އެމްޑީޕީގެ ވެރިކަމުގައި ސަރުކާރު ހިންގުމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށާއި، ބައެއް ވަޒީރުން މަގާމުން ވަކިކުރުމަށް ޕާޓީގެ އެތެރެއިން ބޮޑެތި ފިއްތުންތަކެއް ކުރިމަތިވި ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ހާމަކުރައްވައިފިއެވެ.
އައްޑޫ ސިޓީގެ މަރަދޫގައި ބޭއްވި ސިޔާސީ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، ނިމިދިޔަ ދައުރުގައި އެމަނިކުފާނުގެ ސަރުކާރަށް އެންމެ ބޮޑު ގޮންޖެހުމެއް ކުރިމަތިވީ އޭރުގެ އިދިކޮޅު ފަރާތްތަކުގެ ބަދަލުގައި، އަމިއްލަ ޕާޓީގެ އެތެރޭގައި ތިއްބެވި ބައެއް ބޭފުޅުންގެ ފަރާތުން ކަމަށެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި، 2019 ވަނަ އަހަރުގެ މަޖިލިސް އިންތިހާބަށް ފަހު، އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން ސަރުކާރާ ވަކިން ކަންކަން ނިންމަން ފެށުމުން ވެރިކަން ހިންގުމަށް ބޮޑެތި ހުރަސްތަކެއް އެޅުނެވެ. މަޖިލީހުގެ ތެރެއިން ސަރުކާރަށާއި އެމަނިކުފާނަށް އަމާޒުކޮށް ވަރަށް ހަޑިހުތުރު ބަހުން ވާހަކަދައްކައި، ރައްޔިތުންގެ ކުރިމަތީގައި ސަރުކާރު ފަލީހަތްކުރަން ޕާޓީގެ އެތެރެއިން މަސައްކަތް ކުރި ކަމަށް ސޯލިހު ފާހަގަކުރެއްވިއެވެ. މި ދަތިތަކުގެ ތެރޭގައި ސަރުކާރު ހިންގަމުން ދަނިކޮށް، ރައީސް މުހައްމަދު ނަޝީދު ބަރުލަމާނީ ނިޒާމަކަށް ދިއުމަށް ބާރުއަޅުއްވައި، އެ ނިޒާމުގެ ތެރެއިން ބޮޑުވަޒީރުކަން ބޭނުންފުޅުވާ ކަމަށް އެންގެވި ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ނަމަވެސް، އޭރު ކުރެވުނު ދިރާސާތަކުން ބަރުލަމާނީ ނިޒާމަށް ރައްޔިތުންގެ މާ ބޮޑު ތާއީދެއް ނެތްކަން އެނގޭތީ، އެފަދަ ބަދަލަކަށް ދިއުމަކީ ރިޔާސީ އިންތިހާބަށް އޮތް ބޮޑު ނުރައްކަލެއް ކަމަށް ދެކެވަޑައިގެން އެކަމަށް އިންކާރު ކުރެއްވި ކަމަށް ސޯލިހު ވިދާޅުވިއެވެ. މީގެ އިތުރުން، ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ތެރޭގައި އެކުގައި މަސައްކަތް ކުރުމުގެ ޝަރުތެއްގެ ގޮތުން ތިން ވަޒީރަކު ވަކިކުރުމަށް ވެސް ހުށަހެޅުންތައް އައި ކަމަށާއި، އޭގެ ތެރޭގައި ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވެސް ހިމެނޭ ކަމަށް އެމަނިކުފާނު ހާމަކުރެއްވިއެވެ.
2023 ވަނަ އަހަރުގެ އިންތިހާބީ ނާކާމިޔާބީއާ ގުޅޭގޮތުން ވާހަކަދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، ސަރުކާރާ ދެކޮޅަށް ފެތުރި ދޮގު ވާހަކަތަކަށް އެކަށީގެންވާ ރައްދު ނުދެވުމަކީ ދިމާވި މައްސަލައެއް ކަމަށާއި، އެހެންނަމަވެސް އެ ނާކާމިޔާބީގެ ފުރިހަމަ ޒިންމާ އަމިއްލަފުޅަށް ނަންގަވާ ކަމަށެވެ. އަދި ކުރިއަށް އޮތް 2028 ވަނަ އަހަރުގެ އިންތިހާބު ކާމިޔާބު ކުރެވޭނީ ޕާޓީގެ ހުރިހާ މެމްބަރުން އެކަތިގަނޑަކަށް ހަދައިގެން ކުރިއަށްދާނެ ސިޔާސަތުތަކެއް ގެންގުޅޭ ލީޑަރަކު ޗެއާޕާސަންގެ މަގާމަށް ގެނެސްގެން ކަމަށް ވެސް ރައީސް ސޯލިހު ވިދާޅުވިއެވެ.





