ހިމަބިހި ޖެހުނު މީހުންގެ އަދަދު ނުވައަކަށް އަރައިފި

ހިމަބިހި ޖެހުނު މީހުންގެ އަދަދު ނުވައަކަށް އަރައިފި

ރާއްޖެއިން ނައްތާލާފައިވާ ކަމަށް ކަނޑައަޅާފައިވާ ހިމަބިހި (މީސަލްސް) ބައްޔަށް އިތުރު ދެ މީހަކު ޕޮޒިޓިވްވެ، މި ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު ނުވައަކަށް އަރައިފި ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ.

އެޗްޕީއޭއިން ބުނި ގޮތުގައި، މިދިޔަ ހަފްތާގައި ބަލިޖެހުނު މީހުން ފެނުމާ ގުޅިގެން ކޮންޓެކްޓް ޓްރޭސިން ހެދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް، މިއަދު އަލަށް ފެނުނު ދެ ކޭސްއާއެކު މި މަހުގެ ތެރޭގައި އެކަނިވެސް ހަ މީހަކަށް ވަނީ މި ބަލި ޖެހިފައެވެ.

މި ބަލީގެ އަލާމާތްތަކުގެ ތެރޭގައި ގަދައަށް ހުން އައުމާއި، ހަމުގައި ރަތް ބިހިތަކެއް ނެގުމުގެ އިތުރުން، ކެއްސުމާއި، އަރިދަފުސް ފޭބުމާއި ލޯ ރަތްވުން ހިމެނެއެވެ. މިއީ އާދައިގެ ރޯގާއެއްގެ އަލާމާތްތަކެއް ކަމަށް ހީވި ނަމަވެސް، ބަލީގެ ހާލަތު ސީރިއަސްވެ ނިއުމޯނިޔާ ޖެހުމާއި ލޮލުގެ ފެނުމަށް އަސަރުކޮށް، ފުރާނައަށް ނުރައްކާވުމުގެ ފުރުސަތު އޮވެއެވެ.

ހިމަބިހިން ރައްކާތެރިވުމަށްޓަކައި ރާއްޖޭގައި ދެ ޑޯޒުގެ ވެކްސިން ޖަހާއިރު، ފުރަތަމަ ޑޯޒް ޖަހަނީ ކުއްޖާއަށް ނުވަ މަހުގައެވެ. އަދި ދެވަނަ ޑޯޒް ޖަހަން ޖެހެނީ ކުއްޖާގެ އުމުރުން ދޮޅު އަހަރުގައެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކާއި އަވަށްޓެރި ގައުމުތަކުގައި ވެސް މި ބަލި ފެތުރޭ މިންވަރު މި ދުވަސްވަރު އިތުރުވެފައިވާތީ، ވެކްސިން ފުރިހަމަކުރުމަށް ސިއްހީ މާހިރުން އިރުޝާދު ދެއްވައެވެ. ބަލީގެ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ސިއްހީ އެހީތެރިކަން ހޯދުމަކީ މި ދަނޑިވަޅުގައި ވަރަށް މުހިންމު ކަމެކެވެ.

 

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *