ ވާރިސުންނާ ކުރެއްވުމުގެ ކުރިން އެ ދެ މީހުންނާ މުހާތަބުކޮށް އެއްޗެއް ބުނަން އޮތްނަމަ އެކަން ކުރުމަށް ފަރީދަށް އުއްތަމަ ފަނޑިޔާރު ފުރުސަތު ދެއްވިއެވެ. ނަމަވެސް އޭނާ ބުނީ އެއްވެސް އެއްޗެއް ބުނަން ބޭނުން ނޫން ކަމަށެވެ.
މި މައްސަލައިގައި ފައީދަށް ދޭން ބޭނުން ވަނީ މަރުގެ އަދަބު ކަމަށް ޝުހާދުގެ ވާރިސުން ދަށު ކޯޓުގައިވެސް ވަނީ ބުނެފައެވެ.
މި މައްސަލައަކީ ޖެނުއަރީ 27، 2010ގެ ރޭ 9:30 އެހައިކަންހާއިރު، ފަރީދު އިތުރު ބަޔަކާއެކު ފުވައްމުލަކު ދޫނޑިގަން ބޮޑުފަންނު މަގާއި ބަހާރުމަގާ ގުޅޭ ހަތަރު އަނގޮޅިއަށް ގޮސް އެސަރަހައްދުގައި ހުރި ފަޅުގޭގެ ފާރުބުރި މަތީގައި ތިބި މީހުންގެ ތެރެއިން ޝުހާދުގެ މެއާދިމާލު ކަނާތު އަރިކައްޓަށް ވަޅިއަކުން ހަމަލާ ދިނުމުގެ ސަބަބުން ޝުހާދު މަރުވި މައްސަލައަގައި ކުރާ ދައުވާއެކެވެ.





