ޝައްމާންގެ މައްޗަށް ކުރި ދައުވާތައް ސާބިތުވެ، 25 އަހަރަށް ޖަލަށް ލައިފި

ޝައްމާންގެ މައްޗަށް ކުރި ދައުވާތައް ސާބިތުވެ، 25 އަހަރަށް ޖަލަށް ލައިފި

ކުރީގެ އިމިގްރޭޝަން ކޮންޓްރޯލާ މުހައްމަދު ޝައްމާން ވަހީދު 25 އަހަރުގެ މުއްދަތަކަށް ޖަލަށްލައި ފަސް ލައްކަ ރުފިޔާއިން ޖޫރިމަނާކުރުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.

ދައުލަތުން ޝައްމާންގެ މައްޗަށް އުފުލީ ފޭރުމުގައި ބައިވެރިވުމާއި، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ އިތުރުން މަނީ ލޯންޑްރިންގެ ކުށުގެ ދައުވާއެވެ.

އެ މައްސަލައިގެ ޝަރީއަތުގެ މަރުހަލާ ނިމި، މިއަދު ބޭއްވި ހުކުމް ކުރުމުގެ އަޑުއެހުމުގައި ޝަރީއަތުން ނިންމީ އެ ތިން ދައުވާވެސް އޭނާގެ މައްޗަށް އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ސާބިތުވާ ކަމަށެވެ.

ހުކުމުގައި ފާހަގަކުރި ގޮތުގައި އެ މައްސަލައިގެ ވިކްޓިމް ކަމަށްވާ ބަންގްލަދޭޝްގެ މައިނުއްދީން ހައްޔަރުކުރީ، އެފަދަ އޮޕަރޭޝަންތަކަށް އާންމު ގޮތެއްގައި އެޓެންޑުވާ މުވައްޒަފުންނެއް ވެސް ނޫނެވެ. އަދި ޝައްމާންގެ ފޮޓޯ އޭނާއަށް ދެއްކުމަށްފަހު ޝައްމާނަށް ގުޅައި ފައިސާ ނުދީފިނަމަ ދެން ވާނެ ގޮތް ކިޔައިދީ ބިރު ދެއްކި ކަމަށް ހުކުމުގައި ވެއެވެ. އޭގެ އިތުރުން އެ މީހުން އޭނާ އަރުވައިގެން ކާރެއްގައި ގެންދިޔަ ކަމާއި އޭނާއަށް ބިރު ދައްކައިގެން އަތުން ފައިސާ ނަގައިގެން ޝައްމާންގެ ގެއަށް ގެންދިޔަކަން ވެސް ހެކިތަކުން ސާބިތުވާކަމަށް ވަނީ ކަނޑައަޅައިފައެވެ.

އޭގެ އިތުރުން، އެ ހުރިހާ ކަމެއް ކޮށްފައިވަނީ ޝައްމާންގެ ބެލުމުގެ ދަށުން އޭނާގެ ”ރިއަލްޓައިމް“ އިރުޝާދާއެކު ކަމަށް ޝަރީއަތަށް ހުށަހެޅުނު ހެކިތަކުން ސާބިތުވާކަމަށް ވެސް ހުކުމުގައިވެއެވެ.

މި މައްސަލައިގައި ޝައްމާންއާއެކު ހައްޔަރުކުރި އިމިގްރޭޝަންގެ މުވައްޒަފުންގެ ތެރެއިން ހަތަރު މީހަކު ވަނީ ދައުލަތާއެކު އިއުތިރާފު އެއްބަސްވުން ހަދައި ލުއި އަދަބެއް ހޯދައިފައެވެ. ޝައްމާންގެ މައްޗަށް ކުށް ސާބިތުވީ އެ މީހުން ކުށަށް އިއުތިރާރުވެ، ޝަައްމާނާ ދެކޮޅަށް ކްރިމިނަލް ކޯޓުގައި ދިން ހެކިބަހާއެކުއެވެ.

ކުށް ސާބިތުވާ ކަމަށް ޝަރީއަތުން ކަނޑައެޅުމުން ދައުލަތުން އެދުނީ، ހުރިހާ ދައުވާތަކަށް ވެސް ޝަރީއަތުން ކަނޑައެޅޭނެ އެންމެ ބޮޑު އަދަބެއް ދިނުމަށެވެ. އެގޮތުން ފޭރުމުގައި ބައިވެރިވުމުގެ ކުށަށް އަށް އަހަރު ދުވަހުގެ ޖަލު ހުކުމެއް ކަނޑައަޅައިދިނުމަށް އެދުނެވެ. އޭގެ އިތުރުން، ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުމުގެ ކުށަށް ހަތަރު އަހަރުގެ ހުކުމެއްގެ އިތުރުން މަނީ ލޯންޑަރިންގެ ކުށަށް 15 އަހަރުގެ ހުކުމަކާއެކު ދެ މިލިއަން ޑޮލަރުގެ ޖޫރިމަނާއެއް ކަނޑައަޅައިދިނުމަށް އެދުނެވެ. އަދި އޭނާގެ ގެއިން ފެނުނު ފައިސާ ދައުލަތަށް ނަގައިދިނުމަށް ވެސް ދައުލަތުން އެދުނެވެ.

