ސީލައިފް މައްސަލައިގައި އައްމަޓީއަށް ކުށް ސާބިތުނުވި މައްސަަލަ ހައިކޯޓަށް

ސީލައިފް މައްސަލައިގައި އައްމަޓީއަށް ކުށް ސާބިތުނުވި މައްސަަލަ ހައިކޯޓަށް

ސީލައިފް ގްލޯބަލްގެ ވެރިޔާ އަހުމަދު މޫސާ (އައްމަޓީ) ގެ މައްޗަށް ކުރާ ހިޔާނާތުގެ ދައުވާތައް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް، ދައުލަތުން ހައިކޯޓަށް ހުށަހަޅައިފިއެވެ.

އެޗްޑީސީއާއެކު 2014 ވަނަ އަހަރު ވެފައިވާ އެއްބަސްވުމެއްގެ ދަށުން "އެގްރީމެންޓް ފޮ ދި ޑިވެލޮޕްމަންޓް އެންޑް ސޭލްސް އޮފް 3000 ހައުސިން އުނިޓްސް އެންޑް އޮފީސް ކޮމްޕްލެކްސް އިން ހުޅުމާލެ" ޕްރޮޖެކްޓްގެ ދަށުން އާއްމުންނަށް ފްލެޓް ވިއްކާނެ ކަަމަށްބުނެ ބައެއްމީހުންގެ އަތުން ބުކިން ފީ އަދި އަނެއް ބައެއްގެ އަތުން ބުކިން ފީއާއެކު ޑައުންޕޭމަންޓް ގެ ގޮތުގައި ގިނަ އަދަދެއްގެ ފައިސާ ނެގުމަށްފަހު ފްލެޓް ހަވާލު ނުކުރި މައްސަލައިގައި އައްމަޓީގެ މައްޗަށް ހިޔާނާތުގެ 42 ދައުވާއެއް ކުރިމިނަލް ކޯޓުގައި ކުރިއެެވެ.

ނަމަވެސް އެ ދައުވާތައް އައްމަޓީގެ މައްޗަށް ސާބިތު ނުވާކަަމަށް މިދިޔަ އޭޕްރީލް މަހުގެ ނުވަނަ ދުވަހު ކުރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.

ކުރިމިނަލް ކޯޓުން އައްމަޓީގެ މައްޗަށް ކުރި ހުކުމުގައި ވަނީ، އެ ދައުވާތަކަކީ މަދަނީ ތަބީއަތުގެ ދައުވާތަކެއް ކަމަށާއި، އައްމަޓީގެ އެ އަމަލުތަކާ ގުޅިގެން ފިޔަވަޅު އަޅަންޖެހެނީ މަދަނީ އަދުލުގެ ނިޒާމުގެ ތެރެއިން ކަމަށެވެ. އެހެންކަމުން ހުކުމް ކުރީ އެ ދައުވާތައް އޭނާގެ މައްޗަށް ސާބިތުނުވާ ކަމަށެވެ.

ކުރިމިނަލް ކޯޓުގެ ހުކުމް ހައިކޯޓުގެ އިސްތިއުނާފަށް ހުށަހަޅުއްވަމުން، ދައުލަތުގެ ވަކީލު، ޕްރޮސިކިއުޓާ ޖެނެރަލް އޮފީހުގެ ސީނިއާ ޕަބްލިކް ޕްރޮސިކިއުޓާ ފާތިމަތު ނީޝާ މިއަދު ވިދާޅުވީ، އެ 42 ގަޒިއްޔާ އައްމަޓީގެ މައްޗަށް ސާބިތު ނުވާ ކަމަށް ކުރިމިނަލް ކޯޓުން ނިންމީ، ގާނޫނުލް އުގޫބާތާއި، މާނަ ކުރުމުގެ ހަމަތައް ބަޔާންކުރާ ގާނޫނާއި، ފަނޑިޔާރުންގެ ގާނޫނާއި، ގާނޫނުއަސަސީގެ ބައެއް މާއްދާތަކާ ހިލާފަށް ކަމަށެވެ.

އެ މާއްދާތައް ފާހަގަ ކުރައްވައި ދައުލަތުގެ ވަކީލު ވިދާޅުވީ، މި މައްސަލަ ކުރިމިނަލް ކޯޓުން ނިންމެވި އިރު، މިއީ މަދަނީ މައްސަލައެއްކަަމަށް މާނަކޮށް، ޖިނާއީ އިހްތިސާސުން ބޭރު މައްސަލައެއްކަމަށް ފަނޑިޔާރު މާނަކުރައްވާފައިވާއިރު، ދައުލަތުން ދައުވާއުފުލި ގާނޫނުގައި ބަޔާންކުރާ ގާނޫނީ އަސާސްތަކަށް އެއްވެސް މިންވަރަަކަށް ފަނޑިޔާރު ރިއާޔަތްކުރައްވާފައި ނުވާ ކަމަށްވެސް ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *