ރާއްޖޭގައި ގާއިމުކުރާ އެންމެ ބޮޑު މިސްކިތް، ހުޅުމާލޭ ގްރޭންޑް މިސްކިތް ބިނާކުރުމަށް ބޭނުންވާ ބިން އެޗްޑީސީގެ ފަރާތުން އިސްލާމިކް މިނިސްޓްރީއާ ހަވާލުކޮށް، އެކަމާ ގުޅޭ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.
އެކަމަށްޓަކައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެޗްޑީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު، ބްރިގޭޑިއާ ޖެނެރަލް (ރޓޑ) އަލީ ޒުހައިރުއެވެ. އަދި އިސްލާމިކް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުއެވެ.
މި މިސްކިތް ގާއިމުކުރުމަށް ބިން ހާވާލުކުރީ ހުޅުމާލޭގެ ފޭސް ތިނަކުން އަލަށް ހިއްކާފައިވާ ސަރަހައްދުންނެވެ. މިއަހަރުގެ ރިޔާސީ ބަޔާނުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވާ ގޮތުގައި، ހުޅުމާލެ ގްރޭންޑް މިސްކިތް އެޅުމުގެ ތަސައްވުރު އެކުލަވައިލައި، އަމަލީ މަސައްކަތް މި އަހަރުގެ ތެރޭގައި ފެށޭނެއެވެ.
އެގޮތުން، އެ މިސްކިތް ބިނާކުރާ ކޮމްޕްލެކްސްގައި ވަގުފު ބިނާތައް ގާއިމުކުރުމުގެ އިތުރުން، އެ ބިމުގައި ގްރީން ސްޕޭސްއަކާއި ޕާކިން ޖާގަވެސް ތަރައްގީކުރުމަށް ވަނީ ހަމަޖެހިފައެވެ.





