ޑައިވިން ހާދިސާއާ ގުޅޭ ތަހުގީގަށް ބޭނުންވާ ހެކިތައް ފުލުހުންނާ ހަވާލުކޮށްފި

ޑައިވިން ހާދިސާއާ ގުޅޭ ތަހުގީގަށް ބޭނުންވާ ހެކިތައް ފުލުހުންނާ ހަވާލުކޮށްފި

ވ. އަތޮޅުގެ ކަނޑުއަޑީގެ ހޮހަޅައެއްގެ ތެރޭގައި ހިނގި ޑައިވިން ހާދިސާގައި އިޓަލީގެ ފަސް ޑައިވަރުން މަރުވި މައްސަލައިގެ ތަހުގީގަށް ބޭނުންވާ މުހިންމު ހެކިތައް، އެ މީހުންގެ ހަށިގަނޑުތައް ހޯދުމުގެ މަސައްކަތްކުރި ޑޭން ޔޫރަޕުން ދިވެހި ފުލުހުންނާ ހަވާލުކޮށްފިއެވެ.

ޑޭން ޔޫރަޕުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ހާދިސާ ހިނގި ސަރަހައްދުގައި ހިންގި ރެސްކިޔު އޮޕަރޭޝަންގެ ތެރެއިން އެއްކުރި ސާމާނުތަކާއި ހެކިތައް ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށެވެ. މި އޮޕަރޭޝަންގެ އެންމެ ފަހު ޑައިވް އިއްޔެ ކޮށްފައިވާ އިރު، އެ ޑައިވްގައި ޑައިވަރުން މޫދު އަޑީގައި ކުރަންޖެހޭ މަސައްކަތްތައް ފުރިހަމަކޮށް، ހޮހަޅައިގެ ތެރޭގައި ތިން ގަޑިއިރު ހޭދަކޮށްފައިވެއެވެ. މީގެ އިތުރުން ރިކަވަރީ ފޭސްގައި ބޭނުންކުރި ވަގުތީ ގައިޑްލައިންތަކާއި، އޮޕަރޭޝަނަލް ރިފަރެންސްތައް ވެސް ވަނީ ފުލުހުންނާ ހަވާލުކޮށްފައެވެ.

ހާދިސާ ހިނގި ގޮތް ތަހުލީލު ކުރައްވަމުން ޑޭން ޔޫރަޕުގެ ސީއީއޯ ލޯރާ މަރޯނީ ވިދާޅުވީ، އިޓަލީގެ ޑައިވަރުން މަރުވާން މެދުވެރިވީ ހޮހަޅައިގެ ތެރޭގައި މަގު އޮޅި، ނުކުމެވޭނެ މަގު ނުފެނުމުން އުފެދުނު ހާސްކަމުގެ ތެރޭގައި ކަމަށް ބެލެވޭ ކަމަށެވެ. ހޮހަޅައިގެ ދެވަނަ ބަޔަށް ވަނުމަށްފަހު، އެނބުރި ނުކުންނަ މަގު ދިމާލުން ވެލި އުސްކޮށް ހުރުމުން އެ މަގު ނުފެނި، ހާސްކަމުގެ ތެރޭގައި އެ މީހުންނަށް އިތުރަށް އެތެރެއަށް ދެވުނީއެވެ. ނަތީޖާއެއްގެ ގޮތުން އެ މީހުންނަށް ވަދެވުނީ އެއްވެސް ދިމާލަކުން ނުކުމެވޭނެ ގޮތެއް ނެތް، ކޮޅުބެދިފައިވާ ހޮހަޅައިގެ ތިންވަނަ ބަޔަށެވެ.

މި ހާދިސާގައި ނިޔާވި ފަސް މީހުންނަކީ މޮނިކާ މޮންޓެފަލްކޯން (52އ)، ޖޯޖިއާ ސޮމަކާލް (20އ)، މުރިއެލް އޮޑެނީނޯ (31އ)، ފެޑެރިކޯ ގުއަލްޓިއޭރީ (31އ) އަދި އިންސްޓްރަކްޓަރު ޖިއާންލޫކާ ބެނެޑެޓީ (44އ) އެވެ. އެ މީހުންގެ ހަށިގަނޑުތައް ހޮހަޅައިގެ އެންމެ އެތެރޭގެ ދޮރުމަތިން ފެނިފައިވާ އިރު، އެ މީހުން ބޭނުންކުރީ 12 ލިޓަރުގެ އާދައިގެ އޮކްސިޖަން ފުޅިއެވެ.

އެ މީހުން ހޯދުމުގެ މަސައްކަތުގައި ސިފައިންނާއި ފުލުހުން އަދި ފިންލެންޑުގެ ތަޖުރިބާކާރު ޑައިވަރުން ބައިވެރިވެފައިވާ އިރު، މި މަސައްކަތުގެ ތެރޭގައި ދިވެހި ސިފައިންގެ ޑައިވަރަކު ވެސް ވަނީ ނިޔާވެފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *