ރާއްޖޭގެ ހުރިހާ ހިސާބެއްގައި މަސްވެރިކަން ދަށްވެ، މަހުގެ ޑިމާންޑު އިތުރުވެފައި ވާތީ، ސަރުކާރުގެ މަސް ކުންފުނި މިފްކޯއިން މަސް ގަންނަ އަގު ކިލޯއެއް 20 ރުފިޔާއަށް މަތިކޮށްފިއެވެ.
މިހަފުތާގެ އާދިއްތަ ދުވަހު މިފްކޯއިން މަސް ގަނެފައިވަނީ ކިލޯއެއް 18.50 ރުފިޔާއަށެވެ. ނަމަވެސް ދެ ދުވަސް ތެރޭގައި އެ އަގު 20 ރުފިޔާއަށް އުފުލައި، އަމިއްލަ ކުންފުނިތަކުން މަސް ގަންނަ އެވެރެޖް އަގުތަކަށްވުރެވެސް މިފްކޯގެ އަގުތައް މިހާރު ވަނީ މަތިވެފައެވެ. މިފްކޯއިން ވިދާޅުވީ ކުރިއަށް އޮތް ދުވަސްތަކުގައިވެސް މަސްވެރިންގެ އަތުން މަސް ގަންނަ އަގުތަކަށް ހެޔޮ ބަދަލު އަންނަމުންދާނެ ކަމަށެވެ.
މި ބަދަލާ ގުޅިގެން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން މިފްކޯގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު އަނަސް ވިދާޅުވީ، މަސް ގަންނަ އަގު މައިގަނޑު ގޮތެއްގައި ބިނާވަނީ ޑިމާންޑާއި ސަޕްލައިއަށް ކަމަށެވެ. އަދި ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތަށް މަސްވެރިންގެ އަތުން މަސް ގަންނަ އަގު އެންމެ މަތިކުރުމަށް މިފްކޯއިން މަސައްކަތް ކުރަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މިފްކޯއިން ވިދާޅުވީ އެ ކުންފުނީގެ ފެލިވަރު، ކޫއްޑޫ އަދި އައްޑޫގައި ޤާއިމުކޮށްފައިވާ ކާރުހާނާތަކުގެ އިތުރުން ގދ. ތިނަދޫ، ފަރެސްމާތޮޑާ، ގައްދޫ، އިހަވަންދޫ އަދި ފުވައްމުލައް ސިޓީގެ ބަނދަރުން އަންގާރަ ދުވަހު މި އަގުތަކުގައި މަސް ގަންނަމުންދާނެ ކަމަށެވެ.





