"އަދަދު" ނޫހުން ތައްޔާރުކުރި ވީޑިއޯ ޑޮކިއުމެންޓްރީއަކާ ގުޅިގެން، އެއާބެހޭ އެއްވެސް ވާހަކައެއް ދެއްކުން މަނާކޮށް ކުރިމިނަލް ކޯޓުން ނެރުނު އަމުރު ބާތިލް ކުރުމަށް މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ހައި ކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުން ބޭރު ކޮށްލައިފިއެވެ.
އެމްޖޭއޭއިން ހައިކޯޓަށް ހުށަހެޅި މައްސަލައިގައި ބުނީ، ކުރިމިނަލް ކޯޓުން އެ އަމުރު ނެރެފައިވަނީ ޖިނާއީ އިޖުރާއަތުގެ ކޮން މާއްދާއެއްގެ ދަށުން އެނގެން ނެތް ކަމަށެވެ. އެހެން ކަމުން އެ އަމުރަކީ ގާނޫނުއާސާސީގެ 42 ވަނަ މާއްދާ އަދި 56 ވަނަ މާއްދާއާ ހިލާފަށް ނެރެފައިވާ އަމުރެއްކަމަށް އެމްޖޭއޭއިން ބުންޏެވެ. އަދި އެ އަމުރަކީ ސުޕްރީމް ކޯޓުގެ އަހުމަދު އިސްމާއިލް ވ. ލަތީފާ އަލީ ހަސަން ގަޒިއްޔާއާ ހިލާފަށް ނެރެފައިވާ އަމުރެއްކަން އެމްޖޭއޭއިން ފާހަގަކުރިއެވެ.
ކްރިމިނަލް ކޯޓުގެ އަމުރަކީ ހުރިހާ ދިވެހިރައްޔިތުންގެ މައްޗަށް ނެރެފައިވާ އަމުރެއް ކަމަށް ވާއިރު، އެ އަމުރު ނެރޭ ވަގުތުން ފެށިގެން، އެ ޑޮކިއުމެންޓްރީގެ ވާހަކަ ދައްކާ ރައްޔިތުން ކޯޓުގެ ހުރުމަތް ކަނޑާލުމުގެ އަމަލެއް ކުރީ ކަމަށް ބެލެވޭނެ ކަމަށް އަމުރުގައި ބުނެފައިވާ ކަމަށް އެމްޖޭއޭއިން ބުންޏެވެ.
ނަމަވެސް އެއީ ގާނޫނުއަސާސީގެ 44 ވަނަ މާއްދާއާ ހިލާފު ނިންމުމެއްގެ އިތުރުން، އެ އަމުރަކީ އަމުރުގައި އޮތް އެއްޗެއް ބަޔާން ކޮށްދިނުމުގެ ނުވަތަ އެނގި ގަތުމުގެ ހައްގުވެސް ނުލިބޭ ގޮތަށް ނެރެފައިވާ އަމުރެއް ކަމަށް އެމްޖޭއޭއިން ބުންޏެވެ. އެގޮތަށް ފުޅާދާއިރާއެއްގައި އަމުރެއް ނެރުމުގެ ބާރު ކޯޓަށް ލިބިދޭ ގޮތަށް އަސާސީ ހައްގުތައް ހަނިކޮށް ހިފަހައްޓަން ގާނޫނުއަސާސީގެ 16 ވަނަ މާއްދާ، 68 ވަނަ މާއްދާ އަދި 69 ވަނަ މާއްދާ އެއްގޮތްވާ ގޮތުގެ މަތިން ފާސްކޮށްފައިވާ ގާނޫނެއް ނެތްކަމަށް އެމްޖޭއޭއިން ބުންޏެވެ. އެހެން ކަމުން ކުރިމިނަލް ކޯޓުގެ އަމުރަކީ ގާނޫނާހިލާފު އަމުރެއް ކަމަށް އެމްޖޭއޭއިން ބުންޏެވެ.
ކުރިމިނަލް ކޯޓުގެ އަމުރަކީ ޕްރޮސިކިއުޓާ ޖެނެރަލް ގަބޫލު ކުރައްވާ އަމުރަކަށް ނުވުމުން، އެފަދަ މައްސަލަތަކުގައި މީގެކުރިން ދައުލަތުން ވަކި ސްޓޭންޑެއް ނަގައިގެން، ކޯޓު ތަކުގައި ވަކާލާތުކޮށްފައިވާ މައްސަލައެއް ކަމަށްވާއިރު، އެ އަމުރަކީ ޖިނާއީ މައްސަލަތަކުގައި ދައުވާ ކުރުމުގައި ދައުލަތުން ކަނޑައަޅާފައިވާ ސިޔާސަތު ހިލާފު އަމުރެއް ކަމަށް އެމްޖޭއޭއިން ބުންޏެވެ.
