ކ. ގަލުފަޅު ކަރިން މިއަދު ހިނގި ކަނޑުމަތީގެ ނުރައްކާތެރި ހާދިސާގައި އެކްސިޑެންޓަށް ފަހު މަޑުނުކޮށް އުޅަނދުގެ މައްސަލަ ވަކި މައްސަލައެއްގެ ގޮތުގައި ބަލަމުންދާ ކަމަށް ފުލުހުން ބުނެފި އެވެ.
ކަނޑުމަތީގެ ނުރައްކާތެރި ހާދިސާ ހިނގީ ހެނދުނު 06:19 އެހާއިރު އެވެ.
އެކްސިޑެންޓް ހިނގި އިރު އެ އުޅަނދުގައި ދެ މީހަކު ތިއްބެވެ. އެކްސިޑެންޓަށްފަހު އެ އުޅަނދު މާލޭގެ 1 ނަންބަރު ފާލަމަށް ވަނީ ގެނެސްފަ އެވެ. މި ހާދިސާގައި އަނިޔާވި، ލޯންޗްގެ ކެޕްޓަން އުމުރުން 38 އަހަރުގެ ދިވެހި ފިރިހެނަކާއި ފަޅުވެރިއެއް ކަމަށްވާ ބަނގްލަދޭޝް ފިރިހެނަކު ފަރުވާ ދިނުމަށްޓަކައި އައިޖީއެމްއެޗް އަށް ވަނީ ގެންގޮސްފަ އެވެ.
މި އެކްސިޑެންޓް ހިނގަން މެދުވެރިވި ގޮތް ތަހުގީގުގެ ތެރެއިން ދަނީ ބަލަމުން ކަމަށާ މި ހާދިސާގެ ތަހުގީގުން ކުރި މަސައްކަތުން، ލޯންޗު ޖެހުނު އުޅަނދު މިހާރު ވަނީ ދެނެގަނެވިފައި ކަމަށް ފުލުހުން ބުންޏެވެ. ލޯންޗު ޖެހިފައިވަނީ ސަޕްލައި ދޯންޏެއްގަ އެވެ.
އެކްސިޑެންޓަށްފަހު ދޯނި, މަޑުނުކޮށް ދިޔަ މައްސަލަ ވަކި މައްސަލައެއްގެ ގޮތުގައި ދަނީ ތަހުގީގު ކުރަމުންނެވެ. އަދި މި ހާދިސާއާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ތަހުގީގުގެ ތެރެއިން ދަނީ ކުރަމުން ކަމަށްވެސް ފުލުހުން ބުންޏެވެ.
މި އެކްސިޑެންޓުގައި އަނިޔާވި ދެ މީހުންގެ ހާލަތު މިހާރު ސްޓޭބަލް ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.





