ފްލެޓް އެއްބަސްވުން ބާތިލު ކުރި މީހަކު ފްލެޓުން ނުނެރޭން ކޯޓުން އަންގައިފި

ފްލެޓް އެއްބަސްވުން ބާތިލު ކުރި މީހަކު ފްލެޓުން ނުނެރޭން ކޯޓުން އަންގައިފި

ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަން ހައްލު ކޮށްދިނުމަށްޓަކައި، ކުރީ ސަރުކާރުން ފެށި ގެދޮރުވެރިޔާ ސްކީމުގެ ދަށުން، މި ސަރުކާރުން ފްލެޓް ދިނުމަށްފަހު އެއްބަސްވުން ބާތިލް ކުރުމުން ފްލެޓް ދިން މީހާ އާއި އޭނާގެ އާއިލާ އެ ފްލެޓުން ނުނެރުމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑާއި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން ހައުސިން އެންޑް އިންފަރާންސްޓްރަކަޗާ (ދިވެހި ދައުލަތް) ގެ މައްޗަށް ސިވިލް ކޯޓުން ވަގުތީ އަމުރެއް ނެރެފިއެވެ.

މި މައްސަލައަކީ ފްލެޓަށް ޝަރުތު ހަމަވާތީ، މިދިޔަ 2025 ވަނަ އަހަރުގެ އޮކްޓޫބަރު 19 ވަނަ ދުވަހު ހައުސިން މިނިސްޓްރީން އެއްބަސްވުމުގައި ސޮއި ކުރުމަށްފަހު، އާއިޝަތު ޝިރާނީ ކިޔާ މީހަަކަށް އުދަރެސް ފްލެޓުން ފްލެޓް ދިނުމަށްފަހު، އޭނާ އާއި އޭނާގެ އާއިލާ އެ ފްލެޓްގައި ދިރިއުޅެމުން ދަނިކޮށް، ފްލެޓަށް ޝަރުތު ހަމަނުވާ ކަމަށް ބުނެ މިދިޔަ މާޗް މަހުގެ 19 ވަނަ ދުވަހު ފްލެޓް ދިނުމަށް ހެދި އެއްބަސްވުން ބާތިލް ކޮށްފައިވާ ކަމަށް ބުނެ އެ ފްލެޓް އަތުލަން ހައުސިން މިނިސްޓްރީ އާއި ފަހި ދިރިއުޅުން ކޯޕަރޭޝަނުން މަސައްކަތް ކުރަމުންދާ މައްސަލައެކެވެ.

އެކަމާ ގުޅިގެން އެއްބަސްވުން ބާތިލް ކުރި މައްސަލައިގެ ދައުވާ ސިވިލް ކޯޓަށް ހުށަހަޅަންދެން ވަގުތީ އަމުރެއް ނެރެދިނުމަށް އެދި ޝިރާނީގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅިއެވެ.

ނެރެދިނުމަށް އެދުނު ވަގުތީ އަމުރުގައި ޝިރާނީގެ ފަރާތުން ބުނެފައިވަނީ، އެއްބަސްވުމުގެ ދަށުން ފްލެޓް ދިނުމުން އޭނާ އާއި އޭނާގެ އާއިލާއަކީ އެފްލެޓަށް ހަރަދު ތަކެއް ކޮށްގެން އެ ފްލެޓްގައި މިހާރުވެސް ދިރިއުޅެމުންދާ ބައެއް ކަމަށެވެ. ނަމަވެސް ފްލެޓްގައި އުޅެމުން ދަނިކޮށް، ޝަރުތު ހަމަނުވާ ކަމަށާއި، އެއްބަސްވުން ބާތިލް ކުރި ކަމަށް ހައުސިން މިނިސްޓްރީން އަންގާފައި ވާއިރު، އެ ފްލެޓް ލިބުމުން ކުރިން ކުއްޔަށް އުޅުނުތަން ދޫކޮށްލާފައި ވާތީ، ކުއްލިއަކަށް އެތަނުން ނިކުމެވޭނެ ގޮތެއް ނެތް ކަަމަށްވެސް ބުނެފައިވެއެވެ.

އެހެން ކަމުން އެއްބަސްވުން ބަތިލް ކުރި މައްސަލައިގެ ދައުވާ ކޯޓަށް ހުށަހަޅައިގެން އެ މައްސަލައާމެދު ކޯޓުން ގޮތެއް ކަނޑަ އަޅަންދެން، ޝިރާނީ އާއި އޭނާގެ އާއިލާ އެފްލެޓުން ނެރެވޭނެ ތަނެއް ނެތް ކަމަށާއި، ފްލެޓް މައްސަލައާމެދު ވަކި ގޮތެއް ކަނޑަ އަޅަންދެން، ފްލެޓް އެހެން އެއްވެސް ފަރާތަކަށް ދިނުމުގެ ގޮތުން އެއްވެސް މުއާމަލާތެއް ނުކުރުމަށާއި، ފުލެޓުގައި ޝިރާނީ ހުންނަ ދުވަސްވަރު އެތަނަށް ދައްކަންޖެހޭ ކުލި އަދި އެނޫންވެސް އެފަދަ ފައިސާ ދެއްކޭނެ އިންތިޒާމުތައް ހަމަޖައްސައި ދޭންޖެހޭނެ ކަމަށް ފަހި ދިރިއުޅުން ކޯަރޭޝަން ލިމިޓެޑާއި ހައުސިން މިނިސްޓްރީއަށް އަންގައި އަމުރު ކޮށްދިނުމަށް ޝިރާނީ ކޯޓުގައި އެދުނެވެ.

މި ކަމާ ގުޅިގެން ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑާއި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން ހައުސިން އެންޑް އިންފަރާންސްޓްރަކަޗާ (ދިވެހި ދައުލަތް) ގެ މައްޗަށް ސިވިލް ކޯޓުން ނެރުނު ކޯޓު އަމުރުގައި ވަނީ، އާއިޝަތު ޝިރާނީގެ ފަރާތުން ފަހި ދިރުއުޅުން ކޯޕަރޭޝަން ލިމިޓެޑްގެ މައްޗަށް ހުށަހެޅުމަށް ގަސްތުކުރާ މައުލޫއީ ދައުވާ 20 ދުވަސްތެރޭގައި ޝިރާނީގެ ފަރާތުން ހުށަ ނާޅައިފިނަމަ، މި ވަގުތީ އަމުރު ނިމުމަކަށް އަންނާނެކަމަށެވެ.

އެހެން ކަމުން އެ މުއްދަތުގެ ތެރޭގައި ހުޅުމާލެ 02 0370-އުދަރެސް ފުލެޓުން ޝިރާނީ އާއި އޭނާގެ އާއިލާ ނެރެވޭނެ ތަނެއް ނެތް ކަމަށާއި، މި ފުލެޓް އެހެން އެއްވެސް ފަރާތަކަށް ދިނުމުގެ ގޮތުން އެއްވެސް މުއާމަލާތެއް ނުކުރުމަށާއި، މި މުއްދަތުގައި ފްލެޓަށް ދައްކަންޖެހޭ ކުލި އަދި އެނޫންވެސް ފައިސާ ދެއްކޭނެ އިންތިޒާމުތައް ހަމަޖައްސައިދޭންޖެހޭނެ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝާއި ދިވެހި ދައުލަތަށް އަށް އަންގައި ފަހި ދިރިއުޅުން ކޯޕަޝަން އާއި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން ހައުސިން އެންޑް އިންފަރާންސްޓްރަކަޗާގެ މައްޗަށް ގައިރު ހާޒިރުގައި ވަނީ އަމުރު ކޮށްފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *