މިނިވަން ނޫސްވެރިކަމަކީ ޑިމޮކްރަސީގައި އެންމެ ފުރަތަމަ ދިފާއީ ސަފު، ސަރުކާރުން ދަނީ އެ ސަފަށް ހަމަލާދެމުން: ޝާހިދު

މިނިވަން ނޫސްވެރިކަމަކީ ޑިމޮކްރަސީގައި އެންމެ ފުރަތަމަ ދިފާއީ ސަފު، ސަރުކާރުން ދަނީ އެ ސަފަށް ހަމަލާދެމުން: ޝާހިދު

އެމްޑީޕީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، ރާއްޖޭގެ ނޫސްވެރިކަމުގެ މިނިވަންކަމަށް ސަރުކާރުން ހުރަސްއަޅަމުންދާ ކަމަށް ވިދާޅުވެ، އެކަމާ ދެކޮޅަށް އަޑުއުފުއްލަވައިފިއެވެ.

ޝާހިދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރާއްޖޭގެ މަޝްހޫރު ބައެއް ނޫސް އިދާރާތައް ކަމަށްވާ 'އަދަދު’، 'ދައުރު’، 'އައްޑޫ ލައިވް' އަދި 'މޯލްޑިވްސް އިންޑިޕެންޑެންޓް' އިން ނޫސް ޝާއިޢު ކުރުން ހުއްޓާލައި، އިހުތިޖާޖު ކުރަމުންދަނީ ނޫސްވެރިކަމުގެ މިނިވަންކަމަށް ސަރުކާރުން ދެމުންދާ ހަމަލާތަކާ ގުޅިގެން ކަމަށެވެ.

މި އިހުތިޖާޖަކީ 'އަދަދު' ނޫހުގެ ދެ ނޫސްވެރިން ކަމަށްވާ މުހައްމަދު ޝަހުޒާން އާއި މުހައްމަދު ލީވާން ހައްޔަރުކުރުމާއި، ނޫސްވެރިކަމަށް ހުރަސްއެޅުމަށް ނެރެމުންދާ އަމުރުތަކާއި، 'އަދަދު' ނޫސް އިދާރާ ރެއިޑްކުރުމާ ގުޅިގެން ކުރިއަށްދާ ހަރަކާތެއްކަން ޝާހިދު ފާހަގަ ކުރެއްވިއެވެ. މީގެ އިތުރުން ނޫސްވެރިކަމުގެ މިނިވަންކަމަށް ވަކާލާތުކުރާ އެކްޓިވިސްޓުން ކަމަށްވާ ލޫކަސް ޖަލީލް، މުހައްމަދު ޝަމީން އަދި މުޝައްފައު ހައްޔަރުކުރުންވެސް އޭނާ ކުށްވެރިކުރެއްވިއެވެ.

ޝާހިދު ވަނީ ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރަނިކޮށް ހައްޔަރުކުރި ނޫސްވެރިންނާއި، ޑިމޮކްރެޓިކް ހައްގުތަކުގެ ބޭނުންކޮށް ސުލްހަވެރިކަމާއެކު އިހުތިޖާޖު ކުރަނިކޮށް ހައްޔަރުކުރި މީހުން ވަގުތުން މިނިވަންކުރުމަށް ގޮވާލައްވާފައެވެ.

"މިނިވަން ނޫސްވެރިކަމަކީ ކޮންމެ ޑިމޮކްރަސީއެއްގެވެސް އެންމެ ފުރަތަމަ ދިފާއީ ސަފު. ރާއްޖޭގައި މިވަގުތު އެ ސަފަށް ދަނީ މެދުނުކެނޑި ހަމަލާތަކެއް އަމާޒުވަމުން،" ޝާހިދު ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *