އަޅުގަނޑު ހޮވިއްޖިއްޔާ އަތޮޅު ތެރޭގައި ޕާޓީގެ ހަރަކާތްތައް ވަރުގަދަ ކުރާނަން: މީކާއީލް

އަޅުގަނޑު ހޮވިއްޖިއްޔާ އަތޮޅު ތެރޭގައި ޕާޓީގެ ހަރަކާތްތައް ވަރުގަދަ ކުރާނަން: މީކާއީލް

އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގެ ކެމްޕެއިނުގައި އަތޮޅުތަކުގެ މެންބަރުންގެ ފަރާތުން އެންމެ ގިނައިން އިވޭ ޝަކުވާއަކީ ރަށްރަށުގައި ޕާޓީގެ ހަރަކާތްތައް ވަޅުޖެހިފައި އޮތުން ކަމަށް، އެ މަގާމަށް ވާދަކުރައްވާ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމް ވިދާޅުވެއްޖެއެވެ.

އެމްޑީޕީ ހަރުގޭގައި ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން މީކާއީލް ވިދާޅުވީ، މި މައްސަލައަށް ހައްލު ހޯދައިދިނުމަށް ޕާޓީގެ އޮނިގަނޑަށް ޒަމާނީ ބަދަލުތަކެއް ގެންނަވާނެ ކަމަށެވެ.

ރަށްރަށުގައި ޕާޓީ ހަރަކާތްތައް ހިންގުމަށް ބަޖެޓުން ވަކި ޕަސެންޓެއް ދިނުމަށް ކޮންގްރެސް އިން ނިންމާފައި ވީ ނަމަވެސް، ކުރީގެ ޗެއާޕާސަނުންގެ ދައުރުގައި އެ ފައިސާ ޕާޓީ ހަރަކާތްތަކަށް ހޭދަ ނުކޮށް، ސިޔާސީ ބޭނުންތަކަށް ގަވާއިދާ ޚިލާފަށް ބޭނުންކޮށްފައިވާ ކަމަށް މައުލޫމާތު ލިބެއެވެ. މި ކަމަކީ ރަށްތަކުގެ ޖަގަހަތައް ހިންގުން ހުއްޓި، ޕާޓީ ހަރަކާތްތައް ދިރުން ކެނޑިގެން ދިޔުމަށް މެދުވެރިވި އެންމެ ބޮޑު އެއް ސަބަބު ކަމަށް ފެނެއެވެ.

މީކާއީލް ވިދާޅުވި ގޮތުގައި، ރައްޔިތުންނާ އެންމެ ގާތުން މަސައްކަތް ކުރާ ކައުންސިލަރުންނާއި ވިމެންސް ޑިވެލޮޕްމެންޓް ކޮމިޓީ (ޑަބްލިއުޑީސީ) ގެ މެންބަރުންނަށް ޕާޓީގެ ގައުމީ މަޖިލީހުގައި ބަސްބުނުމުގެ ފުރުސަތު ދިނުން ކޮންމެހެން ބޭނުންތެރިއެވެ. ކޮންމެ އަތޮޅަކުން ވަކި އަދަދެއްގެ ކައުންސިލަރުން ގައުމީ މަޖިލީހަށް ނެގައި، ނިންމުންތައް ނިންމުމުގެ ބާރު ދިނުމަކީ ޕާޓީ ދިރުވައި ހިންގުމަށް ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް ވެސް ވިދާޅުވިއެވެ.

މިހާތަނަށް 55 ރަށަކަށް ކެމްޕެއިން ދަތުރުތައް ކުރައްވާފައިވާ ކަމަށާއި، ޖޫން 12 ގައި ބާއްވާ ޗެއާޕާސަން އިންތިހާބު ކާމިޔާބު ކުރެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް މީކާއީލް ވިދާޅުވިއެވެ. މި އިންތިހާބުގައި މީކާއީލްއާ ވާދަ ކުރައްވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *