ވ. އަލިމަތާ ކައިރީގައި އޮންނަ ކަނޑު ހޮހަޅައެއްގެ ތެރޭގައި އިޓަލީގެ ފަސް ޑައިވަރުން މަރުވާން މެދުވެރިވި ސަބަބާ ބެހޭގޮތުން، ޑޭން ޔޫރަޕްގެ ސީއީއޯ ލޯރާ މަރޯނީ އާ މައުލޫމާތުތަކެއް ހިއްސާކުރައްވައިފިއެވެ.
އޭނާ ވިދާޅުވި ގޮތުގައި މި ހާދިސާ ހިނގަން މެދުވެރިވީ ހޮހަޅައިގެ ތެރޭގައި އުޅުމުގެ ތެރޭގައި މަގު އޮޅި، އެއްވެސް ދިމާލަކުން ނުކުމެވޭނެ ގޮތެއް ނެތް "ޑެޑް އެންޑް" ނުވަތަ ކޮޅުބެދިފައިވާ ބަޔަކަށް ވަދެވުމުންނެވެ.
މި ހާދިސާގައި ފުރާނަ ގެއްލުނު މީހުންނަކީ މޮނިކާ މޮންޓެފަލްކޯން (52އ) އާއި އޭނާގެ ދަރިފުޅު ޖޯޖިއާ ސޮމަކާލް (20އ) އަދި މުރިއެލް އޮޑެނީނޯ (31އ)، ފެޑެރިކޯ ގުއަލްޓިއޭރީ (31އ) އަދި އިންސްޓްރަކްޓަރު ޖިއާންލޫކާ ބެނެޑެޓީ (44އ) އެވެ. މީގެ ތެރެއިން އިންސްޓްރަކްޓަރުގެ ހަށިގަނޑު ހާދިސާ ހިނގި މި މަހުގެ 14 ވަނަ ދުވަހު ފެނިފައިވާއިރު، އަނެއް ހަތަރު މީހުންގެ ހަށިގަނޑު ފެނުނީ ހޮހަޅައިގެ ތިންވަނަ ބައިގެ ތެރެއިން، ގާތްގަނޑަކަށް 165 ފޫޓު އަޑިންނެވެ. އެ މީހުންގެ ހަށިތައް ނެގުމުގެ މަސައްކަތް މިދިޔަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ވަނީ ނިންމާލައިފަ އެވެ.
ލޯރާ މަރޯނީ ވިދާޅުވި ގޮތުގައި، ހޮހަޅައިގެ ދެވަނަ ބައިގެ ތެރޭގައި ވެލި އުސްކޮށް އެޅިފައި ހުރުމުގެ ސަބަބުން، ނުކުމެވޭނެ މަގު އޮޅުމުގެ ފުރުސަތު ވަރަށް ބޮޑެވެ. އެ މީހުންނަށް ނުކުމެވޭނެ ގޮތެއް ނުފެނިގެން ހާސްކަމުގެ ތެރޭގައި އިތުރަށް އެތެރެއަށް ދެވުމުން ވަދެވުނީ ކޮޅުބެދިފައިވާ ތިންވަނަ ބަޔަށެވެ. "އެތަނުން ނުކުމެވޭނެ އެއްވެސް ގޮތެއް ނެތް،" އޭނާ ވިދާޅުވި އެވެ.
މި ޑައިވަރުން ބޭނުންކޮށްފައިވަނީ 100 ފޫޓަށް ވުރެ ފުނަށް ފީނަން އެކަށީގެންނުވާ އާދައިގެ 12 ލިޓަރުގެ އޮކްސިޖަން ފުޅިކަން ވެސް މަރޯނީ ފާހަގަކުރެއްވި އެވެ. އޭނާ ވިދާޅުވި ގޮތުގައި، އެހާ ފުނަށް ގޮސް މަގު އޮޅިއްޖެ ނަމަ، ފުޅީގައި ހުރި ވައި ހުސްވާން ނަގާނީ އެންމެ 10 ވަރަކަށް މިނެޓެވެ. އަދި ހާސްވެގެން އަވަސްއަވަހަށް ނޭވާލާން ފެށުމުން، މާ އަވަހަށް ވައި ހުސްވެ ފުރާނަ ދިއުމުގެ ފުރުސަތު ބޮޑުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ރާއްޖޭގެ ސޮފްޓްކޮރަލްއާ ބެހޭ ދިރާސާއެއް ކުރުމަށް ހުއްދަ ނަގައިގެން އައި މި ޓީމުގައި، ހުއްދަ ނެތް ދެ މީހަކު ހިމެނޭ ކަމަށާއި އެ މީހުން ހޮހަޅައަށް ވަންނަން އުޅޭކަން އަންގާފައި ނުވާ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ. މި ހިތާމަވެރި ހާދިސާގައި ޑައިވަރުން ހޯދުމުގެ މަސައްކަތުގައި އުޅުނު ދިވެހި ސިފައިންގެ ޑައިވަރަކު ވެސް ވަނީ ނިޔާވެފަ އެވެ.
މި މައްސަލަ މިހާރު އިތުރަށް ތަހުގީގު ކުރަމުންދާއިރު، ޑައިވަރުންގެ އަތުގައި ހުރި ކެމެރާތަކުން ލިބޭ މައުލޫމާތުން މި ހާދިސާ ހިނގި ގޮތުގެ ފުރިހަމަ ތަފްސީލު ލިބޭނެ ކަމަށް ބެލެވެ އެވެ.





