ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަމުގެ މަގާމުން މަޖިލީހުގެ ދިއްގަރު ދާއިރާގެ ޕީއެންސީ މެންބަރު އަހުމަދު ނާޒިމް ވަކި ކުރުމުގެ މައްސަލައިގެ ގަރާރަށް ބަހުސް ކުރާނެ ވަގުތާއި ޖަވާބުދާރީވާން ދޭނެ ވަގުތު ކަނޑައަޅަން ކޮމިޓީ ބައްދަލުވުން މިއަދަށް ތާވަލު ކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުން މިއަދު ބުނީ މަޖިލީހުގެ އާންމު ކޮމިޓީގެ ބައްދަލުވުމެއް މިއަދު ހަވީރު 4:00 ގައި އޮންނާނެ ކަމަށެވެ. އެ ބައްދަލުވުމުގައި ނާޒިމް ވަކި ކުރުމުގެ ގަރާރުގެ ބަހުސްގައި ވާހަކަ ދައްކަވާނެ މެންބަރުންގެ އަދަދާއި ވާހަކަ ދައްކަވަން މެންބަރުންނަށް ދޭނެ ވަގުތާއި ނާޒިމަށް ޖަވާބުދާރީ ވެވަޑައިގަތުމަށް ވަގުތު ދޭނެ އަދަދާއި ވަގުތު ކަނޑައެޅުން އޮންނާނެ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ކަމުން ނާޒިމު ވަކި ކުރުމަށް، ޕީއެންސީގެ 73 މަޖިލިސް މެންބަރުން ސޮއިކޮށް، މަޖިލީހަށް ހުށަހެޅީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. އެ މައްސަލަ ހުށަހަޅަން ނިންމީ ހަމަ އެދުވަހު ބޭއްވި ޕީއެންސީގެ ޕީޖީ ގްރޫޕްގެ ބައްދަލުވުގައި އެގޮތަށް ނިންމުމުންނެވެ.
ޕީއެންސީން މަޖިލީހަށް ހުށަހެޅ ގަރާރުގައި ނާޒިމް ވަކިކުރަން ނިންމި ސަބަބެއް ކަމަށް ބުނެފައިވަނީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ނެގުމާއި ރައްޔިތުންގެ މަޖިލީހުގެ މަސްލަހަތު ނަގާލަން ހިތްވަރުދީ، ޒިންމާ އިން ބަރީއަވުން ކަމަށެވެ.
ގަރާރުގައި ނާޒިމުގެ އިތުބާރު ނެތް ކަމަށް ހިމަނާފައިވާ އިތުރު ސަބަބުތަކުގެ ތެރޭގައި، ޒިންމާއިން ބަރީއަވުމާއި ވަކި ފަރާތަކަށް ބުރަވެ، މަސްލަހަތު ގެއްލޭ ގޮތަށް ތަކުރާރު ކުރަމުން ދިއުމާއި ރައްޔިތުންގެ މަޖިލީހުގެ އެންމެހާ މަސައްކަތް ތަކުގައި ވަކި ސިޔާސީ ފިކުރަކަށް ބުރަވެ، ތައައްސުބުވެފައި ވުން ހިމެނެއެވެ.
ގަރާރުގައި އިތުރަށް ބުނެފައި ވަނީ މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ނާޒިމް ވަކި އަތަކަށް ޖެހިފައިވާކަން ސާފުވާ ކަމަށާއި މަޖިލީހުގެ ހުރިހާ މެންބަރުންގެ ހައްގުތަކާއި އިމްތިޔާޒްތައް ހިމާޔަތްކޮށްދިނުމުގައި ފުޅާ ދާއިރާއެއްގައި ނާޒިމް އިހުމާލުވެފައިވާ ކަމަށްވެސް ބުނެފައިވެއެވެ.
ގަރާރުގައި ވަނީ ނާޒިމް އެގޮތަށް އަމަލު ކުރައްވާތީ މެންބަރުންނާ މަތިކޮށްފައިވާ ވާޖިބުތައް އަދާކުރުމަށް ނާއިބު ރައީސް ހުރަހަކަށް ވެފައިވާ ކަމަށެވެ. މަޖިލީހުގެ ގަވާއިދު ބުނާގޮތުން މަޖިލީހުގެ ނައިބު ރައީސް މަގާމުން ވަކިވާނީ ދެ ހާލަތެއްގައެވެ.
އެއީ އެ މެންބަރަކު މެންބަރުކަމުން ވަކިވުމުންނާއި އެ މީހަކު މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސް ވުމުންނެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް ނުވަތަ ނައިބު ރައީސް މަގާމުން ވަކިކުރުމާ ބެހޭ ބަހުސެއް ހިނގާ މަޖިލީހުގެ ޖަލްސާއެއްގައި ބައިވެރިވުމާއި އެމީހެއްގެ ދިފާއުގައި ބަހުސްގައި ބައިވެރިވެ ވާހަކަދެއްކުމުގެ ހައްގު ރައީސާއި ނައިބު ރައީސަށް ލިބިގެންވެއެވެ. ނަމަވެސް އެ މައްސަލައިގައި ވޯޓުގައި ބައިވެރި ނުވެވޭނެއެވެ.
ގަވާއިދުގައިވާ ގޮތުން މަޖިލީހުގެ ނައިބު ރައީސްގެ މަގާމުގައި ހުންނަވާ ބޭފުޅަކު މަގާމުން ވަކިކުރަން ގަރާރެއް ހުށަހެޅޭނީ މުޅި މަޖިލީހުގެ ހަތަރުބައިކުޅަ އެއްބައި މެންބަރުންގެ ސޮޔާއެކު މައްސަލަ ހުށަހަޅައިގެންނެވެ. މި ގަރާރު މަޖިލީހުގެ އިދާރާއަށް ލިބޭތާ ގިނަވެގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި ގަރާރުގެ ނޯޓިސް މެންބަރުންނާއި ނައިބު ރައީސަށް އަމީންއާންމު ފޮނުއްވާނެއެވެ. އަދި 14 ދުވަހުގެ މުއްދަތެއް ދިނުމަށްފަހު އެންމެ އަވަހަށް އަންނަ ރަސްމީ ބަންދު ނޫން ދުވަހަކު ބާއްވާ ޖަލްސާއަށް އެ ގަރާރު ހުށަހަޅާނެއެވެ.
މިފަދަ ގަރާރެއް މަޖިލީހުގެ ޖަލްސާއަށް ހުށަހެޅުމަށްފަހު އެވަގުތު މަޖިލީހަށް ހުށަހެޅިފައިވާ އެހެން އެއްވެސް ކަމަކާމެދު ބަހުސް ކުރެވޭނީ އެ ގަރާރާ މެދު ގޮތެއް ނިންމުމަށްފަހު ކަމަށް ވެސް ގަވާއިދުގައި ވަނީ ބަޔާންކޮށްފައެވެ. މި ޖަލްސާގެ ރިޔާސަތު ބަލަހައްޓަންވާނީ މަޖިލީހުގެ ރައީސް ކަމަށްވެސް ގަވާއިދު ބުނެއެވެ.
މަޖިލީހުގެ ނައިބު ރައީސް ކަމުގައި ހުރި ބޭފުޅަކު މަގާމުން ވަކިކުރުމުގެ ގަރާރެއް މަޖިލީހުގެ ޖަލްސާއެއްގައި ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަގުލަބިއްޔަތުން ފާސްކުރުމުން އެ މަގާމުން އެ ބޭފުޅަކު ވަކިވާނެއެވެ





