ހުރިހާ ހައްޖުވެރިން މިހާރު ތިބީ މިނާގައި: ހައްޖު ކޯޕަރޭޝަން

ހުރިހާ ހައްޖުވެރިން މިހާރު ތިބީ މިނާގައި: ހައްޖު ކޯޕަރޭޝަން

މިއަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރުމަށް ސައުދީ އަރަބިއްޔާއަށް ގޮސް ތިބި ދިވެހި ހުރިހާ ޙައްޖުވެރިން މިހާރު މިނާއަށް ގޮސް ނިމިފައިވާ ކަމަށް މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން މިއަދު ހާމަކޮށްފިއެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވި ގޮތުގައި، ދިވެހި ޙާޖީން މިނާއަށް ދަތުރު ފަށާފައިވަނީ މައްކާ ގަޑިން ރޭގެ 9:30 ހާއިރުގައެވެ. މިނިސްޓަރު އިތުރަށް ވިދާޅުވީ، މިރޭގެ ވަގުތެއްގައި ޙައްޖުވެރިން ޢަރަފާތަށް ދަތުރު ފަށާނެ ކަމަށެވެ.

ދިވެހި ޙާޖީންނަށް ލިބޭ ޚިދުމަތްތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ރާއްޖޭގެ ތާރީޚުގައި ވެސް ޙައްޖުވެރިންނަށް މިހާތަނަށް ލިބޭނެ އެންމެ މަތީ ފަންތީގެ ޚިދުމަތާއި އެހީތެރިކަން ޙައްޖު ކޯޕަރޭޝަނުން ފޯރުކޮށްދެމުންދާ ކަމަށެވެ. އަދި މިނާ އާއި ޢަރަފާތުގައި ޙައްޖުވެރިންނަށް ބޭނުންވާ އިންތިޒާމުތައް ވަރަށް ފުރިހަމައަށް ތައްޔާރުކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.

"ރާއްޖޭގެ ޙައްޖު މިޝަންއިން ދަނީ ޙާޖީންގެ ކަންކަން ވަރަށް ގާތުން ބަލަމުން. ދިވެހި ސަރުކާރުން އަބަދުވެސް ދެމިއޮންނާނީ ޙާޖީންނަށް އެންމެ ގާތުން ޚިދުމަތް ދިނުމުގައި،" މިނިސްޓަރު ވިދާޅުވިއެވެ.

މިއަހަރުގެ ޙައްޖުގެ އިންތިޒާމުތަކާ ގުޅޭގޮތުން ޙައްޖު ކޯޕަރޭޝަންގެ ޑީއެމްޑީ ޢަލީ ޝަރީފް ވިދާޅުވީ، އެންމެ ބޮޑު އިސްކަމެއް ދީފައިވަނީ ޙައްޖުވެރިން އެންމެ ގިނަ ވަގުތު ހޭދަކުރާ މިނާގެ ޓެންޓުތަކުގެ އިންތިޒާމުތައް ހަރުދަނާ ކުރުމަށް ކަމަށެވެ. އެގޮތުން، މިނާގައި ދިވެހި ޙައްޖުވެރިންނަށް ޚާއްޞަކޮށް 60 އަށްވުރެ ގިނަ ފާޚާނާ ތަރައްޤީކޮށް، އަންހެން އަދި ފިރިހެން ބޭފުޅުންނަށް ވަކި ސަރަޙައްދުތަކެއް ވަނީ ކަނޑައަޅާފައެވެ. އަދި ވުޟޫ ކުރުމަށް ފާޚާނާތަކުގެ ތެރޭގައި ވަކި ޚާއްޞަ ތަންތަން ހެދުމުން، ކިއޫތަކުގައި މަޑުކުރަންޖެހޭ ވަގުތު ކުޑަވާނެކަން އޭނާ ފާހަގަކުރެއްވިއެވެ.

ޙައްޖުވެރިންގެ އަރާމަށްޓަކައި ޓެންޓުތަކަށް ގެނެސްފައިވާ ބަދަލުތަކުގެ ތަފްސީލް ދެއްވަމުން ޝަރީފް ވިދާޅުވީ، ކުރިން ބޭނުންކުރި ސޯފާ ބެޑްތަކުގެ ބަދަލުގައި މިފަހަރު ބޭނުންކުރާނީ ފްލެޓް ބެޑްތައް ކަމަށެވެ. މީގެ އިތުރުން، ޓެންޓުތައް ފިނިކުރުމަށް އެންމެ ފަހުގެ އޭސީ ސިސްޓަމްތައް ހަރުކޮށް، ޓެންޓުން ބޭރުގައި އިށީނދެލައިގެން ތިބެވޭނެ ބެންޗުތަކާއި ހިޔާލިބޭނެ ގޮތަށް ފުރާޅުތައް ވެސް ވަނީ ޖަހާފައެވެ.

ކެއިންބުއިމުގެ ކަންކަމަށް ބަލާއިރު، ޓެންޓުތަކާ ކައިރީގައި ބަދިގެއެއް ގާއިމުކޮށް، 24 ގަޑިއިރު ހިލޭ ބުއިންތައް ލިބޭނެ އިންތިޒާމު ވެސް މިފަހަރު ވަނީ ހަމަޖައްސާފައެވެ. ޙައްޖު ކޯޕަރޭޝަނުން ބުނާ ގޮތުގައި، މިދިޔަ އަހަރުގެ ތަޖުރިބާއަށް ބަލައި ގެނެވުނު މި ބަދަލުތަކާއެކު، މިއަހަރުގެ ޙައްޖުގެ އިންތިޒާމުތައް މީގެ ކުރިން ދުވަހަކުވެސް ނުވާހާ ފުރިހަމަވާނެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *