ސައުދީ ޕްރޯ ލީގުގެ ޗެމްޕިއަންކަން ކަށަވަރުކުރުމަށް އަލް-ނަސްރުން ކުޅުނު މުހިންމު މެޗުގައި، އިތުރު ވަގުތުގެ 90+9 ވަނަ މިނެޓުގައި ބައިކޮޅަށް ވަތް ލަނޑަކާއެކު 1-1 އިން އަލް-ހިލާލާ އެއްވަރުވެއްޖެއެވެ.
އަލް-ނަސްރުގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި އެ ޓީމުން ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. މެޗުގެ 37 ވަނަ މިނެޓުގައި މުހައްމަދު ސިމަކާން ކާމިޔާބުކޮށްދިން ފުރިހަމަ ލަނޑާއެކު އަލް-ނަސްރުން ފުރަތަމަ ހާފު ނިންމާލީ 1-0 ގެ ނަތީޖާއަކުން ކުރީގައި އޮވެގެންނެވެ.
ނަމަވެސް ދެވަނަ ހާފުގައި އަލް-ހިލާލުން ކުޅުން ވަރުގަދަކޮށް، އަލް-ނަސްރުގެ ގޯލަށް ބާރުބޮޑުކުރިއެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރު ވަގުތުގެ 90+9 ވަނަ މިނެޓުގައި އަލް-ނަސްރުގެ ބެންޓޯ ކްރެޕްސްކީ ނެޓޯ އަތުން ބައިކޮޅަށް ވަން ލަނޑާއެކު އަލް-ހިލާލުން ނަތީޖާ އެއްވަރުކުރިއެވެ.
ތަފާސްހިސާބުތަކަށް ބަލާއިރު، އަލް-ނަސްރުން 11 ހަމަލާ ފޮނުވާލިއިރު 6 ހަމަލާ ގޯލާ އަމާޒުވިއެވެ. އަލް-ހިލާލުން 7 ހަމަލާ ފޮނުވާލައި 4 ހަމަލާ ގޯލާ އަމާޒުކުރިއެވެ. ބޯޅަ ހިފެހެއްޓުމުގައި އަލް-ހިލާލުން 63 އިންސައްތައާއެކު ކުރި ހޯދިއެވެ.
މި ނަތީޖާއާއެކު އަލް-ނަސްރު ތާވަލުގެ އެއްވަނައިގައި 33 މެޗުން 83 ޕޮއިންޓާއެކު އޮތްއިރު، ދެވަނައިގައި އޮތް އަލް-ހިލާލަށް 32 މެޗުން ލިބިފައިވަނީ 78 ޕޮއިންޓެވެ. ލީގު ޗެމްޕިއަންކަން ކަށަވަރުކުރުމަށް އަލް-ނަސްރުން ދެން އިންތިޒާރުކުރަން ޖެހޭނީ ލީގުގެ ފަހު މެޗަށެވެ.





