ނަޝީދަށް މީކާއީލްގެ ރައްދު: އާންމު މެންބަރުން މާފަށް އެދޭކަށް ނުޖެހޭނެ

ނަޝީދަށް މީކާއީލްގެ ރައްދު: އާންމު މެންބަރުން މާފަށް އެދޭކަށް ނުޖެހޭނެ

ކުރީގެ ރައީސް މުހައްމަދު ނަޝީދު، އެމްޑީޕީގެ އާންމު މެންބަރުން ވެސް އެމަނިކުފާނުގެ އަރިހުން މާފަށް އެދެންޖެހޭ ކަމަށް ވިދާޅުވުމާ ގުޅިގެން، އެ ޕާޓީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ މީކާއިލް އަހުމަދު ނަސީމް އެ ވާހަކަތަކަށް ރައްދު ދެއްވައި، ލީޑަރުން ލީޑަރުންނަށް ހެދީ އާންމު މެންބަރުންގެ ބުރަ މަސައްކަތުން ކަމަށް ވިދާޅުވެއްޖެ އެވެ.

ރިޔާސީ އިންތިހާބާ ދިމާކޮށް އެމްޑީޕީ ދޫކޮށް ވަޑައިގެންނެވުމަކީ މާފަށް އެދެން ޖެހޭ ކަމެއް ކަމަށް ބުނެ، އާންމު މެންބަރަކު އިއްޔެ ރ. ދުވާފަރުގައި ނަޝީދާ ސުވާލު ކުރެއްވި އެވެ. އެ ސުވާލަށް ޖަވާބު ދެއްވަމުން ނަޝީދު މާފަށް އެދިވަޑައިގެންނެވި ނަމަވެސް، އެމްޑީޕީގެ މެންބަރުންވެސް އެމަނިކުފާނުގެ އަރިހުން މާފަށް އެދެން ޖެހޭ ކަމަށް ވިދާޅުވި އެވެ.

ނަޝީދު އެހެން ވިދާޅުވެފައިވާތީ، ހއ. ކެލާއަށް މީކާއިލް ވަޑައިގެންނެވުމުން އެ ރަށުގެ އެމްޑީޕީގެ އާންމު މެންބަރަކު ވަނީ އެކަމާ ގުޅޭ ގޮތުން ސުވާލު އުފައްދައިފަ އެވެ. މީކާއިލް ވިދާޅުވީ ނަޝީދު ނޫނީ އެހެން މީހެއްގެ ކިބައިން ވެސް އެމްޑީޕީގެ އާންމު މެންބަރުން މާފަށް އެދެން ޖެހޭ ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށެވެ.

"ވަރަށް ގިނަ އަހަރުގެ ވަރަށް ބޮޑެތި ގުރުބާނީތަކަށް ފަހު އެ ބޭފުޅުން އެ ބޭފުޅުންނަށްވީ. ރައީސް ކަމަށް ގެނައީ ވެސް އެމްޑީޕީގެ އާންމު މެންބަރުން، ރައީސް ނަޝީދު ވެސް. ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް. އެހެންވީމަ އެ ބޭފުޅުންނަށް އެ މަގާމުތަކާއި ދާއިމަށް އެ ލިބޭ އިނާޔަތާއި ޝަރަފާ ދެން ވެސް އެ އޮތް އެއްޗެއް އެ ލިބެނީ އާންމު މެންބަރުންނާ ހެދި،" މީކާއިލް ވިދާޅުވި އެވެ.

މީކާއިލް އިތުރަށް ވިދާޅުވީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާ ދިމާކޮށް، އާންމު މެންބަރުންގެ ގުރުބާނީތަކަށް ބެލުމެއް ނެތި، ސިޔާސީ މަންފާއަށް އެ މެންބަރުން މަގުމަތިކޮށްލެއްވުމަށް ފަހު ނަޝީދު ވަޑައިގެންނެވީ ކަމަށެވެ. ނަޝީދު އެމްޑީޕީ ދޫކޮށްލައްވައި ދަ ޑިމޮކްރެޓްސް ނަމުގައި ޕާޓީއެއް އުފެއްދެވި އެވެ. އަދި ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި ވެސް އިބޫއަށް ތާއީދު ނުދެއްވައި، ފަހުން އެނބުރި އެމްޑީޕީއާ ގުޅިވަޑައިގެންނެވީ އެވެ.

ޗެއާޕާސަންގެ އިންތިހާބު ކައިރިވަމުން އަންނައިރު، ނަޝީދާއި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ދެމެދު އޮތް ސިޔާސީ ހިޔާލު ތަފާތުވުންތައް ޕާޓީ ތެރޭގައި ފެންނަން އެބަ އޮތެވެ. އެ އިންތިހާބުގައި ރައީސް ސޯލިހު ތާއީދު ކުރައްވަނީ މީކާއިލަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *