ޝިޔާމަށް ވަޒީފާ ދޭން ކުރި ހުކުމްގެ މުސާރައާއި އިނާޔަތުގެ ބައި ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކޮށްފި

ޝިޔާމަށް ވަޒީފާ ދޭން ކުރި ހުކުމްގެ މުސާރައާއި އިނާޔަތުގެ ބައި ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކޮށްފި

ފުލުހުންގެ ވަޒިފާއިން ވަކިކުރި ޝިޔާމަށް ވަޒީފާ އާއި މުސާރަ އާއި އިނާޔަތްތައް ދޭން ހައިކޯޓުން ކުރި ހުކުމްގެ، މުސާރަ އާއި އިނާޔަތްތަކުގެ ބައި ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކޮށްފިއެވެ.

މި މައްސަލައަކީ، މޯލްޑިވްސް ޕޮލިސް ސާވިސްގެ އިންސްޕެކްޓާ އޮފް ޕޮލިސްގެ މަގާމުގައި ހުއްޓާ އަހުމަދު ޝިޔާމް، ވަޒީފާއިން ވަކިކުރި މައްސަލައެކެވެ.

ޝިޔާމް ވަޒީފާއިން ވަކިކުރީ ނޯތް ސެންޓަރަލް ޕޮލިސް ޑިވިޝަން ކޮމާންޑަރެއްގެ ގޮތުގައި ހުރެ މަގާމުގެ ނުފޫޒު ބޭނުންކޮށް، ގާނޫނާއި ގަވާއިދާ ހިލާފު އަމަލުތަކެއް ކޮށްފައިވާ ކަމަށް ތުހުމަތުކޮށް، މޯލްޑިވްސް ޕޮލިސް ސާވިސްގެ ޑިސިޕްލިނަރީ ބޯޑަށް އެ މައްސަލަ ހުށަހެޅުމުން، ވަޒީފާއިން ސަސްޕެންޑް ކުރުމަށްފަހުއެވެ.

އެ މައްސަލައާ ގުޅިގެން، އޭނާ ވަކިކޮށްފައި ވަނީ، ވަޒީފާއިން ވަކިކުރުމުގައި އަމަލު ކުރަންޖެހޭ އިޖުރާއާތުތަކާއި އުސޫލުތަކާއި އަދި ގަވާއިދުތަކާ ހިލާފަށް ކަމަށް ކަނޑައަޅައި ދިނުމަށާއި ވަޒީފާއިން ވަކިކުރި ދުވަހުން ފެށިގެން ވަޒީފާއަށް އަނބުރާ ނުކުތުމާ ހަމައަށް ލިބެންޖެހޭ މުސާރަ އާއި އިނާޔަތްތަކުގެ ގޮތުގައި 2019 ގެ މެއި މަހުގެ ނިޔަލަށް ލިބެންޖެހޭ 1.4 މިލިޔަނަށްވުރެ ހޯދުމަށް އެދި ޝިޔާމްގެ ފަރާތުން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅިއެވެ.

ސިވިލް ކޯޓުން މި މައްސަލަ ބަލައި 2019 ވަނަ އަހަރު ހުކުމް ކުރީ، ފުލުހުންގެ ވަޒީފާއިން ޝިޔާމް ވަކިކޮށްފައި ވަނީ ދިވެހި ފުލުހުންގެ ކޯޑް އޮފް ކޮންޑަކްޓްގެ ހަ މާއްދާއަކާ ހިލާފު އަމަލުތަކެއް ކޮށްފައިވާ ކަމަށް އިދާރީ މިންގަނޑުން ފުލުހުންގެ ޑިސިޕްލިނަރީ ބޯޑަށް ސާބިތުވެގެން، ޑިސިޕްލިނަރީ އަދި އިދާރީ ކުށްތަކާއި އެކުށްތަކަށް އަދަބުދިނުމާބެހޭ ގަވާއިދުގެ ދަށުންކަން، ހުށަހެޅިފައިވާ ލިޔުންތަކުން ޝަރީއަތަށް ސާބިތުވާ ކަމަށެވެ.

އެހެން ކަމުން މި މައްސަލައިގައި ޝިޔާމް އެދިފައިވާ ގޮތަށް، މޯލްޑިވްސް ޕޮލިސް ސާވިސްގައި ޝިޔާމް އަދާކުރަމުން ދިޔަ ވަޒީފާ އަނބުރާ އިޔާދަ ކޮށްދިނުމަށާއި ވަޒީފާއިން ވަކިކުރި ދުވަހުން ފެށިގެން މުސާރަ އާއި އިނާޔަތްތައް ދިނުމަށް، މޯލްޑިވްސް ޕޮލިސް ސާވިސްގެ މައްޗަށް އަންގައި އަމުރުކުރާނެ ތަނެއް ނެތް ކަމަށެވެ. މި ހުކުމާ މެދު ހިތްހަމަ ނުޖެހިން ޝިޔާމުގެ ފަރާތުން މި މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ.

މި މައްސަލަ ބެލުމަށްފަހު މިދިޔަ އޭޕްރީލް މަހުގެ 16 ވަނަ ދުވަހު ހައިކޯޓުން ހުކުމްކުރީ، ސިވިލްކޯޓުން ކުރި ހުކުމް ބާތިލް ކަމަށެވެ. އަދި ފުލުހުންގެ ވަޒީފާއިން ޝިޔާމް ވަކިކުރުމަށް ޑިސިޕްލިނަރީ ބޯޑުން ނިންމި ނިންމުމަކީ ބާތިލް ނިންމުމެއް ކަމަށް ކަނޑައަޅައި، ޝިޔާމަކީ އެއްވެސް ހާލެއްގައި ވަޒީފާއިން ވަކިވެފައިވާ މީހެއްކަމަށް ނުބެލުމަށާއި، ވަޒީފާއަށް އަނބުރާ ނިކުތުމާ ހަމައަށް އޭނާއަށް ލިބެންޖެހޭ މުސާރަ އާއި އިނާޔަތްތައް ދިނުމަށް އަންގާ ކަމަށްވެސް ވަނީ ހުކުމްކޮށްފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *