އެމެރިކާގެ ދިފާއީ ވުޒާރާ، ޕެންޓަގަނުން ވަނީ ޔޫއެފްއޯ (Unidentified Flying Objects) ނުވަތަ މިހާރުގެ ނަމުން ނަމަ ޔޫއޭޕީ (Unidentified Anomalous Phenomena) އާ ބެހޭ ސިއްރު ލިޔެކިޔުންތަކުގެ ފުރަތަމަ ބައި ހުކުރު ދުވަހު އާންމުކޮށްފައެވެ. މިއީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އެންގެވުމަކަށް، ސަރުކާރުގެ ކަންކަން ހާމަކަން ބޮޑުކުރުމުގެ ގޮތުން ފެށި މަސައްކަތެކެވެ.
މި ފުރަތަމަ ބުރުގައި އެފްބީއައި ޑިފެންސް ޑިޕާޓްމަންޓް އަދި ނާސާ ގެ ފައިލްތަކުން 162 ވަރަކަށް ލިޔެކިޔުމާއި ފޮޓޯ ހިމެނެއެވެ. ޑިފެންސް ސެކްރެޓަރީ ޕީޓް ހެގްސެތު ވިދާޅުވި ގޮތުގައި، މި ފައިލްތަކަކީ ގިނަ ދުވަސްތަކެއް ވަންދެން ސިއްރުކޮށްފައި އޮތުމުގެ ސަބަބުން ތަފާތު ޝައްކުތަކާއި ސުވާލުތައް އުފެދިފައިވާ ކަންކަމެވެ. އެހެންކަމުން، މިކަންކަމުގެ ހަގީގަތް އަމިއްލައަށް ބަލައިލުމުގެ ފުރުސަތު އެމެރިކާގެ ރައްޔިތުންނަށް ދިނުމަކީ މުހިންމު ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
އާންމުކުރި ފޮޓޯތަކުގެ ތެރޭގައި 2024 ވަނަ އަހަރު ޖަޕާން ކައިރިން ފެނުނު، ފުޓުބޯޅައެއްގެ ބައްޓަމަށް ހުރި އާދަޔާ ހިލާފު އެއްޗެއްގެ ފޮޓޯއެއް ވެސް ހިމެނެއެވެ. ނަމަވެސް ޕެންޓަގަނުން ބުނާ ގޮތުގައި، މިހާތަނަށް ކުރި އެއްވެސް ދިރާސާއަކުން މިއީ ދުނިޔެއިން ބޭރުގެ ނުވަތަ "އޭލިއަން" އެއްގެ އެއްޗެއްކަން ކަށަވަރުވާނެ އެއްވެސް ހެއްކެއް ފެނިފައެއް ނުވެއެވެ.
ރައީސް ޓްރަމްޕް މިދިޔަ ފެބްރުއަރީ މަހު ވަނީ ޔޫއެފްއޯއާއި ބިމުން ބޭރުގެ ދިރިއުޅުމާ ގުޅުންހުރި ހުރިހާ ސިއްރު ފައިލްތަކެއް ދިރާސާކޮށް އާންމުކުރުމަށް އަމުރުކުރައްވާފައެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް އިތުރު ފައިލްތައް ހާމަކުރަމުންދާނެ ކަމަށް ޕެންޓަގަނުން ވަނީ ބުނެފައެވެ.
މި ލިޔުންތައް ހާމަކުރުމުގެ މައިގަނޑު ބޭނުމަކީ ސިއްރުވެފައި ހުރި ކަންކަން އާންމުންނަށް އެނގި، ސައިންސްވެރިންނަށް އެ ތަކެތި އިތުރަށް ދިރާސާކުރުމުގެ ފުރުސަތު ދިނުމެވެ





