އެލްޖީއޭއަށް މުވައްޒަފުން ނެގުމުގެ ބާރު ސިވިލްސާވިސް ކޮމިޝަނަށް ދޭން ބިލެއް ހުށަހަޅައިފި

އެލްޖީއޭއަށް މުވައްޒަފުން ނެގުމުގެ ބާރު ސިވިލްސާވިސް ކޮމިޝަނަށް ދޭން ބިލެއް ހުށަހަޅައިފި

ލޯކަލް ގަވާމަންޓް އޮތޯރިޓީ (އެލްޖީއޭ) އަށް މުވައްޒަފުން ނެގުމުގެ މާރު ސިވިލްސާވިސް ކޮމިޝަނަށްދިނުމަށް، ދިވެހި ރާއްޖޭގެ އިދާދީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އިސްލާހު ހުށަހަޅައި ފިއެވެ.

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މި ބިލު ހުށަހެޅުއްވީ، ފުވައްމުލަކު އުތުރު ދާއިރާ ޕީއެންސީ މެންބަރު ހަމަދު އަބްދުﷲ އެވެ.

މި ބިލުގެ އިބްތިދާއީ ބަހުސް ނިމުމުން މަޖިލީހަށް ބިލު ބަލައިގަނޭތޯ ނެގި ވޯޓުން މަޖިލީހަށް ބިލު ބަލައިގަތީ، ޖަލްސާގައި ތިއްބެވި 50 މެންބަރުންގެ ތެރެއިން ޕީއެންސީގެ 44 މެންބަރުންގެ ވޯޓުންނެވެ. އެމްޑީޕީގެ ފަސް މެންބަރުން ވޯޓު ދެއްވީ ބިލު ބަލައި ނުގަތުމަށެވެ. މި ބިލު ބަލައިގަތުމުން އިތުރަށް ދިރާސާ ކުރުމަށް ވަނީ ލާމަރުކަޒީ ކޮމިޓީއަށް ފޮނުވައިފައެވެ

ލާމަރުކަޒީ ގާނޫނުގެ 61 ވަނަ މާއްދާގެ (ޅ) ގައި މިހާރު އޮންނަނީ، އެލްޖީއޭގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީސީއޯ)ގެ އިތުރުން އޮތޯރިޓީގެ މަސްއޫލިއްޔަތު އަދާކުރުމަށް އެހީތެރިވެދިނުމަށާއި އޮތޯރިޓީގެ އިދާރީ ކަންކަން ބެލެހެއްޓުމަށްޓަކައި އޮތޯރިޓީއަށް ބޭނުންވާ މުވައްޒަފުން އައްޔަންކުރުމާއި ވަކިކުރުމުގެ ބާރު އޮތޯރިޓީގެ ބޯޑަށް ލިބިގެންވާ ކަމަށެވެ.

ނަމަވެސް މި ގާނޫނަށް އިސްލާހު ގެންނަން ހުށަހަޅާފައިވާ ބިލުގައި ވަނީ ގާނޫނުގެ އެ މާއްދާ އުނިކުރަން ހުށަހޅާއިފައެވެ.

މި ބިލު ހުށަހަޅާ ބޭނުމެއްކަމަށް ބިލުގައި ބުނެފައި ވަނީ، އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫޅުން ހިންގުމުގެ ގާނޫނުގެ ދަށުން ލޯކަލް ކައުންސިލްތަކުގެ މަސައްކަތްތަކާއި ހަރަކާތްތައް ވިލަރެސް ކުރުމުގެ ޒިންމާ މަތިކޮށްފައިވާ އިދާރާ ކަމުގައިވާ ލޯކަލް ގަވާމަންޓް އޮތޯރިޓީގެ ހިންގުން ހަރުދަނާ ކުރުމުގެ ގޮތުން، އެ އޮތޯރިޓީގެ މުވައްޒިފުންނަކީ ސިވިލްސާވިސްގެ މުވައްޒިފުން ކަމުގައި ހަމަޖެއްސުން ކަމަށެވެ.

އެހެންކަމުން އެލްޖީއޭގެ މުވައްޒިފުންނަކީ ސިވިލް ސާވިސްމުވައްޒިފުން ކަމުގައި ހިމަނަން ގާނޫނަށް މާއްދާ އެއް އިތުރުކުރަން ބިލުގައި ވަނީ ހިމަނައިފައެވެ. ބިލުގެ 3-61 ގެ ގޮތުގައި އިތުރުކުރަން ހުށަހަޅާފައިވާ މި މާއްދާގައި ބުނެފައިވަނީ، އެލްޖީއޭއަށް ބޭނުންވާ މުވައްޒިފުން އައްޔަންކޮށް ވަކި ކުރާނީ ސީއީއޯގެ ލަފާގެ މަތިން ސީއެސްސީއިން ކަމަށެވެ.

މުވައްޒަފުން އައްޔަންކޮށް ވަކި ކުރުމާއި، މުވައްޒިފުންނާގުޅޭ އެނޫންވެސް ކަންކަމުގައި ސީއެސްސީގެ ގާނޫނުގެ 63 ވަނަ މާއްދާގައި ބަޔާންކުރާ ޒިންމާދާރު އިސްވެރިޔާގެ ދައުރު އަދާކުރާނީ އޮތޯރިޓީގެ ސީއީއޯކަމަށްވެސް ބުނެފައިވެއެވެ.

އެލްޖީއޭގެ މުވައްޒަފުންގެ މަގާމުތަކާއި، އެ މަގާމުތަކުގެ ގިންތި އާއި ޝަރުތުތައް އަދި މުވައްޒަފުންގެ ވަޒީފާގެ މަސްއޫލިއްޔަތުތައް ބަޔާންކުރާ، މުވައްޒިފުންގެ މަގާމުތަކުގެ އޮނިގަނޑެއް ކަނޑައަޅާފައި އޮންނަންވާނެ ކަމަށާއި އެ އޮނިގަނޑު އެކުލަވާލާނީ އޮތޯރިޓީގެ ބޯޑުގެ ލަފާގެ މަތިން ސީއީއޯ ކަމަށާއި، އެ އޮނިގަނޑު ސީއެސްސީއަށް ހުށަހަޅައި ފާސްކުރަންޖެހޭނެ ކަމަށްވެސް ބުނެފައިވެއެވެ. އަދި އެ އޮނިގަނޑުގައި ކަނޑއަޅާ މަގާމުތަކުގެ މުސާރަ އާއި އިނާޔަތްތައް ކަނޑައަޅާނީ ދައުލަތުގެ މުސާރައިގެ ސިޔާސަތުގެ ގާނޫނުގެ ދަށުން ނޭޝަނަލް ޕޭ ކޮމިޝަނުން ކަމަށްވެސް ބުނެފައިވެއެވެ.

ސީއެސްސީން އެ އޮނިގަނޑު ފާސްކުރާތާ 30 ދުވަހުގެ ތެރޭގައު މުވައްޒިފުންގެ މުސާރައިގެ އޮނިގަނޑު ނޭޝަނަލް ޕޭ ކޮމިޝަނުން ނިންމަންވާނެ  ކަމަށާއި، މުސާރައިގެ އޮނިގަނޑު ޕޭ ކޮމިޝަނުން ކަނޑައަޅާތާ ގިނަވެގެން 60 ދުވަގުގެ ތެރޭގައި އޮތޯރިޓީގެ މުވައްޒަފުން އެ މަގާމުތަކަށް ބަދަލުކޮށް ނިންމަންވާނެ ކަމަށްވެސް ބިލުގައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *