ނޫސްވެރިކަމުގެ ޒިންމާ އަދާކުރުމުގެ ސަބަބުން ނޫސްވެރިން ޖަލަށްލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވެ، "އަދަދު" ނޫހުގެ ނޫސްވެރިން ކަމަށްވާ ޝަހްޒާން މުހައްމަދާއި ލީވާން އަލީ ނަސީރު ވަގުތުން މިނިވަން ކުރުމަށް އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރައީސް ޢަބްދުﷲ ޝާހިދު މިއަދު ގޮވާލައްވައިފިއެވެ.
ކްރިމިނަލް ކޯޓުން މިއަދު ކުރި ހުކުމެއްގައި، ނޫސްވެރިޔާ ޝަހްޒާން މުހައްމަދު 15 ދުވަހަށް ޖަލަށްލުމަށް ވަނީ އަމުރުކޮށްފައެވެ. މި ހުކުމް އައީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާ އޭނާ ކުރި ސުވާލަކާ ގުޅިގެންނެވެ. މީގެއިތުރުން، ކޯޓުން ނެރުނު އަމުރެއްގެ ވާހަކަ ނޫހުގައި ރިޕޯޓްކުރުމާ ގުޅިގެން، ލީވާން އަލީ ނަސީރު 10 ދުވަހަށް ޖަލަށްލުމަށްވެސް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ.
މިކަމާ ގުޅިގެން ސޯޝަލް މީޑިއާ ޕްލެޓްފޯމް "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ކުރީގެ ފޮރިން މިނިސްޓަރު ޝާހިދު ވިދާޅުވީ، މިއަދަކީ ދިވެހި ނޫސްވެރިކަމުގެ ތާރީޚުގައި ފެނިގެންދިޔަ ވަރަށް އަނދިރި ދުވަހެއް ކަމަށެވެ.
ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރާ ނޫސްވެރިން ޖަލަށް ލައިގެން ނުވާނެ ކަމަށް ޝާހިދު ވިދާޅުވި އެވެ.
"މިއީ މިނިވަން ނޫސްވެރިކަމަށް ލިބުނު ބޮޑު ދެރައެއް. މިއީ ބާރުވެރި ފަރާތްތައް ޖަވާބުދާރީ ކުރުވުމުގެ މަސައްކަތް ކުރާ އެންމެންނަށް ބޮޑު އިންޒާރެއް،" އެމްޑީޕީ ސަރުކާރުގައި ފޮރިން މިނިސްޓަރުކަން ކުރެއްވި ޝާހިދު ވިދާޅުވި އެވެ.