މިމަހުގެ 11 ވަނަ ދުވަހު އެމްޖޭއޭއިން ހައިކޯޓަށް ހުށަހެޅި މި މައްސަލަ ކޯޓުން ބަލައިނުގަނެ ބޭރު ކޮށްލާފައި ވާއިރު، މި މައްސަަލަ ބަލައި ނުގަތުމަށް ހައިކޯޓުގެ ރަޖިސްޓްރާ މަރިޔަމް ހޫރުޝީދާ ނިންމެވި ނިންމުމުގައި ވަނީ ޖިނާއީ މައްސަލަ ބެލުމުގެ އިހްތިސާސް ލިބިގެންވާ ކޯޓަކުން ކުރާ ހުކުމް ތަކާއި، ނެރޭ އަމުރުތަކާއި، ޝަރީއަތުގެ ކުރިން ނިންމާ ނިންމުންތައް އިސްތިއުނާފު ކުރުމަށް ހުށަހެޅިދާނެ ކަމަށް ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބަޔާން ކޮށްފައިވާ ކަމަށެވެ. ނަމަވެސް އެގޮތަށް އިސްތިއުނާފަށް ހުށަހެޅުމުގެ ހައްގު ލިބިގެންވަނީ ހުކުމް، ނުވަތަ ކޯޓު އަމުރު، ނުވަތަ ނިންމުން ނިސްބަތްވާ މައްސަލަައިގައި ހިމެނޭ ފަރާތްތަކަށް ކަމަށް ބަޔާންކޮށްފައިވާ ކަމަށްވެސް އެ ނިންމުމުގައި ވެއެވެ.
ރަޖިސްޓްރާ ވިދާޅުވެފައި ވަނީ އެމްޖޭއޭއިން ހުށަހަޅާފައިވާ އިސްތިއުނާފު ފޯމާއި، އެ ފޯމާއެކު ހުށަހަޅާފައިވާ ލިއުންތަކަަށް ބަލާއިރު، އިސްތިއުނާފަށް ހުށަހަޅާފައިވާ ކްރިމިނަލް ކޯޓުގެ އަމުރަކީ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުގެ ފަރާތުން ތ. ވިލިފުށީ އަތަމާގެ ހުސެއިން ފިޔާޒު މޫސާ އާއި މ. ރަބަރުމާގެ ހަސަން މުހައްމަދުގެ މައްޗަށް ގާނޫނުލް އުގޫބާރުގެ ދަށުން ގަޒުފު ކުރުމުގެ ކުށުގެ ދައުވާ ކުރުމުން، ކްރިމިނަލް ކޯޓުން ބަލަމުންދާ ގަޒިއްޔާގައި އެ ކޯޓުން ވަކިގޮތެއް ކަނޑައަޅަންދެން ވަކި ގޮތަކަށް އަމަލު ނުކުރުމަށް އަންގައި ކޮށްފައިވާ އަމުރެއްކަމަށެވެ. އަދި އެ އަމުރު ނިސްބަތްވާ މައްސަލައިގައި ހިމެނޭ ފަރާތްތަކުގެ ތެރޭގައި އެމްޖޭއޭ ހިމެނޭކަން ހުށަހަޅާފައިވާ ލިޔެ ކިއުންތަކުން އެނގެން ނެތް ކަމަށްވެސް ހައިކޯޓުން މައްސަލަ ބަލައި ނުގަތުމަށް ނިންމި ނިންމުމުގައި ރަޖިސްޓްރާ ވިދާޅުވެފައިވެއެވެ.
އެހެން ކަމުން ޖިނާއީ އިޖުރާއަތުގެ ގާނޫނާ ހަވާލާދީ އެމްޖޭއޭއަކީ އިސްތިއުނާފު ކުރުމަށް ހުށަހަޅާފައިވާ އަމުރު ނިސްބަތްވާ މައްސަލައިގައި ހިމެނޭ ފަރާތެއްކަމަށް ނުވާތީ، އެ އަމުރު އިސްތިއުނާފު ކުރުމުގެ ހައްގު އެ ފަރާތަށް ލިބިގެންނުވާކަމަށް ބަލައި، އެމްޖޭއޭއިން ހުށަހަޅާފައިވާ މި މައްސލަ މިކޯޓަށް ބަލައިގަނެވެން ނެތްކަމަށް ރަޖިސްޓްރާގެ ނިންމުމުގައި ވިދާޅުވެފައިވެއެވެ.





