މި ހަފްތާގައި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ނުބާއްވަން ނިންމައި، މިމަހު 15 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެެއް ބާއްވަން ނިންމައިފިއެވެ.
އެންމެ ފަހުން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ބޭއްވީ މިމަހުގެ އެއްވީ ހޯމަ ދުވަހުއެވެ. އެ ދުވަހު އޮތީ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބު ރައީސް ދިއްގަރު ދާއިރާގެ ޕީއެންސީ މެންބަރު އަހުމަދު ނާޒިމް ނާއިބު ރައީސްކަމުގެ މަގާމުން އިސްތިއުފާ ދެއްވާފައިވާތީ އެ މަގާމަށް މަޖިލިސް މެންބަރަކު އިންތިހާބު ކުރުމެވެ.
މަޖިލީހުގެ އާ ނައިބު ރައީސް ކަމަށް އިންތިހާބު ކުރީ އޭދަފުށީ ދާއިރާގެ ޕީއެންސީ މެންބަރު އަހްމަދު ސަލީމް އެވެ. އެއަށް ފަހު އެ ހަފްތާގައި މަޖިލީހުގެ އިތުރު ޖަލްސާއެއް ނުބާއްވައެވެ.
އެދުވަހުގެ ޖަލްސާ ނިންމަވާލައްވަމުން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، ދެން މަޖިލީހުގެ ޖަލްސާއެއް ބާއްވާނީ މިމަހު އަށެއްވާ ހޯމަ ދުވަހު ކަމަށެވެ. އެއީ އިއްޔެއެވެ.
ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން މިއަދު ބުނީ، ދެން މަޖިލީހުގެ ޖަލްސާއެއް ބާއްވާނީ މިމަހުގެ 15 ވާ ހޯމަ ދުވަހު ކަމަށެވެ. ނަމަވެސް މަޖިލިސް ޖަލްސާތައް ފަސްކުރި ސަބަބެއް މަޖިލިސް އިދާރާއިން ނުބުންޏެވެ.
އެހެން ކަމުން މަޖިލީހުގެ ޖަލްސާއެއް މިހަފްތާއަކުވެސް ނޯންނާނެއެވެ.





