ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އެމަނިކުފާނުގެ މާލީ ބަޔާން އާންމުކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުގައި މިހާރު ވަނީ މި ބަޔާން ޝާއިޢުކޮށްފައެވެ. މި ބަޔާނުގައި ވޭތުވެދިޔަ ހަ މަސް ދުވަހުގެ ތެރޭގައި އެމަނިކުފާނަށާއި އަނބިކަނބަލުންނަށް ލިބިވަޑައިގެންނެވި އާމްދަނީ އާއި، މިލްކިއްޔާތުގައި ހުރި މުދަލާއި ވިޔަފާރީގެ މަސްލަހަތުތަކުގެ ތަފްސީލުތައް ހިމަނުއްވާފައިވެއެވެ.
މާލީ ބަޔާނުގައިވާ ގޮތުން، ވޭތުވެދިޔަ ހަ މަސް ދުވަހުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާއަށް މުސާރައިގެ ގޮތުގައި 282,024.00 ރުފިޔާ ލިބިވަޑައިގެންފައިވެއެވެ. މީގެ އިތުރުން ހުޅުމާލޭ ރޯހައުސް އަކުން ކުލީގެ ގޮތުގައި 240,000 ރުފިޔާ އަދި އާއިލީ ގެކޮޅު މ. ފިޤް އިން 180,000 ރުފިޔާ އާމްދަނީގެ ގޮތުގައި ލިބިވަޑައިގެންފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދަށް ލިބިވަޑައިގެންނެވި އާމްދަނީއަށް ބަލާއިރު، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނަށް ދޭ އެލަވަންސްގެ ގޮތުގައި 199,999.98 ރުފިޔާ ލިބިވަޑައިގެންފައިވެއެވެ. އަދި ދިމްޔާތު ޕްރައިވެޓް ލިމިޓެޑުން މުސާރައިގެ ގޮތުގައި 78,000 ރުފިޔާ އާއި ހެލްތު މިނިސްޓްރީގެ ކޮންސަލްޓަންޓެއްގެ ގޮތުގައި 4,927.32 ރުފިޔާ ލިބިވަޑައިގެންފައިވާކަން ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
މިލްކިއްޔާތާއި މުދަލުގެ ތަފްސީލު
ރައީސްގެ މިލްކިއްޔާތުގައިވާ މުދަލުގެ ތެރޭގައި، ވާރުތައިން ލިބިވަޑައިގެންފައިވާ މ. ދިމްޔާތުގެ އިތުރުން، 5.9 މިލިއަން ރުފިޔާގެ އަގުހުރި ހުޅުމާލެ އެމްބަރ ޓެރަސް 2 ގެ އެޕާޓްމަންޓެއް ހިމެނެއެވެ. އަދި ހއ. ވަށަފަރުގައިވާ 150,000 ރުފިޔާގެ ބިމަކާއި، ހިބައިން ލިބިވަޑައިގެންފައިވާ މ. ފިޤްގެ ބައެއްގެ އިތުރުން 260,000 ރުފިޔާގެ ކާރެއް ހިމެނެއެވެ.
ބޭންކު އެކައުންޓުތަކުގައި ހުރި ފައިސާއަށް ބަލާއިރު، ބީއެމްއެލްގެ ދިވެހި ރުފިޔާ އެކައުންޓުގައި 184,845.52 ރުފިޔާ އަދި ސޭވިންގްސް އެކައުންޓުގައި 1,701,470.44 ރުފިޔާ އެބަހުއްޓެވެ. މީގެ އިތުރުން އިސްލާމިކް ބޭންކުގެ އެކައުންޓެއްގައި 1,000 ރުފިޔާ ހުރިކަމަށް ބަޔާނުގައިވެއެވެ.
ލޯނާއި ދަރަނީގެ ތަފްސީލަށް ބަލާއިރު، މޯލްޑިވްސް ފައިނޭންސް އެންޑް ލީސިންގ ކޮމްޕެނީން ނަންގަވާފައިވާ ލޯނަކަށް ފައިސާ ދައްކަވަމުން ގެންދަވާ ކަމަށާއި، މިހާތަނަށް ނުދެއްކި އޮތީ 1,319,265.13 ރުފިޔާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ މާލީ ބަޔާނުގައި ހާމަކުރައްވާފައިވެއެވެ.





