ބޯހިޔާވަހިކަމާއި ބިމުގެ ސިޔާސަތު ތަކަށް ކޮންމެ ދެތިން އަހަރަކުން ބަދަލު ގެންނަ މައްސަލައަށް ފާޑުވިދާޅުވެ، މަދުވެގެން 20 ނުވަތަ 25 އަހަރުގެ ދިގުމުއްދަތުގެ ޤައުމީ ޕްލޭނެއް އެކުލަވާލަންޖެހޭ ކަމަށް އިނަރ މޯލްޑިވްސްގެ ވެރިޔާ އަދި ވިޔަފާރިވެރިޔާ މުޙައްމަދު ފިރާޤު ވިދާޅުވެއްޖެއެވެ.
މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ފިރާޤު ވިދާޅުވީ ކޮންމެ އިންތިޚާބީ ދައުރަކާއެކު އާންމުންގެ ތާއީދު ހޯދުމަށް ސިޔާސަތުތައް ބަދަލު ކުރުމުގެ ސަބަބުން ރައްޔިތުންނަށް ޔަޤީންކަން ނެތި އޮޅުންބޮޅުން އުފެދޭ ކަމަށެވެ. ބޯހިޔާވަހިކަމާއި ބިމަކީ ކުރު މުއްދަތުގެ ސިޔާސީ ވަސީލަތްތަކެއް ނޫން ކަމަށާއި، އެއީ މުޅި އުމުރަށް ކުރާ އިންވެސްޓްމަންޓްތަކާއި އާއިލާތަކަށް ކޮންމެހެން ބޭނުންވާ ކަންކަން ކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ.
ފިރާޤު ވިދާޅުވި ގޮތުގައި ޤައުމީ އޮނިގަނޑެއްގައި ޝަރުޠު ހަމަވާ ފަރާތްތަކާއި، ކިއުތައް ބެލެހެއްޓޭނެ ގޮތާއި، ތަރައްޤީ ކުރަން ދޫކުރާނެ ބިންތައް ކަނޑައެޅިފައި އޮންނަން ޖެހެއެވެ. އަދި ގިނަގިނައިން އަންނަ ބަދަލުތަކުގެ ސަބަބުން އިންވެސްޓަރުންގެ އިތުބާރާއި، އާބަން ޕްލޭނިންގާއި، އިންފްރާސްޓްރަކްޗަރ ޑިވެލޮޕްމަންޓާއި، ބޭންކިންގ ނިޒާމަށްވެސް ނޭދެވޭ އަސަރުކުރާ ކަމަށް ވިދާޅުވިއެވެ.
ސަރުކާރުތައް ބަދަލުވިޔަސް ބިމާއި ބޯހިޔާވަހިކަމުގެ ސިޔާސަތު ރައްޔިތުންނާއި ޤައުމަށް ދިގުމުއްދަތުގެ ފައިދާއަށް ފަރުމާކޮށްފައި އޮންނަން ޖެހޭނެ ކަމަށާއި، ހާމަކަމާއި ހޭލުންތެރިކަމާއި އުސޫލުތައް އެއްގޮތްވުމަކީ މުހިންމު ކަމެއް ކަމަށް ފިރާޤު ވިދާޅުވިއެވެ.





