މިދިޔަ ހޮނިހިރު ދުވަހު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ ބައި-އިލެކްޝަނުގައި ސަރުކާރު ހިންގާ ޕީއެންސީގެ ކެންޑިޑޭޓް ހޯއްދެވި ނަތީޖާއަކީ، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ކާމިޔާބު ކުރައްވާނެ ކަމުގެ ސިގްނަލެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ ކުރީގެ މެންބަރު ޢަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.
އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާ ވަގުތީ ނަތީޖާ ދައްކާގޮތުން، މި އިންތިޚާބު އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓް އަދި އައްޑޫ ސިޓީގެ ކުރީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) ކާމިޔާބު ކުރެއްވީ 62 ވޯޓުގެ ކުޑަ ތަފާތަކުންނެވެ. އިންތިޚާބުގައި ސޯބެ 1,375 ވޯޓު ހޯއްދެވިއިރު، ޕީއެންސީގެ ކެންޑިޑޭޓް އަހުމަދު ސައީދު (ސޮޑާ) ވަނީ 1,313 ވޯޓު ހޯއްދަވައިފައެވެ.
މި ނަތީޖާއާ ގުޅޭގޮތުން މީޑިއާއަކަށް ދެއްވި ބަސްދީގަތުމެއްގައި ޖާބިރު ވިދާޅުވީ، ރާއްޖޭގެ ކުރީގެ ރައީސުން އެއްގަލަކަށް އަރައި، ސަރުކާރާ ދެކޮޅަށް ނުކުމެ އެމްޑީޕީގެ ކެންޑިޑޭޓް ހޮވުމަށް ގަދައަޅައި މަސައްކަތް ކުރި ނަމަވެސް، އެ ބޭފުޅުންނަށް ކާމިޔާބީއެއް ލިބުނު ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އަދި އިންތިޚާބަށް ލިބުނު ކުޑަ ވަގުތުކޮޅުގެ ތެރޭގައި ޕީއެންސީން ކުރި ހިތްވަރާއި، މިންނެތް މަސައްކަތުން ފެނުނު ނަތީޖާއަކީ ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ.
"2028 ނަގާނީ ރައީސް މުއިއްޒުކަން މިއަދުގެ ވޯޓުން ހާމަވެގެންދޭ. ފަހުގެ ކެމްޕެއިންތަކަށް ބަލާއިރުގައި، ސަރުކާރު އޮވެ، ސަރުކާރުގެ ވަސީލަތްތައް ބޭނުން ނުކޮށް، ޕްރޮޖެކްޓުތައް ނުހިންގާ އަހުމަދު ސައީދު އެ ހޯއްދެވި ކާމިޔާބީއަކީ ވަރަށް އާދައިގެ ކެމްޕެއިނަކުން، އަނެއްކާ އިދިކޮޅަށް ތިބި އެންމެން އެއް ގަލަކަށް އަރައިގެން ހޯދި ނަތީޖާއަކީ ރައީސް މުއިއްޒުއަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް،" ޖާބިރު ވިދާޅުވިއެވެ.
ޖާބިރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ދައުލަތުގެ އެއްވެސް ވަސީލަތެއް ބޭނުން ކުރުމެއް ނެތި އަދި އާ ޕްރޮޖެކްޓުތައް އިއުލާން ކުރުމެއް ނެތި، އާދައިގެ ކެމްޕެއިނަކުން ޕީއެންސީން ހޯދި މި ނަތީޖާއިން ހާމަވަނީ ރައީސް މުއިއްޒަށް ރައްޔިތުންގެ މެދުގައި އޮތް ބޮޑު ތާއީދެވެ. އަދި ހިތަދޫގައި ބެހެއްޓި ވޯޓު ފޮށިތަކުން ޕީއެންސީގެ ކެންޑިޑޭޓް ގިނަ ވޯޓުތަކެއް ހޯއްދެވުމަކީ ސަރުކާރުގެ ސިޔާސަތުތައް ބަލައިގަންނަކަމުގެ ހެތްކެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.





