ބޭންކު އެކައުންޓުން 50،000 ރުފިޔާ މަކަރާއި ހީލަތުން ހޯދި މައްސަލައިގައި ހައްޔަރުކުރީމީހާގެ ބަންދުގެ މުއްދަތަށް އިތުރު 30 ދުވަސް ކުރިމިނަލް ކޯޓުން ޖަހައިފިއެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ މ. އޮމެގާ / މޫސާ މުހައްމަދު (38އ) އެވެ. އޭނާ ހައްޔަރު ކޮށްފައި ވަނީ މިދިޔަ މަހުގެ 2 ވަނަ ދުވަހުއެވެ. މި މައްސަލައާއި ގުޅިގެން އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ފުރަތަމަ ކޯޓަށް ހާޒިރު ކުރުމުން 15 ދުވަހަށް ބަންދު ކުރުމަށް ވަނީ އަމުރު ކޮށްފައެވެ. ނަމަވެސް އެ މުއްދަތު ހަމަވެގެން ބަންދުގެ މުއްދަތު އިތުރު ކޮށްދޭން ހުށަހެޅުމުން އޭނާގެ ބަންދުގެ މުއްދަތު 30 ދުވަަހަށް ވަނީ އިތުރު ކޮށްދީފައެވެ.
ފުލުހުން ބުނީ މޫސާ މުހައްމަދު ފޭސްބުކް މެސެންޖާ މެދުވެރިކޮށް ވިކްޓިމްއާ ގުޅުން އުފައްދާފައިވާކަން އެނގޭ ކަމަށެވެ. އަދި ވައިބާ މެދުވެރިކޮށް އޭނާ ވަނީ އެ މީހާއަށް ލިންކެއް ފޮނުވައިފައެވެ. އެ ލިންކަށް ފިތައިލުމުން ފޯނު ރީސެޓުވެ، އެ މީހާގެ ބެންކު އެކައުންޓުގައި ހުރި 50,000 ރުފިޔާ ކެނޑިފައިވާ ކަމަށާއި އެ ފައިސާ ޖަމާވެފައި ވަނީ މޫސާގެ ނަމުގައިވާ އެކައުންޓަށް ކަމަށް ފުލުހުން ބުންޏެވެ.
މީގެ އިތުރުން ހަމަ މި ބާވަތުގެ އިތުރު 10 ސްކޭމެއްގައި އެކި މީސްމީހުންގެ އެކައުންޓުން އޭނާގެ އެކައުންޓަށް ފައިސާ ޖަމާވެފައިވާ ކަމަށްވެސް ބުނެފައިވެއެވެ.





