ށ. ގޮއިދޫ މިސްކިތުގެ އިމާމު، އެއްޖިންސުން ގުޅުންހިންގާ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުކުރި މައްސަލަ ފުލުހުން ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަން ފަށައިފިއެވެ.
ފުލުހުންގެ އިދާރާއިން މައުލޫމާތު ދީފައިވާ ގޮތުގައި، ބަދުއަހުލާގީ އަމަލުތަކެއް ހިމެނޭ ކަމަށް ތުހުމަތުކުރެވޭ ވީޑިއޯއެއް ވައިބާ ގްރޫޕެއްގައި ހިއްސާކުރި މައްސަލައެއް، 2026 މެއި 27 ވަނަ ދުވަހު ށ. ގޮއިދޫއިން ފުލުހުންނަށް ވަނީ ހުށަހަޅާފައެވެ.
މި މައްސަލައިގެ ތަހުގީގާ ގުޅޭގޮތުން ފުލުހުން ބުނީ، އެ ވީޑިއޯ ސޯޝަލް މީޑިއާގައި ފެތުރި މައްސަލައާއި، އެ ވީޑިއޯގައި ހިމެނޭ ކަމަށް ތުހުމަތުކުރެވޭ އެންމެހާ ކަންކަން މިހާރު ދަނީ ވަރަށް ގާތުން ބަލަމުން ކަމަށެވެ.
މި ހާދިސާ ހިނގާފައިވަނީ ގޮއިދޫގެ ގިނަ އަދަދެއްގެ ރައްޔިތުން ހިމެނޭ ވައިބާ ގްރޫޕަކަށް، އެ ރަށު މިސްކިތުގެ އިމާމުގެ މަގާމުގައި ހުރި އާމިރު ނަމަކަށް ކިޔާ މީހަކު، އޭނާ އަމިއްލައަށް އެއްޖިންސުން ގުޅުންހިންގާ މަންޒަރު ފެންނަ ވީޑިއޯއެއް ފޮނުވުމާ ގުޅިގެންނެވެ. މައުލޫމާތު ލިބޭ ގޮތުގައި މިއީ އޭނާއަށް އޮޅުމަކުން ފޮނުވުނު ވީޑިއޯއެކެވެ.
މި މައްސަލަ ފެންމަތިވުމާއެކު، އިސްލާމިކް މިނިސްޓްރީން ވަނީ އޭނާ ވަގުތުން އިމާމުކަމުގެ ވަޒީފާއިން ވަކިކޮށްފައެވެ. ރަށުގެ ރައްޔިތުން ދަނީ މިފަދަ ފާހިޝް އަމަލުތައް ހިންގާ މީހުންނަށް ގާނޫނީ ގޮތުން ދެވެން އޮތް އެންމެ ހަރުކަށި އަދަބު ދިނުމަށް ގޮވާލަމުންނެވެ.





