އެމްޑީޕީގެ ޗެއަރޕާސަންގެ މަޤާމުގައި ހުންނަވާ ބޭފުޅަކަށް، އެ މަޤާމުގައި ހުންނަވައިގެން ރިޔާސީ އިންތިޚާބުގައި ވާދަ ނުކުރެއްވޭ ގޮތް ހަދަންޖެހޭ ކަމަށް އެމްޑީޕީގެ ޗެއަރޕާސަންގެ މަޤާމަށް ވާދަކުރައްވާ ގަލޮޅު އުތުރު ދާއިރާގެ މަޖިލިސް މެންބަރު މީކާއީލް އަޙްމަދު ނަސީމް ވިދާޅުވެއްޖެއެވެ.
މީކާއީލް މިހެން ވިދާޅުވީ "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައެވެ. އޭނާ ފާހަގަ ކުރެއްވި ގޮތުގައި ޕާޓީގެ އެންމެ އިސް އިދާރީ މަޤާމެއްގައި ހުރެ ރިޔާސީ ޕްރައިމެރީއެއްގައި ވާދަކުރުމަކީ އިންސާފުވެރި އިންތިޚާބަކަށް ހުރަސް އެޅިދާނެ ކަމެކެވެ. މީކާއީލް ދެކިލައްވާ ގޮތުގައި މިފަދަ ބަދަލެއް ގެނައުމަކީ ޕާޓީގެ އެތެރޭގެ އިންތިޚާބުތަކުގެ ސައްހަކަން ކަށަވަރު ކުރުމަށް މުހިންމު ކަމެކެވެ.
މީކާއީލް ވިދާޅުވީ، ކުރިއަށް އޮތް 2028 ވަނަ އަހަރުގެ ރިޔާސީ ޕްރައިމެރީއަކީ ހުރިހާ މެންބަރުންނަށް އިތުބާރު ހުރި އަދި އިންސާފުވެރި އިންތިޚާބަކަށް ހެދުމަށްޓަކައި ކުރަންޖެހޭ ހުރިހާ މަސައްކަތްތަކެއް އޭނާގެ ލީޑަރޝިޕްގެ ދަށުން ކުރައްވާނެ ކަމަށެވެ. މީގެ މަޤްޞަދަކީ ޕާޓީގެ ހުރިހާ މެންބަރުންނަށް ހަމަހަމަ ފުރުޞަތުތަކެއް ފަހިކޮށްދިނުމެވެ.
އެމްޑީޕީގެ އެތެރޭގެ ޑިމޮކްރަސީ ވަރުގަދަކޮށް، ހަމަހަމަ ފުރުޞަތުތަކެއް ހޯދައިދިނުމަކީ ޕާޓީގެ ކުރިމަގަށް ކޮންމެހެން ބޭނުންތެރި ކަމެއްކަން ފާހަގަ ކުރައްވަމުން، އޭނާ ވަނީ "އިތުބާރު" އަދި "ވޯޓް މީކާއީލް" ހޭޝްޓެގްތަކާއެކު ކެމްޕޭން ވަރުގަދަ ކުރައްވާފައެވެ. މީކާއީލްގެ މި ހުށަހެޅުމަކީ ޕާޓީގެ ހިންގުން ހަރުދަނާކުރުމަށް ގެންގުޅުއްވާ ތަޞައްވުރެއްގެ ގޮތުގައި އޭނާ ވަނީ ސިފަ ކުރައްވާފައެވެ.





