ފިނޭންސް މިނިސްޓަރުގެ މަގާމުން އިސްތިއުފާދެއްވިޔަސް އޭނާ ހުންނެވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒާއެކު ގަދަކޮށް ކަމަށް މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
ޕީއެންސީން މިރޭ ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން، ޒަމީރު ވަނީ އޭނާ މަގާމުން ވަކިވެވަޑައިގަތުމާ ގުޅޭގޮތުން ދެކެވެމުންދާ ވާހަކަތަކަށް ރައްދުދެއްވާފައެވެ. ސިއްހީ ހާލަތު ތަންނުދޭތީ މަގާމުގައި ދެމިހުރުމަކީ ގައުމަށާއި ޕާޓީއަށް އެންމެ ފައިދާހުރި ގޮތް ނޫންކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އަދި ޕާޓީގައި ތިބި ގާބިލު އެހެން ބޭފުޅުންނަށް ފުރުސަތު ދިނުމަކީ އެންމެ ރަނގަޅު ގޮތްކަމަށް ގަބޫލުކުރައްވާކަމަށްވެސް ވިދާޅުވިއެވެ.
ދުނިޔޭގެ އިގުތިސާދީ މަސްރަހު މިހާރު އޮތް ނުތަނަވަސް ހާލަތަށް އަލިއަޅުއްވާލައްވަމުން، ދައުލަތުގެ މުހިންމު މަގާމުތަކުގައި ތިއްބަވާ ބޭފުޅުންނަކީ ވަރަށް ހީވާގިކަމާއެކު މަސައްކަތްކުރެއްވޭނެ ބޭފުޅުންނަށް ވާންޖެހޭނެކަމަށް ޒަމީރު ވިދާޅުވިއެވެ. ޚާއްސަކޮށް، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަންނަ ބަދަލުތައް ބަލައި، ދައުލަތުގެ ކުންފުނިތަކާއި މުއައްސަސާތައް ގުޅިގެން ރައްޔިތުންނަށް މެދުނުކެނޑި ހިދުމަތް ފޯރުކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާގެ ސިޔާސަތުތައް ތަންފީޒުކުރުމަށް ކޮންމެހެން ބޭނުންތެރި ކަމެއްކަމުގައި އޭނާ ފާހަގަކުރެއްވިއެވެ.
އަޅުގަނޑު މިހިރީ ހަމަ ވަރަށް ގަދަކޮށް ރައީސް މުޢިއްޒާ އެކުގައި. އެމަނިކުފާނު އަޅުގަނޑާ ހަވާލުކުރެއްވި މަސައްކަތް ކުރަން، މި ޕާޓީއާއި މި ފިކުރު ކުރިއެރުވުމަށްޓަކައި
ފިނޭންސް މިނިސްޓަރުކަމުގެ މަގާމަށް މިހާރު އައްޔަނުކުރައްވާފައިވަނީ ކުރީގެ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން ހަސަން ޒަރީރެވެ. ޒަމީރު ވަނީ، ސަރުކާރުގެ މަގާމެއްގައި ނެތްނަމަވެސް، ޕާޓީއަށް ބޭނުންވާ ކޮންމެ ވަގުތެއްގައި، އިންތިހާބެއްގައި ވިޔަސް ނުވަތަ އެނޫން ކަމެއްގައި ވިޔަސް، އޭނާގެ ފުރިހަމަ އެއްބާރުލުން އަބަދުވެސް ލިބިގެންދާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.





