މަޖިލީހުގެ ނައިބު ރައީސް ކަމަށް ސަލީމް

މަޖިލީހުގެ ނައިބު ރައީސް ކަމަށް ސަލީމް

ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް ކަމުގެ މަގާމަށް އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް އިންތިހާބު ކޮށްފިއެވެ.

އެ މަގާމަށް ސަލީމް އިންތިހާބު ކުރީ ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާގައި، އެ މަގާމަށް ވާދަ ކުރެއްވި ވައިކަރަދޫ ދާއިރާގެ އެމްޑީޕީ މެންބަރު ހުސައިން ޒިޔާދާ ވާދަ ކުރައްވައިގެންނެވެ.

މަޖިލިހަށް އާ ނައިބު ރައީސަކު އިންތިހާބު ކުރަން މިއަދު ބޭއްވި ރައްޔިތުންގެ މަޖިލިހުގެ ޖަލްސާގައި، މަޖިލީހުގެ ނާއިބު ރައީސްކަމަށް އިންތިހާބު ކުރަން މެންބަރު ސަލީމްގެ ނަން ހުށަހަހެޅުއްވީ ޕީއެންސީގެ ޕީޖީ ލީޑަރު އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހުއެވެ. ތާއީދު ކުރެއްވީ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއުއެވެ.

މެންބަރު ޒިޔާދުގެނަން ހުށަހެޅުއްވީ ހަނިމާދޫ ދާއިރާގެ އެމްޑީޕީ މެންބަރު އަބްދުލް ގަފޫރު މޫސާއެވެ. ތާއީދު ކުރެއްވީ ތޮއްޑޫ ދާއިރާގެ އެމްޑީޕީ މެންބަރު ހުސެއިން ސަމީރުއެވެ.

މަޖިލީހުގެ ނާއިބު ރައީސް ކަމުގެ މަގާމަށް މެންބަރު ސަލީމް އިންތިހާބު ކުރީ، މި ކަމަށްޓަކައި ނެގި ސިއްރު ވޯޓުގައި 62 މެންބަރުން ވޯޓު ދެއްވައިގެންނެވެ. ސަލީމް އާ ވާދަކުރެއްވި މެންބަރު ޒިޔާދުއަށް ލިބިވަޑައިގަތީ 10 މެންބަރުންގެ ވޯޓެވެ. ބާތިލް ދެ ވޯޓު ހިމެނެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް ކަމުގެ މަގާމު ހުސްވީ އިއްޔެއާ ހަމައަށް އެ މަގާމުގައި ހުންނެވި ދިއްގަރު ދާއިރާގެ ޕީއެންސީގެ މެންބަރު އަހްމަދު ނާޒިމު އެ މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

ނާޒިމް އެ މަގާމުން އިސްތިއުފާ ދެއްވީ، ގާނޫނާ އެއްގޮތަށް މަގާމުގެ މަސްއޫލިއްޔަތު އަދާ ކުރައްވަމުން ނުދާ ކަމަށާއި، މަގާމުގެ ނުފޫޒު ބޭނުންކުރައްވައިގެން ނާޖާއިޒު ފައިދާ ނެންގެވުމާއި ރައްޔިތުންގެ މަޖިލީހުގެ މަސްލަހަތު ނަގާލަން ހިތްވަރުދިނުމުގެ ތުހުމަތު ކުރައްވައި، އެ މަގާމުން ނާޒިމު ވަކިކުރަން އަމިއްލަ ޕާޓީ، ޕީއެންސީގެ ފަރާތުން 73 މަޖިލިސް މެންބަރުން ސޮއިކުރައްވައި ހުށަހެޅި މައްސަލަ މަޖިލީހުގައި ފަށަން ކުޑަ ވަގުތުކޮޅަކަށް ވެފައިއޮއްވައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *