ރާއްޖެއަށް އެތެރެކުރާ ސިނގިރޭޓުން ނަގާ އިމްޕޯޓް ޑިއުޓީ 4 ރުފިޔާއަށް ކުޑަކުރުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗުއޯ) އިން ލަފާދީފައިވާތީ، އެ ބަދަލު ގެނައުމާ މެދު ސަރުކާރުގެ ކަމާބެހޭ އިދާރާތަކުގެ މެދުގައި މަޝްވަރާކުރަން ނިންމާފައިވާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެއެވެ.
ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަހާ ގުޅުވައިގެން ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު އިހުސާން ވިދާޅުވީ، ދުންފަތް ކޮންޓްރޯލް ކުރުމުގެ ފިޔަވަޅެއްގެ ގޮތުން 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހު ސިނގިރޭޓުގެ ޑިއުޓީ 3.30 ރުފިޔާއިން 8 ރުފިޔާއަށް ބޮޑުކުރި ކަމަށެވެ. އެ ފަހަރު ޑިއުޓީ ބޮޑުކުރީ ރާއްޖޭގައި ވޭޕް މަނާކުރުމާ ގުޅިގެން، ވޭޕް ބޭނުންކުރާ މީހުން ކުއްލިއަކަށް ސިނގިރޭޓަށް ބަދަލުވެދާނެ ކަމަށް ކުރެވުނު ދިރާސާތަކަށް ބިނާކޮށް ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މިނިސްޓަރު އިހުސާން ވިދާޅުވި ގޮތުގައި، ޑަބްލިއުއެޗުއޯއިން ދީފައިވާ ލަފަޔަކީ 2026 ވަނަ އަހަރަށް ސިނގިރޭޓުގެ ސްޕެސިފިކް ރޭޓް 4 ރުފިޔާގެ ގޮތުގައި ހަމަޖެއްސުމަށެވެ. "މިއީ އަޅުގަނޑުމެން ހަމަ ކޮންސިޑާ ކުރަމުން އަންނަ ރޭޓެއް މިހާރު ވެސް،" މިނިސްޓަރު ވިދާޅުވިއެވެ.
ސަރުކާރުން އެންމެ ފަހުން ގެނައި ބަދަލަކީ ދުންފަތް ކޮންޓްރޯލް ކުރުމަށްޓަކައި ނެގި "އުނދަގޫ ނިންމުމެއް" ކަމަށާއި، ނަމަވެސް މި ސިޔާސަތުތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށްޓަކައި ދިރާސާތަކުގެ އަލީގައި ޑިއުޓީ ރޭޓަށް ބަދަލު ގެނައުމަކީ ކުރާނެ ކަމެއް ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
މި ބަދަލު ގެނައުމުގެ ކުރިން ހުރިހާ ސްޓޭކްހޯލްޑަރުންނާ މަޝްވަރާކުރެވޭނެއެވެ. އަދި އެ މަޝްވަރާތަކަށް ފަހު ރޭޓަށް ބަދަލު ގެންނަން އެންމެން އެއްބަސްވާ ނަމަ، ގާނޫނަށް ބޭނުންވާ އިސްލާހުތައް ގެނައުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާނެއެވެ. މިހާރުގެ މަޖިލީހުގެ ރައީސަކީ ޢަބްދުއްރަޙީމް ޢަބްދުﷲ އެވެ.





