މޯދީއަށް ތާރީޚީ ކާމިޔާބީއެއް: ޝާހިދު މަރުޙަބާ ވިދާޅުވެއްޖެ

މޯދީއަށް ތާރީޚީ ކާމިޔާބީއެއް: ޝާހިދު މަރުޙަބާ ވިދާޅުވެއްޖެ

މަޤާމުގައި މެދުކެނޑުމެއްނެތި އެންމެ ގިނަ ދުވަހު ޚިދުމަތް ކުރެއްވި އިންޑިއާގެ ބޮޑުވަޒީރު ކަމުގެ ޝަރަފު، ނަރެންދުރަ މޯދީ ހޯއްދެވުމާއި ގުޅިގެން، ކުރީގެ ފޮރިން މިނިސްޓަރު އަދި އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދު އެމަނިކުފާނަށް މަރުޙަބާ ވިދާޅުވެއްޖެއެވެ.

ބޮޑުވަޒީރު މޯދީ ޖެހިޖެހިގެން 4،399 ދުވަސް ވަންދެން މަޤާމުގައި ދެމިހުންނެވި މި ތާރީޚީ ދުވަހާ ގުޅިގެން ޝާހިދު ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވީ، މި ކާމިޔާބީން ރަމްޒު ކޮށްދެނީ އާންމު ޚިދުމަތުގައި މޯދީ ހޭދަކުރެއްވި ދިގު އަހަރުތަކާއި، ދުރުވިސްނޭ ހިކުމަތްތެރި ލީޑަޝިޕް އަދި އިންޑިއާގެ ކުރިއެރުމަށް ކުރައްވާ މިންނެތް މަސައްކަތް ކަމަށެވެ.

މިއާއެކު މޯދީ ވެވަޑައިގެންފައިވަނީ އިންޑިއާގެ ތާރީޚުގައިވެސް އެންމެ ގިނަ ދުވަހު ޖެހިޖެހިގެން ބޮޑުވަޒީރުކަން ކުރެއްވި ލީޑަރަށެވެ. ބޮޑުވަޒީރު މޯދީގެ ލީޑަޝިޕްގެ ދަށުން އިންޑިއާއަށް އައިސްފައިވާ ބޮޑެތި ބަދަލުތަކަށް އަލިއަޅުއްވާލައްވަމުން ޝާހިދު ވިދާޅުވީ، އެމަނިކުފާނުގެ އިރުޝާދުގެ ދަށުން އިންޑިއާއިން އިޤްތިޞާދީ ގޮތުންނާއި އިޖުތިމާޢީ ގޮތުން ބޮޑެތި ކުރިއެރުން ތަކެއް ހޯދައި، އާ އީޖާދުތަކާއި ޑިޖިޓަލް ރޮނގުންނާއި އުމްރާނީ ތަރައްޤީގެ ބިޔަ މަޝްރޫޢު ތަކުން ބޮޑެތި ކާމިޔާބީތަކެއް ހާސިލުކޮށްފައިވާ ކަމަށެވެ.

މީގެ އިތުރުން، އިންޑިއާގެ ޚާރިޖީ ސިޔާސަތު ވަރުގަދަކޮށް، އަވަށްޓެރި ޤައުމުތަކާއި ދުނިޔޭގެ އެހެން ޤައުމުތަކާއެކު އޮތް ގުޅުން އިތުރަށް ބަދަހިކޮށް، ދުނިޔޭގެ ކުރިއަރާފައިވާ ބާރެއްގެ ގޮތުގައި އިންޑިއާގެ މަޤާމު އުފުލައިދީފައިވާކަން ވެސް ޝާހިދު ފާހަގަކުރެއްވިއެވެ.

ޝާހިދުގެ މެސެޖުގައި، އިންޑިއާގެ 'ނެއިބަހުޑް ފަސްޓް' ސިޔާސަތުގެ ދަށުން ރާއްޖެއަށް އަބަދުވެސް ޚާއްޞަ އިސްކަމެއް ދެއްވާނެ ކަމަށް ބޮޑުވަޒީރު މޯދީ ތަކުރާރުކޮށް ވިދާޅުވެފައިވާކަން ފާހަގަކުރެއްވިއެވެ. އަދި އޭގެ ނަތީޖާއެއްގެ ގޮތުން، ދިވެހިރާއްޖެއާއި އިންޑިއާގެ ގުޅުން ކުރިއަށްވުރެ ފުޅާވެ، އިތުރަށް ބަދަހިވެގެން ގޮސްފައިވާ ކަމަށާއި، ރާއްޖޭގެ އެންމެ އިތުބާރު ހުރި އަވަށްޓެރިޔާގެ ގޮތުގައްޔާއި، ކަމެއް ދިމާވާ ހިނދު އެންމެ ފުރަތަމަ އެހީތެރިކަން ފޯރުކޮށްދޭ ފަރާތުގެ ގޮތުގައި، އަދި ތަރައްޤީގެ މުހިންމު ބައިވެރިއެއްގެ ގޮތުގައި އިންޑިއާގެ ދައުރު ބޮޑުވެފައިވާ ކަމަށް ޝާހިދު ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *