އދ. ދަނގެތީގައި އަނިޔާވެރި ގޮތަކަށް މަރާލުމަށްފަހު ފެންވަޅަކަށް ވައްޓާލާފައި އޮއްވައި ފެނުނު މަހުމޫދު އަބޫބަކުރުގެ ގާތިލު، ޝާހް އަލޮމް މިއާ (ސާލިމް) މެރުމަށް ކުރިމިނަލް ކޯޓުން ކުރި ހުކުމގެ ސައްހަކަން ކަށަވަރު ކުރުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފިއެވެ.
މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅީ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުންނެވެ.
ދަނގެތީގެ ވިޔަފާރިވެރިއެއް ކަމަށްވާ، މަހުމޫދު މަރާލުމަށްފަހު ބޮލާއި ފައިގައި ގޯންޏެއް އަޅުވައި، ފަޅު ގެއެއްގައި ހުރި ވަޅަކަށް ވައްޓާލާފައި އޮއްވައި ފެނުނީ 2021 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 14 ވަނަ ދުވަހުގެ ރޭ އޮތް ސާފް ޗެމްޕިއަންޝިޕް މެޗަށްފަހު އޭނާ ގެއިން ނުކުމެގެން ދިޔަ ގޮތަށް ހަބަރެއް ނުވެގެން ހޯދަމުން ދަނިކޮށެވެ.
މަހުމޫދުގެ ހަށިގަނޑު ފެނުނު އިރު 30 ތަނަކަށް ވަޅިން ހަމަލާދީފައިވާ ކަމަށް ފުލުހުން ބުނެއެވެ. އެ މައްސަލައިގައި ސާލިމްގެ މައްޗަށް ދައުލަތުން ދެ ދައުވާއެއް ކުރިއެވެ. އެއީ ގަސްދުގައި މީހަކު މެރުމުގެ ދައުވާ އާއި މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ކުރުމުގެ ދައުވާއެވެ.
މި މައްސަލައިގައި ސާލިމް ވަނީ ދަށު ކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި ކުށަށް އިއުތިރާފު ވެފައެވެ. އަދި އެއީ ޝައިތޯނާ ކުރުވި ކަމެއް ކަމަށް ބުނެ އޭނާ ވަނީ އެކަމަށް މައާފަށްވެސް އެދިފައެވެ. އެހެންކަމުން އޭނާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި، ސާލިމް މެރުމަށް ހުސްވި 2022 ވަނަ އަހަރުގެ ފެބްރިއަރީ މަހުގެ 27 ވަނަ ދުވަހު ކުރިމިނަލް ކޯޓުން ހުކުމް ކުރިއެވެ.
ނަމަވެސް މި ހުކުމަކީ މަރުގެ ހުކުމަކަށްވާތީ، މި ހުކުމް ތަންފީޒު ކުރެވޭނީ ޝަރުއީ ހުރިހާ މަރުހަލާއަކުން މި ހުކުމްގެ ސައްހަކަން ކަށަވަރުކޮށްގެންނެވެ. އެހެން ކަމުން މީގެ ކުރިން އެ މަރުހަލާ ހައިކޯޓުގައިވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.
މި މައްސަލައިގައި 2024 ވަނަ އަހަރުގެ ޖުލައި 25 ވަނަ ދުވަހު ހައިކޯޓުން ކަނޑައެޅީ ސާލިމް މެރުމަށް ކުރިމިނަލް ކޯޓުން ކުރި ހުކުމް ސައްހަ ކަމަށެވެ.
ހައިކޯޓުގައި މި މައްސަލަ ބައްލަވަމުން ގެންދެވި ތިން ފަނޑިޔާރުންގެ ތެރެއިން ފަނޑިޔާރު މުހައްމަދު ނިޔާޒުގެ ރައުޔަށް ފަނޑިޔާރު ފާތުމަތު ފަރުހީޒާ ތާއީދު ކުރައްވައި ބެންޗުގެ އަގުލަބިއްޔަތުން ހުކް ކުރީ، ސާލިމް މެރުމަށް ކުރިމިނަލް ކޯޓުން ކުރި ހުކުމަކީ، ޝަރުއީ އަދި ގާނޫނީ ހަމަތަކާ އެއްގޮތަށް ކޮށްފައިވާ ސައްހަ ހުކުމެއް ކަމަށެވެ.
ނަމަވެސް މި މައްސަލައިގައި ބެންޗުގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު ފަނޑިޔާރު ހަސަން ޝަފީއުގެ ރައުޔު ތަފާތެވެ. ފަނޑިޔާރު ހަސަން ޝަފީއު ވިދާޅުވީ، ދަށު ކޯޓުގައި އެ މައްސަލަ ކުރިއަށް ދިޔަ އިރު، ލިބިދޭންޖެހޭ ބައެއް ހައްގުތައް ސާލިމަށް ލިބިފައިނުވާ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.
އެކަންތައްތައް ފާހަގަ ކުރައްވައި، އެ ފަނޑިޔާރުގެ ރައުޔުގައި ވިދާޅުވެފައި ވަނީ، ސާލިމް މެރުމަށް ކުރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމް ބާތިލް ކަމަށް ކަނޑައަޅަން ފެނިވަޑައިގަންނަވާ ކަމަށެވެ. އަދި ގާނޫނާ އެއްގޮތަށް ހައްގުތައް ކަށަވަރު ކުރުމަށްފަހު ދައުވާއަށް ޖަވާބުދާރީވުމަށް ސާލިމްއަށް އަންގައި ގާނޫނީ މަރުހަލާ ފުރިހަމަކޮށް، އެ މައްސަލައަށް ގޮތެއް ނިންމުމަށް ކުރިމިނަލް ކޯޓަށް މައްސަލަ ތަހުވީލުކުރަން ފެނިވަޑައިގަންނަވާ ކަމަށްވެސް ވިދާޅުވިއެވެ.





