ޒާތީ މައުލޫމާތު ރައްކާތެރި ކުރުމުގެ ބިލެއް ހުށަހަޅައިފި

ޒާތީ މައުލޫމާތު ރައްކާތެރި ކުރުމުގެ ބިލެއް ހުށަހަޅައިފި

ޒާތީ މައުލޫމާތު ރައްކާތެރި ކުރުމުގެ ގާނޫނުގެ ބިލް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި ބިލުގެ ފުރަތަމަކިއުން ވަނީ އިއްވައިފައެވެ. ސަރުކާރުގެ ފަރާތުން ފޮނުވި މި ބިލު މަޖިލީހަށް ހުށަހެޅުއްވާނީ ހެންވޭރު ހުޅަނދު ދާއިރާގެ ޕީއެންސީ މެންބަރު އަލީ އިބްރާހިމެވެ.

މި ބިލުގެ ބޭނުމެއް ކަމަށް ބިލުގައި ވަނީ، މި ބިލު ގާނޫނަކަށް ވުމުން ހަރުދަނާ ގާނޫނީ އޮނިގަނޑެއްގެ ދަށުން ރާއްޖޭގައި ޒާތީ މައުލޫމާތު އެއްކުރުމާއި ޕްރޮސެސް ކުރުމާއި ބޭނުން ކުރުމުގެ ނިޒާމެއް ގާއިމު ކުރެވިގެން ދިއުން ކަމަށެވެ. ޒާތީ މައުލޫމާތު ނިސްބަތްވާ މީހުންގެ ހައްގުތަކާއި މައުލޫމާތު އެއްކުރާ އަދި ޕްރޮސެސްކުރާ ފަރާތްތަކުގެ ޒިންމާތައް ކަނޑައަޅައި އެ ފަރާތްތައް ރެގިއުލޭޓް ކުރުމާބެހޭ އުސޫލުތައް މި ގާނނޫނުގެ ދަށުން ބަޔާން ކުރާނެއެވެ.

މި ބިލާއެކު ބޭރު ގައުމުތަކާއި ބައިނަލްއަގުވާމީ އިދާރާތަކާއި އެހެނިހެން ކްރޮސްބޯޑަރ ފަރާތްތަކަށް ޒާތީ މައުލޫމާތު ޓްރާންސްފާ ކުރުމާގުޅޭ އުސޫލުތައްވެސް ކަނޑައެޅޭނެއެވެ. އަދި ޑޭޓާ ނިސްބަތްވާ ފަރާތްތަކަށް ލިބިގެންވާ ހައްގުތަކާއި އެ ޙައްގުތައް ބޭނުން ކުރުމުގެ ހަމަތައް ބަޔާންކޮށް، ޑޭޓާ ބްރީޗެއް މެދުވެރިވެއްޖެނަމަ، މައުލޫމާތު ޕްރޮސެސްކުރާ ފަރާތްތަކުން އަމަލު ކުރާނެ ގޮތުގެ އުސޫލުތައްވެސް ބަޔާން ކުރާނެއެވެ.

މީގެ އިތުރުން ގާނޫނު ތަންފީޒުކޮށް ހިންގުމުގެ ގޮތުން ޕްރައިވަސީ ކޮމިޝަނަރުގެ ދައުރު އަދާކުރާނެ ފަރާތެއް ކަނޑައަޅައި އޭނާގެ މަސްއޫލިއްޔަތުތަކާއި ބާރުތައްވެސް ބިލުގައި ވަނީ ބަޔާން ކޮށްފައެވެ. ބިލުގައި ބަޔާން ކޮށްފައިވާ ގޮތުން ޕްރައިވަސީ ކޮމިޝަނަރަކަށް ހުންނަވާނީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން އައްޔަން ކުރައްވާފައިވާ އިންފޮމޭޝަން ކޮމިޝަނަރެވެ.

މި ބިލުގައި ޑޭޓާ ޕްރޮސެސް ކުރާ ފަރާތްތަކާއި ކޮންޓްރޯލް ކުރާ ފަރާތްތަކުގެ ދައުރާއި ޒިންމާތަކާއި ރެކޯޑު ބަލެހެއްޓުމާ ގުޅޭ ކަންކަން ތަފްސީލުކޮށް ވަނީ ބަޔާންކޮށްފައެވެ. ބިލުގައި ޑޭޓާ ކޮންޓްރޯލް ކުރާ ފަރާތްތަކާއި ޕްރޮސެސް ކުރާ ފަރާތްތަކުން ޑޭޓާ ޕްރޮޓެކްޝަން އޮފިސަރުން ކަނޑައަޅަންޖެހޭ ހާލަތްތައްވެސް ވަނީ ބަޔާން ކޮށްފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *