ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންނަކީ ގައުމު ހިންގުމުގައި އެންމެ ދައުރެއްގެ ވައުދާއެކު ނިކުންނަވާ ބޭފުޅުންނަށް ވާންޖެހޭ ކަމަށާއި، ވެރިކަމުގެ ބާރުތަކަށް ގެނެވޭ އެއްވެސް އިސްލާހަކީ އެވަގުތު އޮތް ސަރުކާރަށް ފައިދާވާނެ ގޮތަށް ކުރެވޭ ކަމަކަށް ވެގެންނުވާނެ ކަމަށް އިނަރ މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރު މުހައްމަދު ފިރާގު ވިދާޅުވެއްޖެއެވެ.
ފިރާގު މިހެން ވިދާޅުވީ އޭނާގެ ރަސްމީ ފޭސްބުކް ޕޭޖުގައި ހިއްސާކުރެއްވި ސިޔާސީ ޚިޔާލެއްގައެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި، ރާއްޖޭގެ ސިޔާސީ ނިޒާމު ހަރުދަނާކުރުމަށްޓަކައި ކެންޑިޑޭޓުންގެ މެނިފެސްޓޯގައި އެންމެ ދައުރަކަށް ވެރިކަން ކުރައްވާނެ ކަމަށް އިގުރާރުވާންޖެހެއެވެ. އަދި އެ ދައުރެއްގެ ތެރޭގައި ރިޔާސީ ބާރުތަކަށް ނުވަތަ ސިޔާސީ ނިޒާމަށް ގެންނަ އެއްވެސް ބަދަލެއް ނުވަތަ އިސްލާހެއް ނަމަ، އެ އިސްލާހަކީ ދެން އަންނަ ސަރުކާރަކުން އަމަލުކުރަންޖެހޭ ގާނޫނީ ބަދަލުތަކަކަށް ހަދަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ޑިމޮކްރަސީ އެގޮތަށް (އަމިއްލަ ފައިދާއަށް ބަދަލުކުރާ ގޮތަށް) ހިނގައިގެން ނުވާނެ. ގާނޫނު އަސާސީއަށް އިސްލާހު ގެނައުމާއި ގާނޫނީ ބޮޑެތި އިސްލާހުތައް ދުވަހަކުވެސް އެވަގުތެއްގައި ވެރިކަމުގައި އޮންނަ ލީޑަޝިޕަށް ފައިދާހުރި ގޮތަކަށް ފަރުމާކޮށްގެން ނުވާނެ،" ފިރާގު ލިޔުއްވާފައިވެއެވެ.
ފިރާގުގެ ޕޯސްޓުގައި އިތުރަށް ފާހަގަ ކުރައްވާފައިވަނީ، ގިނަ ފަހަރަށް ފެންނަނީ އިސްލާހީ ބަދަލުތަކާއި ހާމަކަން ބޮޑު ސިޔާސަތުތަކުގެ ވައުދާއެކު ވެރިކަމަށް ވަޑައިގަންނަވާ ލީޑަރުން، އިންތިޚާބުވުމަށްފަހު ސިޔާސަތުތައް ބަދަލުކޮށް، ސަރުކާރުގެ ތެރެއަށް އިތުރު ކޮންޓްރޯލް ޖަމާކުރާ މަންޒަރު ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ކޮންމެ ވެރިއަކުވެސް މަގާމުގެ ހުވާ ކުރައްވާއިރު އޮތް ގާނޫނުތަކުގެ ތެރެއިން ވެރިކަން ކުރެވެން ޖެހޭނެއެވެ.
މިފަދަ ނިޒާމީ ބަދަލުތަކަކީ ގައުމުގެ ހަމަޖެހުމަށާއި އަންނަން އޮތް ޖީލުތަކުގެ މުސްތަގުބަލަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަންކަން ކަމަށްވެސް ފިރާގު ވަނީ ފާހަގަ ކުރައްވާފައެވެ.





