ގިނަގިނައިން ޑޮކިއުމެންޓަރީތައް ހަދަން އެދިވަޑައިގަންނަވާ ކަމަށާއި އެކަމުން އެކަމުގެ ހުރިހާ ހެވެއް އޮތީ އެ މަނިކުފާނަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ޕީއެންސީގެ ހަރުގޭގައި މިރޭ ދެއްކެވި ވާހަކަފުޅުގައި ރައީސް އެހެން ވިދާޅުވެފައިވަނީ، އެ މަނިކުފާނާ ގުޅުވައިގެން ވާހަކަތަކެއް ދައްކާފައިވާ ”އައިޝާ“ ޑޮކިއުމެންޓަރީގެ މައްސަލަ ބޮޑުވެފައިވަނިކޮށެވެ.
އެ މައްސަލައާ ގުޅިގެން ކްރިމިނަލް ކޯޓުން ވަނީ، އެ ޑޮކިއުމެންޓަރީގައި ހިމެނޭ ވާހަކަތައް ދައުރުނުކުރުމަށާއި އެ ވާހަކަތައް ނުދެއްކުމަށް އަމުރުކޮށްފައެވެ. އެ އަމުރާ ހިލާފުވީ ކަމަށް ކަނޑައަޅައި އަދަދުގެ ދެ ނޫސްވެރިން ކަމަށްވާ މުހައްމަދު ޝަހުޒާނާއި ލީވާން އަލީ ނަސީރު ވަނީ ކޯޓުގެ ހުރުމަތް ކެނޑި ކަމަށް ބަލައި ޖަލަށް ލައިފައެވެ. ޝަހުޒާން 15 ދުވަހަށް ޖަލަށް ލާފައިވާ އިރު، ލީވާން ހުރީ ދިހަ ދުވަހުގެ ޖަލު ހުކުމެއްގައެވެ.
ޕީއެންސީގެ ހަރުގޭގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ސަރުކާރުގެ ސިޔާސަތަށް ދައްކާނެ ވާހަކައެއް ނެތުމުން އިދިކޮޅު ފަރާތްތަކުން މިހާރު މަސައްކަތްކުރަނީ ދޮގު ވާހަކަތަކެއް ފަތުރައިގެން އެ މަނިކުފާނުގެ އަބުރު ކަތިލުމަށް ކަމަށެވެ.
އެ މަނިކުފާނާ ގުޅުވައިގެން ކިތަންމެ ޑޮކިއުމެންޓަރީއެއް ވެސް ހެދިދާނެ ކަމަށާއި އެކަންކަން ކުރާތީ އުފާކުރާ ކަމަށެވެ. އަދި ހަގީގަތެއް ނެތް ދޮގު ވާހަކަތައް ފަތުރައި އަބުރު ކަތިލާއިރު ކެތްތެރިކަން އިސްކުރަން ދީނުގައި އަންގަވާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ދޮގު ވާހަކަތަކެއް ހިމަނައިގެން ޑޮކިއުމެންޓަރީ ހެދުމުން އެ މަނިކުފާނަށް ސަވާބު ލިބޭނެ ކަމަށާއި އެހެންކަމުން އެ މަނިކުފާނަށް ސަވާބު ހޯދައިދޭން ބޭނުން ނަމަ، ގިނަގިނައިން ޑޮކިއުމެންޓަރީ ނެރުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އަދި އެކަމުގައި ހުރިހާ ހެވެއް އޮތީ އެ މަނިކުފާނަށް ކަމަށް ރައީސް ވިދާޅުވިއެވެ.