އެ ކުށްތަކަށް އެންމެ މަތީ ދަރަޖަ ކަނޑައަޅަން ދައުލަތުން އެދުނީ އޭނާ ކުރި ކުށްތަކަކީ ދައުލަތުގެ މުއައްސަސާއެއްގެ އިސްވެރިޔަކަށް ހުރެ އެ މުއައްސަސާގެ އިތުބާރު ރައްޔިތުންގެ ކުރިމަތީގައި ގެއްލޭގޮތަށް ކުރި ކުށަކަށް ވާތީއެވެ. އަދި މީގެ ކުރިން ފެނަކައިގެ އެމްޑީ އަހުމަދު ސައީދުގެ މައްސަލައިގައި ކުރި ހުކުމުގައި ވެސް އެ އުސޫލުން އަމަލުކުރިކަން ފާހަގަކޮށްފައިވެއެވެ.

ޝައްމާންގެ ފަރާތުން އޭނާގެ ވަކީލު އެދުނީ ޝަރީއަތުން ކަނޑައެޅެން އޮތް އެންމެ ލުއި އަދަބު ކަނޑައަޅައިދިނުމަށެވެ. އެގޮތުން ފޭރުމުގައި ބައިވެރިވުމުގެ ކުށަށް، އޭނާ ޖަލުގައި ހޭދަކުރެއްވި 280 ދުވަހަކީ ޖަލު އަދަބު ކަމަށް ކަނޑައަޅައި ބާކީ ބައި ޖޫރިމަނާ ނުވަތަ ގޭބަންދު އަދަބަކަށް ބަދަލުކޮށްދިނުމަށް އެދުނެވެ. މަނީ ލޯންޑަރިންގެ ކުށަށް ފަސް އަހަރުގެ ދުވަހުގެ ޖަލު ހުކުމެއް އަދި ގާނޫނުގެ އޮތް އެންމެ ކުޑަ ޖޫރިމަނާ ކަނޑައަޅައިދިނުމަށް އެދުނު އިރު ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ އަދަބު ޖޫރިމަނާއަށް ބަދަލުކޮށްދިނުމަށް ވެސް އެދުނެވެ.

ކްރިމިނަލް ކޯޓުގައި މައްސަލަ ބެއްލެވި ގާޒީ އިބްރާހިމް އިހުސާން ނިންމީ އެ ކުށުގެ ބާވަތުން އޭނާގެ މައްޗަށް އެންމެ ހަރުކަށި އަދަބު ކަނޑައެޅުމަށެވެ. ޝައްމާނަކީ ބިދޭސީންގެ ކަންކަން ބަލައްޓާ ޒިންމާދާރު މަގާމެއްގައި ހުރި ފަރާތަކަށް ވާއިރު އަދި އަނިޔާ ލިބުނު ފަރާތުގެ މަސްލަހަތުގައި މަސައްކަތް ކުރަންޖެހޭ މުއައްސަސާގެ އިސް ފަރާތަށް ވާއިރު، އޭނާ ކުރި އަމަލުތަކުގެ ސަބަބުން އިމިގްރޭޝަންގެ އިތުބާރު ގެއްލިފައިވާ ކަމަށް ގާޒީ ފާހަގަކުރެއްވިއެވެ.

އެހެންވެ، ކަނޑައެޅި އަދަބުތަކަކީ:

  • ފޭރުމުގައި ބައިވެރިވުމުގެ ކުށަށް 8 އަހަރު
  • ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުމުގެ ކުށަށް ދެ އަހަރު
  • މަނީ ލޯންޑަރިންގެ ކުށަށް 15 އަހަރުގެ ޖަލު ހުކުމަކާއެކު ފަސް ލައްކަ ރުފިޔާގެ ޖޫރިމަނާއެއް

ބިދޭސީ މީހާ އަތުން ނެގި ބައި މިލިއަން ރުފިޔާ ބޭނުންކޮށްގެން ޝައްމާންގެ ސްޓޫޑެންޓު ލޯނު ހިމެނޭހެން ލޯނުތަކެއް ދެއްކި ކަމަށް ދައުލަތުން ބުނެފައިވާއިރު، ބިދޭސީ މީހާ އަތުން ނެގި ފައިސާއާއި އޭނާގެ ގެއިން ފެނުނު ފައިސާ ދައުލަތަށް އަތުލުމުގެ އަމުރެއް ވެސް ފަހުން ނެރުއްވާނެ ކަމަށް ގާޒީ ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *