ފާޑުކިޔުންތަކާ ގުޅިގެން ޑަބްލިއުޑީސީގެ މުސާރަ ކުޑަކޮށްފި، ރައީސުންނަށް ދެން ލިބޭނީ ވިހި ހާސް

ފާޑުކިޔުންތަކާ ގުޅިގެން ޑަބްލިއުޑީސީގެ މުސާރަ ކުޑަކޮށްފި، ރައީސުންނަށް ދެން ލިބޭނީ ވިހި ހާސް

ސިޓީތަކާއި ރަށްރަށުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ތަކުގެ މެންބަރުންގެ މުސާރައަށް ކުރިން ގެންނަން ނިންމި ބޮޑު ބަދަލު، އާންމުންގެ ފާޑުކިޔުންތަކާ ގުޅިގެން ފިނޭންސް މިނިސްޓްރީން އަލުން މުރާޖައާކޮށް ކުޑަކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން އެންމެ ފަހުން ނިންމާފައިވާ ގޮތުގައި، ސިޓީތަކުގެ ޑަބްލިއުޑީސީ ރައީސުންނަށް ދެން ލިބޭނީ މަހަކު 20،000 ރުފިޔާއެވެ. މީގެ ކުރިން ނޭޝަނަލް ޕޭ ކޮމިޝަނުން މި މަގާމަށް 41،000 ރުފިޔާ ދިނުމަށް ނިންމި ނަމަވެސް، ފަހުން އެ އަދަދު 33،000 ރުފިޔާއަށް ކުޑަކުރިއެވެ. ނަމަވެސް މިހާރު ފިނޭންސުން މިވަނީ އެ އަދަދު އަދިވެސް އިތުރަށް ތިރިކޮށްފައެވެ.

މި ބަދަލާއެކު ސިޓީތަކުގެ ނައިބު ރައީސުންނަށް 7،000 ރުފިޔާ އަދި މެންބަރުންނަށް 6،000 ރުފިޔާ ލިބޭނެއެވެ. ރަށްރަށުގެ ކޮމިޓީތަކަށް ބަލާއިރު، ރައީސުންނަށް 15،000 ރުފިޔާ، ނައިބު ރައީސުންނަށް 6،000 ރުފިޔާ އަދި މެންބަރުންނަށް 5،000 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މި މުސާރަތައް ކުޑަކުރަން ޖެހުނު މައިގަނޑު ސަބަބަކީ، ދައުލަތުގެ ޚަރަދުތައް ކުޑަކުރަން ޖެހިފައިވާ ވަގުތެއްގައި ޑަބްލިއުޑީސީ މެންބަރުންނަށް އެފަދަ ބޮޑު މުސާރައެއް ދޭން ނިންމުމުން ސޯޝަލް މީޑިއާގައާއި އާންމުންގެ ތެރޭގައި އުފެދުނު ބޮޑު ކަންބޮޑުވުންތަކެވެ. ގިނަ ބަޔަކު ގަބޫލުކުރި ގޮތުގައި އެއީ ބަޖެޓަށް ނުކަތާވަރުގެ ބޮޑު ހޭދައެކެވެ.

އަންހެނުންގެ ކޮމިޓީތަކުގެ މުސާރަ ބޮޑުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. މުސާރައަށް މި ގެނައި ބަދަލަކީ ކުރިން ލިބެމުން އައި މިންވަރާ އަޅާބަލާއިރު ބޮޑު ކުރިއެރުމެކެވެ. މީގެ ކުރިން ސިޓީތަކުގެ ރައީސުންނަށް ލިބެމުން އައީ 7،000 ރުފިޔާއެވެ. އަދި ރަށްރަށުގެ ރައީސުންނަށް ލިބެމުން އައީ 6،000 ރުފިޔާއެވެ.

މީގެ އިތުރުން، އަންހެނުންގެ ކޮމިޓީތައް ބާރުވެރިކުރުމުގެ ގޮތުން ކޮމިޓީތަކުގެ ބަޖެޓު ދެގުނަ ކުރުމާއި، މެންބަރުންނަށް ރޯދަ އެލަވަންސް ދިނުމަށް ވެސް ސަރުކާރުން ވަނީ ނިންމާފައެވެ.

 

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *