ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަމުގެ މަގާމުން މަޖިލީހުގެ ދިއްގަރު ދާއިރާގެ ޕީއެންސީ މެންބަރު އަހުމަދު ނާޒިމް ވަކިކުރުމުގެ މައްސަލައަށް ޖަވާބުދާރީވާން، ނާޒިމަށް ދިހަ މިނެޓުގެ ފުރުސަތެއް ދޭން ރައްޔިތުންގެ މަޖިލީހުގެ އާންމު ކޮމިޓީން ފާސްކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަމުގެ މަގާމުން މަޖިލީހުގެ ދިއްގަރު ދާއިރާގެ ޕީއެންސީ މެންބަރު އަހުމަދު ނާޒިމް ވަކި ކުރުމަށް ނާޒިމްގެ އަމިއްލަ ޕާޓީ، ޕީއެންސީގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ފޮނުވި ގަރާރުގެ ބަހުސް ކުރިއަށް ގެންދާނެ ގޮތަކާއި، ޖަވާބުދާރީވުމަށް ނާޒިމަށް ދޭނެ ވަގު ކަނޑައަޅަން އާއްމު ކޮމިޓީގެ ބައްދަލުވުމެއް މިއަދު ބޭއްވިއެވެ.
އެ ބައްދަލުވުމުގައި ނާޒިމު ވަކިކުރުމުގެ މައްސަލައިގެ ގަރާރު މަޖިލިސް ތަޅުމަށް ހުށަހަޅައި އެ މައްސަލައަށް ބަހުސް ކުރުމުގެ ކުރިން، ޖަވާބުދާރީވާން ނާޒިމަށް 10 މިނިޓްގެ އެއް ފުރުސަތު ދޭން ހުށަހެޅުއްވީ، ހޮޅުދޫ ދާއިރާގެ ޕީއެންސީ މެންބަރު އަބްދުއްސައްތާރު މުހައްމަދެވެ. ތާއީދު ކުރެއްވީ ހަމަ އެ ޕާޓީގެ ދުވާފަރު ދާއިރާގެ މެންބަރު މުހައްމަދު އަލީއެވެ.
އަބްދުއްސައްތާރު ހުށަހެޅުއްވީ، އިތުބާރު ނެތްކަމުގެ މުޅި މައްސަލަ މަޖިލިސް ތަޅުމުގައި ޖުމްލަ އެއްގަޑިއިރަށް ކުރިއަށް ގެންދިއުމަށެވެ. އެއީ ޖަވާބުދާރީވުމަށް ނާޒިމަށް 10 މިނިޓްގެ ވަގުތުކޮޅެއް ދިނުމަށްފަހު އެ މައްސަލައިގެ ބަހުސްގައި ކޮންމެ މެންބަރަކަށް ތިން މިނިސްޓްގެ އެއްފުރުސަތުގެ ވަގުތު ދިނުމަށެވެ.
އެ ހުށަހެޅުން ކޮމިޓީން ފާސްކުރީ، 11 މެންބަރުން ހިމެނޭ މިކޮމިޓީގެ މިއަދުގެ ބައްދަލުވުމަށް ހާޒިރުވި ހަތް މެންބަރުންގެ ތެރެއިން ފަސް މެންބަރުން ވޯޓު ދެއްވައިގެންނެވެ. ވަކި ގޮތަކަށް ވޯޓު ނުދެއްވާ އިންނެވީ އެމްޑީޕީގެ މާވަށު ދާއިރާގެ މެންބަރު އަހްމަދު ޝާކިރުއެވެ.
މި މައްސަލައަށް ޖަވާބު ދާރީވާން 10 މިނިޓްގެ އެއް ފުރުސަތު ދިނުމަށް ހުށަހެޅުމުން، އެ ފުރުސަތު މަދު ކަމަށް ވިދާޅުވެ، ބަހުސްގެ ކުރިން 10 މިނިޓް، ބަހުސްގެ ތެެރެއިން 10 މިނިޓްގެ ފުރުސަތެއް ނާޒިމަށް ދޭން އެމްޑީޕީ މެންބަރު ޝާކިރު ހުށަހެޅުއްވިއެވެ.
އޭނާ ވިދާޅުވީ، މީގެ ކުރިން އޮތް 19 ވަނަ މަޖިލީހާއި 18 ވަނަ މަޖިލީހުގައިވެސް މިފަދަ ކަންކަން ކުރިއަށްދިޔަ ކަމަށާއި، އެ މަޖިލިސް ތަކުގައި ޖަވާބުދާރީވާން އެކަށީގެންވާ ފުރުސަތު ދިން ކަމަށެވެ.
ނަމަވެސް ޝާކިރުގެ ހުށަހެޅުމަށް އެއްވެސް މެންބަރަކު ތާއީދު ނުކުރައްވާތީ ވޯޓަކަށް ނާހައެވެ.
މަޖިލީހުގެ ރައީސް އާއި ނާއިބު ރައީސް އިންތިހާބު ކުރާއިރު ސިއްރު ވޯޓެއް ނަގައިފައި ވަކި ކުރާއިރު ސިއްރު ވޯޓު ނުނަގައި އާއްމު ވޯޓު ނަގާ މައްސަލައިގައިވެސް ޝާކިރު ކޮމިޓީގެ މުގައްރިރާ ސުވާކު ކުރެއްވިއެވެ.
ކޮމިޓީ މުގައްރިރު ހުޅުދޫ ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު ޝާހިދު ވިދާޅުވީ، އެ ބޭފުޅުން ވަކިކުރުން އޮންނަނީ ހާމަކަން ބޮޑުކޮށް ކަމަށެވެ. އަދި އެނޫން ގޮތަކަށް ގަވާއިދު ބަދަލު ކުރުމަކީ މެންބަރުންގެ އަތްމަތީގައި އޮތް ކަމެއް ކަމަށެވެ.
އިތުބާރު ނެތްކަމުގެ މައްސަލައިގައި ބަހުސް ކުރުމަށް ކުޑަ ވަގުތުކޮޅެއް ކަނޑައެޅި މައްސަލައިގައިވެސް މެންބަރު ޝާކިރު ސިވާލު އުފެއްދެވިއެވެ.
މިގައްރިރު ވިދާޅުވީ، ގަވާއިދުގައި އޮންނަނީ އެ މައްސަލައިގައި ގިނަވެގެން ކަނޑައެޅޭނީ ތިން ގަޑިއރު ކަމަށެވެ. ނަމަވެސް މަޑުވެގެން ވަކި ވަރެއް ނޯންނަ ކަމަށާއި އެހެންކަމުން އެވަގުތު ކަނޑައަޅާނީ މެންބަރުން ހުށަހަޅައި ފާސްކޮށްގެން ކަމަށްވެސް ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަމުން ނާޒިމު ވަކިކުރުމަށް، ޕީއެންސީގެ 73 މަޖިލިސް މެންބަރުން ސޮއިކޮށް، މަޖިލީހަށް ހުށަހެޅީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. އެ މައްސަލަ ހުށަހަޅަން ނިންމީ ހަމަ އެދުވަހު ބޭއްވި ޕީއެންސީގެ ޕީޖީ ގްރޫޕްގެ ބައްދަލުވުގައި އެގޮތަށް ނިންމުމުންނެވެ.
ޕީއެންސީން މަޖިލީހަށް ހުށަހެޅ ގަރާރުގައި ނާޒިމް ވަކިކުރަން ނިންމި ސަބަބެއް ކަމަށް ބުނެފައިވަނީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ނެގުމާއި ރައްޔިތުންގެ މަޖިލީހުގެ މަސްލަހަތު ނަގާލަން ހިތްވަރުދީ، ޒިންމާ އިން ބަރީއަވުން ކަމަށެވެ.
ގަރާރުގައި ނާޒިމުގެ އިތުބާރު ނެތް ކަމަށް ހިމަނާފައިވާ އިތުރު ސަބަބުތަކުގެ ތެރޭގައި، ޒިންމާއިން ބަރީއަވުމާއި ވަކި ފަރާތަކަށް ބުރަވެ، މަސްލަހަތު ގެއްލޭ ގޮތަށް ތަކުރާރު ކުރަމުން ދިއުމާއި ރައްޔިތުންގެ މަޖިލީހުގެ އެންމެހާ މަސައްކަތްތަކުގައި ވަކި ސިޔާސީ ފިކުރަކަށް ބުރަވެ، ތައައްސުބުވެފައި ވުން ހިމެނެއެވެ.
ގަރާރުގައި އިތުރަށް ބުނެފައިވަނީ މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ނާޒިމް ވަކި އަތަކަށް ޖެހިފައިވާކަން ސާފުވާ ކަމަށާއި މަޖިލީހުގެ ހުރިހާ މެންބަރުންގެ ހައްގުތަކާއި އިމްތިޔާޒްތައް ހިމާޔަތްކޮށްދިނުމުގައި ފުޅާ ދާއިރާއެއްގައި ނާޒިމް އިހުމާލުވެފައިވާ ކަމަށްވެސް ބުނެފައިވެއެވެ.
ގަރާރުގައި ވަނީ ނާޒިމް އެގޮތަށް އަމަލު ކުރައްވާތީ މެންބަރުންނާ މަތިކޮށްފައިވާ ވާޖިބުތައް އަދާކުރުމަށް ނާއިބު ރައީސް ހުރަހަކަށް ވެފައިވާ ކަމަށެވެ.





