ވ. އަތޮޅުގައި ހިނގި ޑައިވިން ހާދިސާގައި ގެއްލުނު ޑައިވަރުން ހޯދުމުގެ މަސައްކަތް ކުރަމުން ދިޔަ ސިފައިންގެ އޮފިސަރެއް ހާލު ދެރަވެ ހޮސްޕިޓަލަށް ގެނެސް ފަރުވާދެމުން ދަނިކޮށް މަރުވެއްޖެއެވެ.
އެމްއެންޑީއެފްއިން ބުނީ ފީނަން ދިޔަ ޑައިވަރުންގެ ތެރެއިން ގެއްލުނު ހަތަރު ޑައިވަރު ހޯދުމަށް، އެމްއެންޑީއެފުން ކުރިއަށްގެންދާ، ސާޗް އޮޕަރޭޝަނުގައި މިއަދު ޑައިވްކުރި، ސިފައިންގެ އޮފިސަރެއްގެ ހާލު ދެރަވެގެން، އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުންދާ ކަމަށެވެ.
އޭނާ މަރުވީ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.
ވ. އަތޮޅަށް ޑައިވިނަށް ގޮސް އުޅެނިކޮށް އިޓަލީވިލާތަށް ނިސްބަތްވާ ފަސް ޑައިވަރުން ގެއްލުނުކަމުގެ ރިޕޯޓް އެމްއެންޑީއެފް ކޯސްޓްގާޑު، މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރު، އެމްއާރުސީސީއަށް ލިބުނީ މިމަހުގެ 14 ވަނަ ދުވަހުގެ މެންދުރު 13:45 ހާއިރެވެ. އެ މައުލޫމާތު ލިބުމާއެކު އެ މީހުން ހޯދުމުގެ މަސައްކަތް ކަނޑާއި ވައިގެ މަގުން އެމްއެންޑީއެފްއިން ވަނީ ފަށައިފައެވެ.
މި ހާދިސާގައި ގެއްލިފައިވަނީ އެ އުޅަނދުން ޑައިވިން އަށް ދިޔަ އިޓަލީގެ ޑައިވިން އިންސްޓްރަކްޓަރަކާއި، ހަތަރު ޑައިވަރުންނެވެ. އޭގެ ތެރެއިން މިހާތަނަށް ފެނިފައިވަނީ ޑައިވިން އިންސްޓްރަކްޓަރުގެ ހަށިގަނޑެވެ.
މި ހާދިސާއާ ގުޅިގެން ޑައިވަރުން ދަތުރުކުރި އުޅަނދުގެ ލައިސަންސް ފަތުރުވެރިކަމާބެހޭ ވުޒާރާއިން ވަނީ ހިފަހައްޓައިފައެވެ.
ގެއްލުނު ޑައިވަރުން ހޯދުމަށްޓަކައި ސިފައިން އަންނަނީ ހައި ރިސްކް އޮޕަރޭޝަނެއް ހިންގަމުންނެވެ.





