އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އީރާނާއެކު އޮތް ހަމަލާ ބަދަލު ކުރުން ހުއްޓާލުމުގެ އެއްބަސްވުން މިހާރު އޮތީ "ލައިފް ސަޕޯޓުގައި" ކަމަށް ވިދާޅުވެ، އިންޒާރު ދެއްވައިފިއެވެ.
ސީބީއެސް ނިއުސްގެ އެންމެ ފަހުގެ ރިޕޯޓްތަކަށް ބަލާއިރު، ދެ ގައުމުގެ ދެމެދުގައި އޮތް ނުތަނަވަސްކަން މިހާރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.
ޗައިނާއަށް ކުރައްވާ ދަތުރުފުޅަކަށް ފުރާވަޑައިގަތުމުގެ ކުރިން ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވީ، އީރާނާއެކު ކުރާ މަޝްވަރާތަކުގައި އެމެރިކާގެ ރައްޔިތުންގެ މާލީ ހާލަތާ މެދު އޭނާ ކަންބޮޑުވެވަޑައިނުގަންނަވާ ކަމަށެވެ. "އެންމެ މުހިންމު ކަމަކީ އީރާނަށް ނިއުކްލިއަރ ހަތިޔާރު ލިބުނަ ނުދިނުން،" ޓްރަމްޕް ވިދާޅުވިއެވެ. މީގެ އިތުރުން، ހަމަލާބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުން ނިމުމަކަށް ގެންނާނެ "ރެޑް ލައިން" ނުވަތަ ރަތް ރޮނގަކީ ކޮބައިތޯ ބަލަމުންދާ ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އެމެރިކާގެ ސުލްހައިގެ ހުށަހެޅުންތަކަށް އީރާނުން ދިން ޖަވާބު ޓްރަމްޕް ގަބޫލުނުކުރެއްވުމާ ގުޅިގެން، އީރާނުގެ މަޖިލީހުގެ ރައީސް ވަނީ އީރާނުގެ އަސްކަރިއްޔާ އޮތީ ކޮންމެފަދަ ހަމަލާއަކަށްވެސް ތައްޔާރަށް ކަމަށާއި، އަދި ހަމަލާދޭ ފަރާތްތަކަށް "ފިލާވަޅެއް އުނގަންނައިދޭނެ" ކަމަށް ބުނެ އިންޒާރު ދީފައެވެ.
އަދި އީރާނަށް އަލުން ހަމަލާއެއް ދީފިނަމަ، ޔުރޭނިއަމް މުއްސަނދިކުރާ މިންވަރު 90 އިންސައްތައަށް (ނިއުކްލިއަރ ބޮން އުފެއްދޭ މިންވަރަށް) މަތިކުރުމަށް ވިސްނާނެ ކަމަށް އެގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރަކު ވަނީ ވިދާޅުވެފައެވެ.
މި ހަނގުރާމައިގެ ނުތަނަވަސްކަން މުޅި ސަރަހައްދަށް ވަނީ ފެތުރިފައެވެ. އީރާނުގެ ހަމަލާތަކުން ދިފާއުވުމަށްޓަކައި އިސްރާއީލުން ވަނީ ޔޫއޭއީއަށް މިސައިލުން ދިފާއުވާ ސިސްޓަމްތަކާއި ސިފައިން ފޮނުވާފައެވެ.
ކުވެއިތުގެ ބުބިޔާން ރަށަށް އީރާނުގެ ރިވޮލިއުޝަނަރީ ގާޑްސްއާ ގުޅުންހުރި ބަޔަކު ވަދެގަންނަން އުޅުނު ކަމަށް ބުނެ، ކުވެއިތުން ވަނީ އީރާނުގެ ސަފީރު ހާޒިރުކޮށް އިހުތިޖާޖުކޮށްފައެވެ.
ޕެންޓަގަންގެ ރިޕޯޓްތަކުން ދައްކާގޮތުގައި، މިހާތަނަށް މި ހަނގުރާމައަށް އެމެރިކާއިން ވަނީ 29 ބިލިއަން ޑޮލަރު ހޭދަކޮށްފައެވެ. ނަމަވެސް ބައެއް އޮފިޝަލުން ލަފާކުރާ ގޮތުގައި މި އަދަދު 50 ބިލިއަން ޑޮލަރާ ގާތްކުރާނެއެވެ.
އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ޕީޓް ހެގްސެތު ވިދާޅުވީ، ހަނގުރާމަ އަލުން ފެށުމަށްޓަކައި ކޮންގްރެސްގެ ހުއްދަ ހޯދަން ރައީސަށް މަޖުބޫރު ނޫން ކަމަށާއި، ގާނޫނުއަސާސީގެ ދަށުން އެ ބާރު ރައީސަށް ލިބިގެންވާ ކަމަށެވެ.
މި ވަގުތު ދުނިޔޭގެ ނަޒަރު ހުއްޓިފައިވަނީ ޗައިނާގައި ޓްރަމްޕާއި ޗައިނާގެ ރައީސް ޝީ ޖިންޕިންއާ ދެމެދު ބޭއްވޭ ބައްދަލުވުމަށެވެ. އީރާނުން އުންމީދު ކުރަނީ މި ބައްދަލުވުމުގެ ތެރެއިން ޗައިނާ މެދުވެރިކޮށް އެގައުމުގެ އަޑު އެމެރިކާއަށް އިއްވޭނެ ކަމަށެވެ.





