ކޯޓު އަމުރާ ހިލާފްވެފައިވާ ކަމަށްބުނެ، އަދަދު ނޫހުގެ ނޫސްވެރިޔާ މުހައްމަދު ޝަހުޒާން ރައީސް އޮފީހުން ނެރެފިއެވެ.
އޭނާ ރައީސް އޮފީހުން ނެރުނީ، ރައީސް މުހައްމަދު މުއިއްޒަށް ތުހުމަތުތަކެއްކޮށް އަދަދު ނޫހުން އުފެއްދި ޑޮކިއުމެންޓްރީއާ ގުޅިގެން އެ މަނިކުފާނާ ކުރެއްވި ސުވާލަކާ ގުޅިގެންނެވެ. އެ ޑޮކިއުމެންޓްރީއާއި ގުޅިގެން ކްރިމިނަލް ކޯޓުން އިއްޔެ ވަނީ އަމުރެއް ނެރެފައެވެ.
އިއްޔެ ކޯޓުން ނެރުނު އެ އަމުރުގައި، ވަނީ، މި މައްސަލާގައި ކޯޓުން ވަކި ގޮތެއް ކަނޑައަޅަންދެން "އައިޝާ" ޑޮކިއުމެންޓްރީ ދައުރު ނުކުރުމަށާއި ސީދާ ގޮތުންނާއި ނުސީދާ ގޮތުންވެސް އެ ޑޮކިޔުމެންޓްރީގައި ދައްކާފައިވާ އެއްވެސް ވާހަކައެއް ނުދެއްކުމަށާއި ޑޮކިއުމެންޓްރީއާ ގުޅުވައި މައްސަަލައިގެ ހަސްމަކަށް ނުވަތަ ކުށުގެ ޝިކާރައަކަށްވި މީހާގެ އެއްވެސް ވާހަކައެއް ނުދައްކަން އަމުރު ކޮށްފައެވެ.
އެގޮތަށް އަމުރުކޮށްފައި ވަނިކޮށް، އަދަދު ނޫހުގެ ނޫސްވެރިޔާ މުހައްމަދު ޝަހުޒާން، ރައީސް މުއިއްޒު މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކަމާގުޅޭ ސުވާލެއް އަދަދު ނޫހުގެ ނޫސްވެރިޔާ ރައީސް މުއިއްޒަށް ކުރިމަތި ކުރެއްވިއެވެ. އެ ސުވާލު ކުރުމުން ރައީސް ވިދާޅުވީ ކޯޓުން "ގެގް އޯޑާ"އެއް ނެރެފައިވާ ކަމަށާއި އެ ސުވާލު ކުރުމުން ޝަހުޒާން ކޯޓު އަމުރާ ހިލާފުވެފައިވާ ކަމަށެވެ.
"އަޅުގަނޑު އެދެނީ ޝަހުޒާން މި މާލަން ދޫކުރައްވާ ވަޑައިގަންނަވަން، ކަނޑައެޅިގެން ދޮގު ވާހަކަ، ދޮގު ތުހުމަތު އަޅުގަނޑު ބޮލުގައި ތި އަޅުވަނީ." ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެ މަނިކުފާނުގެ ބޮލުގައި ދޮގު ތުހުމަތު އެޅުވުން ބަލައިނުގަންނާނެ ކަމަށާއި ރައީސް އޮފީހުގެ ޕްރެސް ރޫމްގައި ކޯޓު އަމުރާ ހިލާފު ކަމެއް ނުކުރެވޭނެ ކަމަށެވެ. މައިކުން އަޑުކަނޑާލާފައި ވަނިކޮށްވެސް ޝަހުޒާން ސުވާލު ކުރަން ފެށުމުން ރައީސް ވިދާޅުވީ ރައީސް އޮފީސް ތެރޭ 'ރޫލް އޮފް ލޯ' ހިފެހެއްޓޭނެ ކަމަށެވެ. އެއާއެކު، ސެކިއުރިޓީން ވަދެ ޝަހުޒާން އެ މާލަމުން ވަނީ ނެރެފަ އެވެ.





