ވ. އަތޮޅު އަލިމަތާ ކައިރީ ކަނޑުއަޑީގެ ހޮހޮޅަޔަކަށް ފީނަނިކޮށް މަރުވި އިޓަލީގެ 5 ޑައިވަރުންގެ މައްސަލަ އިޓަލީގެ ކަމާބެހޭ އިދާރާ ތަކުން ތަހުގީގު ކުރަން ފަށައިފިއެވެ.
ވ. އަތޮޅަށް ޑައިވިނަށް ގޮސް އުޅެނިކޮށް އިޓަލީވިލާތަށް ނިސްބަތްވާ 5 ޑައިވަރުން ގެއްލުނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. އޭގެ ތެރެއިން އެކެއްގެ ހަށިގަނޑު ވަނީ އެ ދުވަހު ހޯދައި ނަގައިފައެވެ. އޭނާގެ ހަށިގަނޑު މިހާރު ވަނީ އިޓަލީއަށް ފޮނުވައިފައެވެ.
ބާކީ ތިބި 4 ޑައިވަރުން ހޯދުމުގެ މަސައްކަތް ކުރަނީ މިހާރު ރާއްޖެ އައިސްގެން އުޅޭ ފިންލެންޑުގެ ތަޖުރިބާކާރު ޑައިވަރުންނާއި އެމްއެންޑީއެފް އަދި ފުލުހުން ގުޅިގެންނެވެ. އެގޮތުން އެ 4 މީހުންގެ ހަށިގަނޑު އޮތްތަން ދެނެގަނެ، އެމީހުންގެ ތެރެއިން ދެ މީހެއްގެ ހަށިގަނޑު މިހާރު ވަނީ ނަގައިފައެވެ. އެ ދެ މީހުންގެ ހަށިގަނޑު ނަގާފައިވަނީ ހޮހަޅައިގެ ތިންވަނަ ޗެމްބަރުގެ ތެރެއިން، ގާތްގަނޑަކަށް 200 ފޫޓު އަޑިންނެވެ. އެ މީހުންގެ ހަށިގަނޑުތައް މިހާރު ވަނީ މާލެ ގެނެސްފައެވެ. ބާކީ ތިބި 2 މީހުންގެ ހަށިގަނޑުވެސް މިއަދުގެ ވަގުތެއްގައި ނެގުމަށް ވަނީ ހަމަޖެހިފައެވެ.
އިޓަލީގެ "އަންސާ" ނޫހުން އިއްޔެ ބުނީ އެ ގައުމުގެ 5ފަސް ޑައިވަރުން މަރުވި މައްސަލައިގެ ޖިނާއީ ތަހުގީގެއް، އެ ގައުމުގެ ޕްރޮސިކިއުޓަރުން ފަށާފައިވާ ކަމަށެވެ. އެގޮތުން ތަހުގީގު ކުރަނީ އިހުމާލުން މީހަކު މަރުވުމުގެ މައްސަލައެއްގެ ގޮތުގައި ކަމަށްވެސް ބުނެފައިވެއެވެ.
އެ ނޫހުން ރިޕޯޓް ކޮށްފައިވާ ގޮތުގައި އެ 5 މީހުންގެ ހަށިގަނޑު އިޓަލީއަށް ގެންދިއުމަށް ފަހު، އެ މީހުންގެ އޮޓޮޕްސީ ހެދުމަށް ވަނީ ހަމަޖެހިފައެވެ. އަދި އެ މީހުން ތިބި ސަފާރީއާ ގުޅޭ ތަހުގީގެއް ހިންގައި އެ ސަފާރީގައި ތިބި މީހުންނާވެސް ސުވާލު ކުރުމަށް ހަމަޖެހިފައިވެއެވެ.
މި ހާދިސާގައި މަރުވި މީހުން:
މޮނިކާ މޮންޓެފަލްކޯން، 51
ޖޯޖިއާ ސޮމާކަލް، 20
ގިއަންލޫކާ ބެނެޑެޓީ، 41
ފެޑެރިކޯ ގުއަލްޓިއޭރީ، 31
މިއުރިއަލް އޮޑެނީނޯ، 31
ގެއްލުނު ޑައިވަރުން ހޯދަން ފީނި އެމްއެންޑީއެފްގެ އޮފިސަރަކުވެސް ހޮނިހިރު ދުވަހު ވަނީ ޑީކޯވެގެން މަރުވެފައެވެ.





